
އިތުރު ތަނެއްގައި މަސައްކަތް ނުކުރާ ސިއްޙީ ދާއިރާގެ މުވައްޒަފުންނަށް ހާއްސަ އެލަވަންސެއް
IMG_7364
ސިއްހީ ދާއިރާގެ މުވައްޒަފުން ވަޒީފާ އަދާކުރާ ހޮސްޕިޓަލް ފިޔަވައި އިތުރު ތަނެއްގައި މަސައްކަތް ނުކުރަން އެއްބަސްވާނަމަ ހާއްސަ އެލަވަންސެއް ދިނުމަށް ސަރުކާރުން ނިންމަވައިފިއެވެ.

ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ގެނައި ބަދަލާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ރައީސް އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕޭ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ޑރ. މުޙައްމަދު ފައިޒަލް ވިދާޅުވީ، "އެކްސްކްލޫސިވް ސާވިސް ބެނެފިޓް"ގެ ނަމުގައި ދޭ މި އެލަވަންސް ލިބޭނީ ސްޕެޝަލިސްޓް މެޑިކަލް ޕްރެކްޓިޝަނަރުންގެ ތެރެއިން ރޭންކު 10 އިން ފެށިގެން، ސަބް-ސްޕެޝަލިސްޓް މެޑިކަލް ޕްރެކްޓިޝަނަރުންގެ މަގާމުތަކުގައި ތިބި މުވައްޒަފުންނަށް ކަމަށެވެ. އަދި އެ އެލަވަންސް ލިބޭ މީހުންގެ ތެރޭގައި ޑެންޓިސްޓުންވެސް ހިމެނޭކަމަށް ޑރ.ފައިޒަލް ވިދާޅުވިއެވެ.
އެ އެލަވަންސް ދޭނީ ހޮސްޕިޓަލަކުން ޕޭ ކޮމިޝަނަށް ހުށަހެޅުމުން ކޭސް-ބައި-ކޭސް އުޞޫލުންކަމަށް ނަމަވެސް، އެލަވަންސްގެ ގޮތުގައި ކަނޑައަޅާފައިވާ މިންވަރެއް ޑރ ފައިޒަލް ހާމަކުރައްވާފައިނުވެއެވެ.
"މި އިނާޔަތަކީ ވަޒީފާ އަދާކުރާ ހޮސްޕިޓަލަށް އެކަނި އެ މުވައްޒަފުންގެ ހިދުމަތް ދިނުމަށް އެއްބަސްވެ، އިތުރު އެއްވެސް ތަނެއްގައި ޕްރެކްޓިސް ނުކުރުމަށް އެއްބަސްވެ، ވަޒީފާ އަދާކުރާ ހޮސްޕިޓަލުން ކަނޑައަޅާ އިތުރު ޒިންމާތައް އުފުލުމަށް އެއްބަސްވެ، އެ މުވައްޒަފާއި ވަޒީފާ އަދާކުރާ ހޮސްޕިޓަލާއެކު އެގްރީމެންޓެއްގައި ސޮއިކުރުމުން އެ މުވައްޒަފަށް ދެވޭ އިނަޔާތެއް." ޑރ. މުޙައްމަދު ފައިޒަލް ވިދާޅުވިއެވެ.
ސަރުކާރުން މުސާރައަށް ގެނައި ބަދަލާއެކު ސީނިއާ ސަބް-ސްޕެޝަލިސްޓް ކޮންސަލްޓަންޓުންގެ މުސާރަ ވަނީ 71649 ރުފިޔާއިން 98137 ރުފިޔާއަށް ބޮޑުކޮށްފައެވެ. ސަރުކާރުން ދެއްވި މައުލޫމާތުގައިވާ ގޮތުން، އެ މަގާމުގައި މިހާރު ތިއްބެވީ އައިޖީއެމްއެޗުގެ 14 ޑޮކްޓަރުންނެވެ.
ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗުގައި މަސައްކަތްކުރާ ސްޕެޝަލިސްޓް ޑޮކްޓަރުން ހޮސްޕިޓަލް ޑިއުޓީއަށްފަހު އަމިއްލަ ކްލިނިކުތަކާއި މެޑިކަލް ސެންޓަރުތަކުގައި އަގު ބޮޑުކޮށް ބަލާތީ އާންމުންގެ ފާޑުކިޔުމާއި ޝަކުވާ އަބަދުވެސް ވަރަށް ބޮޑެވެ.
ސަރުކާރުން ވަނީ މެޑިކަލް/ޑެންޓަލް އިންޓަރންޝިޕް ފުރިހަމަކުރާ ފަރާތްތަކުގެ ތެރެއިން ޚިދުމަތްކުރުމަށް އެގްރިމަންޓްކުރާ ފަރާތްތަކަށް އިންޓަރޝިޕް ފުރިހަމަކުރުމުގެގޮތުން މަސައްކަތަށް ނުކުންނަ ދުވަހަކަށް 400 ރުފިޔާގެ އެލަވަންސްއެއް ދިނުމަށް ނިންމާފައެވެ. އަދި ސައިކޮލޮޖީގެ ލައިސަންސް އާއި ކައުންސެލިންގެ ލައިސަންސް ފުރިހަމަކުރުމުގެ ގޮތުން ޕްރޮފެޝަނަލް ތަމްރީން ފުރިހަމަކުރާ މީހުންނަށްވެސް 400 ރުފިޔާގެ އެލަވަންސްއެއް ދިނުމަށް ވަނީ ނިންމަވާފައެވެ



