
DSC_5365
ރާއްޖޭގައި މިހާރު ކުރިަށްދާ ކޮވިޑް ވެކްސިނޭޝަން ޕްރޮގްރާމްގެ ދެވަނަ ޑޯޒް ދޭން ފަށާނެ ތާރީހު އަދި މުޅިން ފައިނަލް ނުކުރާ ކަމަށް ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19 ވެކްސިން ޖެހުމުގެ މަސައްކަތް ކުރިއަށް ދާގޮތުގެ ތަފްސީލް ހާމަކުރައްވަމުން ވެކްސިން އޮޕަރޭޝަންގައި އިސްކޮށްހުންނެވި މުހައްމަދު ހަމްޒަތު ވިދާޅުވީ މިހާރު ލިބިފައިވާ ހުރިހާ ވެކްސިނެއް ވެސް ދޭނީ ފުރަތަމަ ޑޯޒްގެ ގޮތުގައި ކަމަށެވެ. އަދި މި ވެކްސިން ޕްރޮގްރާމް މެދުނުކެނޑޭނެ ކަމަށާ މި މަހު އިތުރު ޑޯޒް ލިބޭނެ ކަމަށްވެސް ހަމްޒާ ވިދާޅުވިއެވެ. ދެވަނަ ޑޯޒުގެ ތާރީހް ކަޑައަޅާނީ ރާއްޖޭގައި ކޮވިޑް-19 އާއި ގުޅުން ހުރި ކަންކަން ކަނޑައަޅާ ޑޮކްޓަރުން އެކުލެވޭ ޓެކްނިކަލް ޓީމުންކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގައި ޖަހަނީ އިންޑިއާއިން ހަދިޔާކޮށްފައިވާ އޮކްސްޕޯޑް-އެސްޓަރެޒެނިކާގެ ވެކްސިން ކަމަށްވާ ކޮވިޝީލްޑެވެ. އިންޑިއާއިން ވަނީ ރާއްޖެއަށް ވެކްސިންގެ 100،000 ޑޯޒްގެ ވެކްސިން ހަދިޔާ ކޮށްފައެވެ. މިމަހުގެ ފުރަތަމަ ދުވަހު ފެށި މި ވެކްސިން ޕްރޮގްރާމްގައި މިހާތަނަށް 43،817 މީހަކަށް ވަނީ ވެކްސިން ދީފައެވެ.