
މިއަހަރުގެ ސްކޫލް ކުދިންގެ ލަވަ މުބާރާތަށް 7 ފަނޑިޔާރުންގެ ޕެނަލެއް
FruJyRyX0AE45Kj-scaled
8 އަހަރުގެ މެދުކެނޑުމަކަށްފަހު "އިންޓަރ ސްކޫލް ލަވަ މުބާރާތް" ގެނެސްދިނުމަށް މިވަނީ ތައްޔާރުވެފައެވެ.

މިއަހަރުގެ މުބާރާތް ގެނެސްދޭން ނިންމާފައިވަނީ ޕަބްލިކް ސަރވިސް މީޑިއާ، ޕީ.އެސް.އެމް، މިނިސްޓްރީ އޮފް އެޑިޔުކޭޝަން، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަދި މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ ދަށުން ހިންގާ ނެޝެނަލް ސެންޓަރ ފޯ ދި އާޓްސް، އެން.ސީ.އޭ ގުޅިގެންނެވެ.
ލަވަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ސްކޫލްތަކަށް ހުޅުވާލާ، މުބާރާތް ފެށުމުގެ އެންމެފަހުގެ ތައްޔާރީތައްވަމުން އަންނައިރު، މުބާރާތުގައި ފަނޑިޔާރުކަން ކޮށްދެއްވާނެ ފަރާތްތައް މިހާރު މިވަނީ ކަނޑައަޅާފައެވެ.
އެގޮތުން މިފަހަރުގެ މުބާރާތުގެ ފަނޑިޔާރުންނަކީ:
ކާނަލް ޢަލީ މަނިކު (ދާރި)
އާދަމް ނަޞީރު އިބްރާހީމް
ޝިފާ ތަޢުފީޤު
މުޙައްމަދު ޢާމިރު އަޙްމަދު (ފަރެސް)
މަރްޔަމް އުނޫޘާ
މުޙައްމަދު ޝުހައިލް
ފާޠިމަތު ފެޒްލީން
އިންޓަރ ސްކޫލް ލަވަ މުބާރާތް 2023 ގެ ފަނޑިޔާރުން ޕެނަލްގައި ހިމެނޭ ބޭފުޅުންގެ ތެރޭގައި ރާއްޖޭގެ މިއުޒިކް އިންޑަސްޓްރީގައި މިވަގުތުވެސް ފިޔަޖަހަމުން އަންނަ އަދި އެތައް ދިވެހިންނެއްގެ ލޯބި ހޯދާފައިވާ ފަންނާނުންނާއި މިއުޒީޝަނުން ހިމެނިފައިވެއެވެ. މީގެ ތެރޭގައި މީގެކުރިންވެސް ލަވަ މުބާރާތްތަކުގެ ފަނޑިޔާރުކަން ކޮށްދެއްވާފައިވާ ބޭފުޅުންނާއި، ދިވެހި ބަހާއި އަދަބިއްޔާތު ވަކިން ޚާއްސަކޮށް ޅެންވެރިކަމުގެ ދާއިރާއިން ފާހަގަކޮށްލެވޭ ބޭފުޅުން ހިމެނެއެވެ.
މިއަހަރުގެ ސްކޫލް ކުދިންގެ ލަވަ މުބާރާތުގައި މާލެއާއި އަތޮޅުތަކުގެ ސްކޫލްތައް ހިމެނޭހެން 32 ސްކޫލަކުން ޖުމްލަ 273 ދަރިވަރަކު ވާދަކުރާނެއެވެ. މުބާރާތް ކުރިއަށްދާނީ 6 އުމުރުފުރާއަކަށް ބަހާލައިގެންނެވެ. އަދި ކުދިންގެ ހުށަހެޅުންތައް ގެނެސްދޭން ހަމަޖެހިފައިވަނީ މިމަހުގެ 16 އިން 20 އަށް ކޮންމެ ދުވަހެއްގެ ހަވީރު 4 އިން 6 އަކަށް، އަދި ރޭގަނޑު 8 އިން 11 އަށް ޕީ.އެސް.އެމްގެ "ޔެސް ޓީވީ" މެދުވެރިކޮށެވެ. އަދި މުބާރާތުގެ ފައިނަލް ގެނެސްދިނުމަށް ހަމަޖެހިފައިވަނީ މިމަހުގެ 24 ވާ ހޮނިހިރު ދުވަހުގައެވެ.
"އިންޓަރ ސްކޫލް ލަވަ މުބާރާތަކީ" ސްކޫލް ކުދިންގެ މެދުގައި ޒަމާނުއްސުރެ ވަރަށް ވާދަވެރިކަމާއެކު ބާއްވަމުން އަންނަ މުބާރާތެކެވެ. 1988 ވަނަ އަހަރު ފެށި މި މުބާރާތަކީ ލަވަކިޔުމުގެ ހުނަރު އާލާކުރުމާއެކު، މި ފަންނުގައި ހަރަކާތްތެރިވާނެ ކުދިން އުފެއްދުމުގެ މަޤްޞަދުގައި ރާއްޖޭގައި ބާއްވަމުން އަންނަ މިފަދަ އެންމެ ދުވަސްވީ އަދި އެންމެ ބޮޑު މުބާރާތެވެ. މި މުބާރާތް އެންމެފަހުން ބާއްވާފައިވަނީ 2015 ވަނަ އަހަރުގައެވެ.