
DSC_3706
ގދ ތިނަދޫ އާރު އަވަށު ދަނޑަކީ މިވަގުތު އެރަށުގައި ބާއްވާ ހުރިހާ ފުޓްބޯޅަ މުބާރާތްތަކާއި ހޭންޑްބޯލް މުބާރާތް ތަށް ބާއްވާ އެއްދަނޑެވެ. ދަނޑު ބޭނުންކުރާ ފަރާތްތަކުގެ އެންމެ ބޮޑު ކަންބޮޑުވުމަށް ވެފައި އޮންނަނީ ދަނޑުގެ ޖާގައިގެ ދަތިކަމެވެ. ހާއްސަކޮށް މުބާރާތްތަކާއި އެދަނޑުގައި ބާއްވާ އެހެނިހެން ހަރަކާތްތަށް ކަވާރ ކުރުމަށް ދާ ނޫސްވެރިންނަށް އެދަނޑުގައި ޖާގައިގެ ދަތިކަމާއި ކުރިމަތިލާން އޮޮންނަނީ ޖެހިފައި އެވެ.

ދަނޑުގައި އަލަށް އިތުރު ކުރެވުނު ދެބުރީގެ މި ޖާގައިގައި ލައިވް ކުރާ ފަރާތްތަކަށް ލައިވް ކުރެވޭނެ އިންތިޒާމްވެސް ވަނީ ހަމަޖައްސާފައި އެވެ. އެގޮތުން ލައިވް ކުރާ ފަރާތްތަކަށް ހާއްސަ ކޮންޓްރޯލް ރޫމެއްވެސް ވަނި ޤާއިމް ކޮށްފައި އެވެ. އަދި މީގެ އިތުރުން ނޫސްވެރިންނަށް ފަސޭހައިން އިވެންޓު ކަވާރ ކުރެވޭނެހެން ވަނީ ޖާގަތަކެއް ވެސް އިތުރުކޮށްފައި އެވެ.
ހަވަރު ސްޕޯޓްސްގެ ފައުންޑިންގ މެމްބަރެއް ކަމުގައިވާ މުހައްމަދު ޔާސިރު " ގާފު " އަށް މައުލޫމާތު ދެއްވަމުން ވިދާޅުވިގޮތުގައި އަލަށް އަޕްގްރޭޑްކުރެވުނު މި ޖާގައަކީ ފެނަކަ ކޯޕަރޭޝަންގެ ބޮޑު އެހީއަކާއި ގެނެވުނު އަޕްގްރޭޑެކެވެ. ޔާސިރު އިތުރަށް ވިދާޅުވި ގޮތުގައި މިޖާގައިގެ ސަބަބުން މުސްތަގްބަލުގައިވެސް ދަނޑު ބޭނުން ކުރާ ފަރާތްތަކަށް ފަސޭހަތަކެއް ވެގެން ދާނެކަމަށާއި ޚާއްސަކޮށް މުބާރާތްތަކުގެ ރަނގަޅު ކަވަރޭޖެއް ހެދުމުގެ ފުރުސަތު މީޑިއާ ތަކަށް ލިބިގެން ދާނެކަމަށެވެ.
އަލަށް ހެދުނު ރޮސްޓްރަމް އާއި ދެބުރިއަށް ހެދިފައިވާ މީޑީއާ އަށް ޚާއްސަ ޖާގަތަށް ރަސްމީކޮށް ބޭނުން ކުރަން ފެށުމަށް ހަމަޖެހިފައިވަނީ މިރޭ ފަށާއި އެސްޓީއޯ ހަވަރު ވުމެންސް ހޭންޑްބޯޅަ މުބާރާތައި އެކުއެވެ.
މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގައި ޖުމުލަ 10 ޓީމަކުން ވަނީ ބައިވެރިވެފައި އެވެ. މިމުބާރާތް ވެގެން ދާނީ ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު އަންހެން ހޭންޑްބޯޅަ މުބާރާތަށެވެ. އެގޮތުން ޗެމްޕިއަން ޓީމަށް 20،000 ރުފިޔާ ވަނީ ހުށަހަޅާފައި އެވެ.