
ޖަޒީރާ 103 އަށް ދިމާވި މައްސަލަ ހައްލުކޮށް އަލުން މަސް ކިރަން ފަށައިފި
photo1684417764
މިފްކޯއިން އަލަށް ގެނައި މަސް ބޯޓު ޖަޒީރާ 103 އަށް ދިމާވި މައްސަލަ ހައްލުކޮށް އަލުން މަސް ކިރަން ފަށާފައިވާ ކަމަށް އެކުންފުނިން ބުނެފިއެވެ.

މަސްވެރިން ރަނގަޅަށް މަސްބާނާ ދުވަސްވަރު މަސް ނުކިރޭ މައްސަލައަށް ހައްލެއް ހޯއްދަވައި ދެއްވުމަށް ސަރުކާރުން ވެފައިވާ ވައުދާ އެއްގޮތަށް މިފްކޯއިން އަލަށް ގެނައި މަސް ކިރާ ބޯޓަށް މަސް ކިރަން ފަށާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގައެވެ.
އަދި އެބޯޓަށް މަސް ކިރަން ފެށިތާ ދެތިން ގަޑިއިރުގެ ތެރޭގައި މައްސަލަޖެހި މަސް ކިރުން މެދުކެނޑުނު ނަމަވެސް، މިހާރު މައްސަލަ ހައްލުކޮށް އަލުން މަސް ކިރަން ފަށާފައިވާ ކަމަށާއި އެ ބޯޓު މިހާރު އޮތީ ގއ. ކޫއްޑޫ ބޭރުގައި ކަމަށް މިފްކޯއިން ބުނެއެވެ.
ޖަޒީރާ 103 ނަން ދީފައިވާ މި ބޯޓަކީ ދެ ފަރާތުން މަސް ކިރޭ ގޮތަށް ދެ ކްރޭން ހަރުކޮށްފައިވާ، ދުވާލަކު 120 މެޓްރިކު ޓަަނުގެ މަސް ގަނެ ފިނިކުރެވޭނެ، އަދި 420 މެޓްރިކް ޓަނުގެ މަސް ރައްކާ ކުރެވޭ ބޯޓެކެވެ. މި ބޯޓަކީ ދެކުނުގައި މަސްކިރުމަށް ހާއްސަކޮށްގެން ބޭނުންކުރާނެ ބޯޓެއް ކަމަށް މިފްކޯއިން ބުނެއެވެ.



