
DfQ0_wwUwAAWC8r
ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރު މިނިސްޓްރީން ދަނޑުވެރިކަން ތަރައްގީ ކުރަން ހުޅުވާލާ ހަ ރަށުގެ ތެރޭގައި ގދ. އޮއިނގިއްލާ ހިމެނިއްޖެއެވެ.

ގދ. އޮއިނގިއްލާގެ އިތުރުން ދަނޑުވެރިކަން ތަރައްގީ ކުރަން އިއުލާނު ކުރި ރަށްތަކަކީ ހއ. މަޑުލާއި ށ. ކަކާއެރިއަދޫ އާއި އެ އަތޮޅު ނެޔޮ އާއި ނ. ތޮޅެންދޫ އަދި ބ. މާއްޑޫ އެވެ.
މި ރަށްތަކުގެ ކުއްޔަކީ އަހަރަކަށް އަކަފޫޓަކަށް 10 ލާރި އެވެ. މި ރަށްތައް ނަގާ ފަރާތްތަކުން ބިމުގެ ސަރަހައްދުން ގިނަ ވެގެން 30 ޕަސެންޓުގައި މިނިސްޓްރީން ކަނޑައަޅާ ކާނާގެ ބާވަތްތައް ހައްދަން ޖެހެ އެވެ.
ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރު މިނިސްޓްރީން ބުނި ގޮތުގައި ދަނޑުވެރިކަމާ ގުޅުން ހުރި މަސައްކަތްތައް ކުރުމަށް ކުއްޔަށް ދިނުމަށްޓަކައި ހުޅުވާލި ހަ ރަށުގެ ބީލަން ކަރުދާހާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ބާއްވާ ޕްރީބިޑް މީޓިން ބައްދަލުވުން އޮންނާނީ މި މަހުގެ 19 ވަނަ ދުވަހު އެވެ. އެ މިނިސްޓްރީން ބުނި ގޮތުގައި މި ރަށްތަކުގެ މައުލޫމާތު ދިނުމަށް ޕްރީބިޑް މީޓިން ބާއްވަން ނިންމާފައި ވަނީ ޒޫމް މެދުވެރިކޮށެވެ. އަދި މި ފޯރަމްގައި ރަޖިސްޓްރީ ވާން ބޭނުންވާ ފަރާތް ތަކުން އީ-މެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެ އެވެ.
ދަނޑުވެރިކަމަށް ރާއްޖޭގައި ދޫކޮށްފައިވާ އެއްވެސް ރަށެއް އެއީ ދެކޮޅު ޖެހޭ ވިޔަފާރިއެއް ނޫން ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައިއެވެ. ނަމަވެސް ސަރުކާރުން ދެކޭ ގޮތުގައި ފަޅުރަށެއް ދޫކޮށް އެތަނުގައި ދަނޑުވެރިކަން ފުޅާކުރެވިއްޖެނަމަ ދިވެހި އުފެއްދުންތައް އިތުރުވެ، އިގްތިޞާދުވެސް ފުޅާވެގެންދާނެ އެވެ.