
Fu4JQTUaMAAYebk
މަސްވެރިކަމަށް ނުކުމެ އުޅުނު މަސް ދޯންޏެއްގައި ހުރި ފަޅުވެރިއެއްގެ ލޮލަށް ބުޅިއެއްހެރި އަވަސް ފަރުވާ ދިނުމަށް ތިނަދޫއަށް ގެނެސްފިއެވެ.

އެމްއެންޑީއެފުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، ގދ ތިނަދޫއާ 31 ނޯޓިކަލް މޭލު ބޭރުން މަސްވެރިކަން ކުރަމުންދަނިކޮށް، ފަޅުވެރިއެއްގެ ލޮލަށް ބުޅިއެއް ހެރި އަވަސް ފަރުވާބޭނުންވާ ކަމުގެ މައުލޫމާތު މިއަދު ހެނދުނު 09:55 އެހާކަންހާއިރު ލިބުމާއެކު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑު ފޯތު ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.
އެގޮތުން އެމްއެންޑީއެފްގެ ހާބަރ ކްރާފްޓްގައި ބަލިމީހާ މިއަދު 11:45 އެހާކަންހާއިރު ގދ ތިނަދޫ ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސްދީފައިވާ ކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.
މިހާދިސާ ހިނގާފައިވަނީ "އޯޝަން ލައިފް" ނަމަަކަށް ކިޔާ މަސް ދޯނީގައެވެ. މިމީހާ އަށް އިތުރު ފަރުވާ ދިނުމަށް މިހާރު މާލެ ފޮނުވާލާފައިވާ ކަމަށްވެސް މައުލޫމާތު ލިބެއެވެ.