
މޫސުން ގޯސްވެ ކަނޑުގަދަވުމާއި ގުޅިގެން ސަމާލުވުމަށް އިލްތިމާސްކޮށްފި
Moosun
ރާއްޖޭގެ އެކި ސަރަހައްދުތަަކަށް މޫސުން ގޯސްވެ، ކަނޑު ގަދަވުމާއި ގުޅިގެން ސަމާލުވުމަށް މެރިން ޕޮލިހުން އިލްތިމާސްކޮށްފިއެވެ.

މެރިން ޕޮލިހުން ވިދާޅުވީ، މިހާރު ރާއްޖޭގެ އެކި ސަރަހައްދުތަކުގެ މޫސުން ގޯސްވެ، ކަނޑު ގަދަވެ ގަދަ ވަޔާއެކު ވިއްސާރަ ކުރާ ދުވަސްވަރަކަށްވަތީ، ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން ދަތުރު ފެށުމުގެ ކުރިން މޫސުމާއިބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް އިލްތިމާސް ކުރާ ކަމަށެވެ.
އަދި މޫދު ކުޅިވަރުތަކާއި މޫދަށް އެރި އުޅުމުގެ ކުރިން މޫސުމަށާއި، ކަނޑުގެ ހާލަތަށް ބެލުމަށާއި ސަލާމަތާއި ރައްކާތެރިކަން ޔަގީން ކުރުމަށް އިލްތިމާސްކުރާ ކަމަށްވެސް މެރިން ޕޮލިހުން ވިދާޅުވިއެވެ.
މެރިން ޕޮލިހުން މޫސުމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފައިވާއިރު، މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ މެދުރާއްޖެ ތެރެއަށް ހުދު ސަމާލު ނެރެފައެވެ. އެގޮތުން ބ އަތޮޅުން ފެށިގެން މ އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފައިވަނީ، ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފައެވެ.
މި ދުވަސްވަރަކީ ރާއްޖެއަށް ހުޅަނގު މޫސުމުގެ ދުވަސްވަރެވެ. އެގޮތުން ހުޅަނގު މޫސުން ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް މިދިޔަ މެއި މަހުގެ 3 ވަނަ ދުވަހު ފެށިފައިވާއިރު، އުތުރުގެ އަތޮޅުތަކަށް ހުޅަނގު މޫސުން ފެށިފައިވަނީ 4 ވަނަ ދުވަހުއެވެ.
ދިވެހިރާއްޖޭގައި އޮންނަ ދެ މޫސުމުގެ ތެރެއިން އިރުވައި މޫސުން ދެމިއޮންނާނީ މީލާދީ ގޮތުން ބަލާއިރު ގާތްގަނޑަކަށް ޖަނަވަރީ މަހުން ފެށިގެން މާރިޗު މަހުގެ ނިޔަލަށެވެ. އަދި ހުޅަނގު މޫސުން ދެމިއޮންނާނީ މެއި މަހުން ފެށިގެން ގާތްގަނޑަކަށް ނޮވެންބަރު މަހުގެ ނިޔަލަށެވެ.
ހުޅަނގު މޫސުމުގެ އަސަރުތައް އާންމު ގޮތެއްގައި މޭމަހުގެ ފުރަތަމަ ނުވަތަ ދެވަނަ ހަފްތާގެ ތެރޭގައި ދެކުނުގެ އަތޮޅުތަކަށް ފަށައެވެ. އަދި އޭގެ ފަހުން ހުޅަނގު މޫސުމުގެ އަސަރު މެދުރާއްޖެތެރެއަށް ފޯރައި، މެއި މަސް ނިމުމުގެ ކުރިން މުޅި ރާއްޖެއަށް ހުޅަނގު މޫސުން ފެށިގެންދެއެވެ.
ހުޅަނގު މޫސުން ފެށުނު ކަމަށް ބަލާ މިންގަނޑަކީ، 1 މެއި ގެ ފަހުން ދެކުނުގެ އަތޮޅުތަކަށް 2.5 މިލިމީޓަރު ނުވަތަ އެއަށްވުރެ އިތުރަށް ވާރޭ ވެހުމެވެ. އަދި މިހާލަތު ވިދިވިދިގެން ދެ ދުވަހަށް ނުވަތަ އިތުރަށް ދެމިގެން ދިއުމެވެ.
އަދި ވައިގެ މިސްރާބު ހުޅަނގު ދެކުނާއި ހުޅަނގާ ދެމެދު ހުރެފައި ގަޑިއަކު، 10 ނޯޓިކަލް މޭލަށްވުރެ ބާރުމިނުގައި ވައިޖެހި، އެ ހާލަތު ވިދިވިދިގެން 2 ދުވަހަށް ނުވަތަ އިތުރަށް ދެމިގެން ދިއުމެވެ.