
ދެވަނަ މެޗުން ވެސް މޮޅުވެ ގްރޫޕް ސީގެ އެއްވަނައިގައި އިގިރޭސިން ހަމަޖެހިލައިފި!
IMG_20230327_013251
ޔޫރޯ ކޮލިފައިންގެ ގްރޫޕް ސީގައި ޔުކްރެއިން އާއި ވާދަކޮށް 2-0 ގެ ނަތީޖާއަކުން މޮޅުވެ އިގިރޭސިން ގުރޫޕް އެއްވަނައިގައި ހަމަޖެހިލައިފި އެވެ.

މިރޭގެ މެޗުގެ ފުރަތަަމަ ހާފުގައި އިގިރޭސި ޓީމުން ދެލަނޑު ކާމިޔާބު ކުރިއިރު އެޓީމުގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފުގެ 37 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކެޕްޓަން ހެރީ ކޭން އެވެ. މިއީ އެޓީމު އާސެނަލް ފޯވާޑް ބުކަޔޯ ސަކާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
އިގިރޭސި ޓީމުގެ ދެވަަނަ ލަނޑު ފުރަތަމަ ހާފުގެ 40 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބުކަޔޯ ސަކާ އެވެ. މިއީ އެޓީމުގެ މިޑްފިލްޑަރު ޖޯޑަން ހެންޑަސަން ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. މިއާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން އިގިރޭސިން ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ވެސް ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅުނީ އިގިރޭސިންނެވެ. ނަމަވެސް މިހާފުގައި ދެޓީމުން ކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބުކުރެވޭ ގޮތެއްނުވި އެވެ.
ގުރޫޕް ސީ ގެ ފުރަތަަމަ މެޗުގައި ރަށުން ބޭރުގައި އިޓަލީ އަތުން މޮޅުވެފައި މިރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު ކުޅުނު ދެ މެޗުން ހަ ޕޮއިންޓް ހަމަކޮށް އިގިރޭސިން މިވަގުތު އޮތީ ގްރޫޕް ސީގެ އެއްވަނައިގައެވެ. މި ގުރޫޕްގެ ދެވަނައިގައި އޮތީ މިރޭ މޯލްޓާ އަތުން 2-0 ގެ ނަތީޖާއަކުން މޮޅުވި އިޓަލީ އެވެ.