
ޝާޒު ގުރައިދޫ ދާއިރާގެ މަޖިލިސް މެމްބަރު ކަމުގެ ހުވާ ކުރައްވައިފި
FudMHB8agAA46_4
ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެމްބަރު ކަމުގެ ހުވާ އެ ދާއިރާގެ މެމްބަރުކަމަށް އިންތިހާބުވެވަޑައިގެންނެވި އިބްރާހީމް ޝާޒު މިއަދު ކުރައްވައިފި އެވެ.

ދާދި ފަހުން އިންތިހާބުވެވަޑައިގެންނެވި ޝާޒު މަޖިލިސް މެމްބަރު ކަމުގެ ގާނޫނީ ހުވާ ކުރެއްވީ މަޖިލީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.
ގާނޫނީ ހުވާ އޭނާއަށް ލައި ދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު އެވެ. އެގޮތުން މިކަމަށް ބޭއްވި ޚާއްސަ ރަސްމިއްުޔާތުގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ގާނޫނީ ހުވާ ކުރެއްވުމާއި އެކު މެމްބަރު ޝާޒު ވަނީ މިއަދު މަޖިލީހުގެ ސެޝަނުގައި ބައިވެރިވެވަޑައިގެންފައެވެ.
މަޖިލީހުގެ ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވެ އައު މެމްބަރަކު އިންތިހާބު ކުރަން ޖެހުނީ އެ ދާއިރާ ތަމްސީލު ކުރައްވަމުން ގެންދެވި ޕީޕީއެމް މެންބަރު އަލީ ރިޒާ އަވަހާރަވުމާ ގުޅިގެންނެވެ. މެންބަރު ރިޒާ އަވަހާރަވެފައިވަނީ މި މިދިޔަ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހު ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށް މެލޭޝިޔާގައެވެ.