
IMG_20230324_065652
ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއްގައި މިރޭ އަމިއްލަ ދަނޑުގައި ޕެނަމާ އާއި ދެކޮޅަށް އާޖެންޓީނާ ކުޅުނު މެޗުގެ ފަހު މިނެޓްގައި ކާމިޔާބުކުރި ލަނޑާއެކު، ކެރިއަރުގައި މެސީގެ 800 ވަނަ ލަނޑު ހަމަކޮށްފިއެވެ.

މިރޭގެ މެޗު 2-0 ގެ ނަތީޖާއަކުން އާޖެންޓީނާ ކާމިޔާބުކުރި އިރު މި މެޗުގައި ހިލޭ ޖެހުމަކުން މެސީ ކާމިޔާބުކުރި ލަނޑަކީ ގައުމީ ޓީމަށް އޭނާ ކުޅެދިން 173 މެޗުގައި ކާމިޔާބުކުރި 99 ވަނަ ލަނޑެވެ. އަދި މިއީ މެސީގެ ފުޓްބޯޅަ ކެރިއަރުގައި ހިލޭ ޖެހުމުން އޭނާ ކާމިޔާބުކުރި 62 ވަނަ ލަނޑެވެ.
މި މެޗަކީ ދުނިޔޭގެ ޗެމްޕިއަން އާޖެންޓީނާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތައް ފަހު އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު ފުރަތަަމަ މެޗެވެ.
ފުރަތަަމަ ހާފުގައި ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުކުރެވިފައި ނުވާއިރު، މިހާފުގައި އާޖެންޓީނާ ޓީމުން އެންމެ ނުރައްކާތެރި ހަމަލާއެއް ފޮނުވާލީ މެސީ އެވެ. ފުރަތަަމަ ހާފުގެ 18 ވަނަ މިނެޓުގައި ހިލޭ ޖެހުމަކުން މެސީ ފޮނުވާލި ބޯޅަ އަމާޒުވީ ޕެނަމާގެ ގޯލުގެ ހުރަސް ދަނޑިއަށެވެ.
ދެވަަނަ ހާފްގައި ވެސް އާޖެންޓީނާ އިން ރަގަޅަށް ކުޅެމުއައި މި މެޗުގައި އެޓީމަށް ލީޑު ނަގައިދިނީ 78 ވަނަ މިނެޓުގައި ޒުވާން މިޑްފިލްޑަރު ތިއާގޯ އަލްމާޑާ އެވެ. މިއީ އެޓީމުގެ ލިއަންޑްރޯ ޕެރެޑެސް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
މިމެޗުގައި އާޖެންޓީނާގެ ދެވަނަ ލަނޑު 89 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ހިލޭ ޖެހުމަކުން ކާމިޔާބުކޮށްދިނީ ކެޕްޓަން ލަޔޮނަލް މެސީ އެވެ.
މިރޭގެ މެޗުގައި މެސީ ހިލޭ ޖެހުމަކުން ލަނޑުޖެހި އިރު، ޔޫރޯ ކޮލިފައިންގައި ވާދަވެރި ކްރިސްޓިއާނޯ ރޮނާލްޑޯ ވެސް ވަނީ މިރޭ ލިޗެންސްޓައިން އާއި ދެކޮޅަށް ހިލޭ ޖެހުމަކުން ލަނޑެއް ކާމިޔާބުކޮށްފައެވެ. އަދި މިރޭގެ މެޗާއި އެކު ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅުމުގެ ރެކޯޑް ރޮނާލްޑޯއަށް ލިބިގެންދިޔައިރު، ގައުމީޓީމަށް އެންމެ ގިނަ ލަނޑުޖަހައިފެން ރޮނާލްޑޯ ހަދާފައިވާ ރެކޯޑު މިހާރު ވަނީ 120 ލަނޑަށް އިތުރުވެފައެވެ.