
ސިއްހީ ދާއިރާގެ މުސާރަތަކަށް ގެނައި ބަދަލަކީ، އެދާއިރާއިން އިތުރަށް ކިޔެވުމަށް ލިބޭނެ ހިތްވަރަކަށް ވެގެންދާނެ - ފައިސަލް
292117_cb89112e-f_
ޞިއްޙީދާއިރާގެ މުސާރަތަކަށް ގެނައި ބަދަލަކީ، އެދާއިރާއިން ކިޔެވުމަށް ލިބޭ އިތުރު ހިތްވަރަކަށް ވެގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާކުދިންނާއި، ދިވެހި ޢާއިލާތަކާ މިއަދު ބައްދަލުކޮށްލައްވައި ދެއްކެވި ވާހަކަފުޅުގައެވެ. މިބައްދަލުކުރެއްވުން އޮތީ، ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ވިދާޅުވީ، ޞިއްޙީ ދާއިރާގެ މުސާރައަށް ގެންނެވި ބަދަލުގެ އިތުރުން، އެ ދާއިރާގެ ތަރައްޤީއަށް ކުރައްވަންޖެހޭ އެހެނިހެން ކަންތައްތަވެސް ސަރުކާރުން މިހާރު ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި ޓީޗަރުންނާއި ޑޮކްޓަރުންނަކީ، ޤައުމަށާއި މުޖުތަމަޢަށް މުހިންމު ޚިދުމަތެއް ކޮށްދޭ ބައެއްގެ ގޮތުގައި ސަރުކާރުންދެކޭ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މިގޮތުން ރާއްޖޭގެ ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ ދިވެހިންގެ އަދަދު އިތުރުކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވިއެވެ.
އަދި ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން ޑޮކްޓަރުކަން ކިޔެވުމަށާއި، އަދި ޚާއްޞަ އެކި ދާއިރާތަކުން ސްޕެޝަލައިޒްވުމަށް ބަންގްލަދޭޝް ޚިޔާރުކުރާކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަ ކުރެއްވިއެވެ.
ބަންގްލަދޭޝް ސަރުކާރާއި ދިވެހި ސަރުކާރުގެ މެދުގައި އޮތް އެކުވެރި ގާތްގުޅުން ފާހަގަކުރައްވައި ނައިބު ރައީސް ވިދާޅުވީ ދިވެހި ދަރިވަރުންނަށް ވިސާ ހޯދުމުގައި ދިމާވި ދަތިތަކަށްވެސް މިހާރު ހައްލެއް ހޯދިފައިވާކަމަށާއި، ދުނިޔޭގެ ކޮންމެ ޤައުމެއްގައި ދިވެހިން ދިރިއުޅުނު ނަމަވެސް އެފަރާތްތަކަށް ދޭންޖެހޭ ޚިދުމަތްތަކުގައި ސަރުކާރުން ތަފާތެއް ނުގެންގުޅޭނެ ކަމަށެވެ. އަދި ރާއްޖެއިން ބޭރުގައި ވަޒީފާ އަދާކުރާ ދިވެހިންނާއި، އަދި ކިޔަވާ ކުދިންގެ ކަންކަން އަބަދުވެސް ޚާރިޖިއްޔާއިން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ބަންގްލަދޭޝްއަށް ވަޑައިގެންނެވީ، 6 ވަނަ އިންޑިއަން އޯޝަން ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގެންނެވުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައެވެ.