
1320724741.0
ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކްގެ ކޯޗު މަގާމުން ވަކިކުރިތާ ގިނައިރުތަކެއް ނުވެ ތަޖުރިބާކާރު ކޯޗު ތޯމަސް ޓުޗެލް އެ މަގާމަށް އައްޔަން ކޮށްފިއެވެ.

ކުރިން ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑުގެ އިތުރުން ފްރާންސްގެ ޕީއެސްޖީ އަދި ޕްރެމިއާ ލީގުގެ ޗެލްސީއަށް ކޯޗުކަން ކޮށްދީފައިވާ ޓުޗެލް ބަޔާން މިޔުނިކުގެ ކޯޗްކަމުގެ މަގާމަށް ހަމަޖައްސާފައި މިވަނީ، ފާއިތުވެދިޔަ ސީޒަނުން ފެށިގެން އެކްލަބަށް އިރުޝާދު ދެމުން އައި ހޫލިއަން ނަގެލްސްމަން ރޭ ވަކިކުރުމަށްފަހުއެވެ.
ސީޒަނުގެ މެދުތެރެއިން 2021 ވަނަ އަހަރު ޗެލްސީއާ ހަވާލުވެ އެކްލަބަށް ޗެމްޕިއަންސް ލީގް ޓުޗެލް ކާމިޔާބުކޮށްދިން ނަމަވެސް ޖެހިގެން އައި ސީޒަނުގައި ޗެލްސީގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ޓުޗެލް މަގާމުން ވަކިކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. އޭގެ ފަހުން އޭނާ އެއްވެސް ޓީމަކާ ހަވާލުވެފައެއް ނުވެއެވެ.
ޕީއެސްޖީގައިވެސް ކާމިޔާބު މަސައްކަތްތަކެއް ކުރި ޓުޗެލް ވަނީ 2020 ވަނަ އަހަރު ޗެމްޕިއަންސް ލީގް ފައިނަލަށް ޕީއެސްޖީ ގެންގޮސްދީފައެވެ. އެފަހަރު ފައިނަލުގައި އެޓީމު ބަލިވީ ބަޔާން މިޔުނިކް އަތުންނެވެ.
ޑޯޓްމަންޑާއެކު 2017 ވަނަ އަހަރު ޖަރުމަން ކަޕް ޓުޗެލް ކާމިޔާބުކުރި ނަމަވެސް ބުންޑަސްލީގާގައި ބަޔާން މިއުނިކް ފަހަތަށް ޖައްސާލުމަށްފަހު ލީގް ޗެމްޕިއަންކަން ހޯދޭ ގޮތެއް ނުވިއެވެ.
ބަޔާން މިޔުނިކުގައި ޓުޗެލްއަށް ހަވާލުވާނެ އެންމެ ބޮޑު ޒިންމާއަކަށް ވަނީ ލީގު ކާމިޔާބު ކުރުމުގެ އިތުރުން ޗެމްޕިއަންސް ލީގް ކާމިޔާބު ކުރުމެވެ. ލީގުގައި ޑޯޓްމަންޑުގެ ފަހަތުން ދެވަނައިގައި ބަޔާން އޮތްއިރު ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި އެޓީމު ވާދަކުރަންޖެހެނީ އިގިރޭސި ޗެމްޕިއަން މެންޗެސްޓަރ ސިޓީ އާއި ދެކޮޅަށެވެ.