
photo_2023_03_22_14_23_55_6d7a31de92 (1)
ރަމަޟާން މަހު އަމިއްލަ މުދަލަށް ރައްކާތެރިވުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން އިލްތިމާސްކުރައްވައިފި އެވެ.

ފުލުހުން ވިދާޅުވީ، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އަބަދުވެސް މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ރައްޔިތުންގެ މުދަލާއި ގެދޮރުގެ ސަލާމަތާއި ރައްކާތެރިކަމާއި ރަށުތެރެ ބެލެހެއްޓުމާއި މަގުތައް ތަރުތީބުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގައި ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުން މި ރަމަޟާން މަހުވެސް ބޭނުންވާ ކަމަށެވެ.
އެގޮތުން، ރަމަޟާން މަހުގެ ދުވާލާއި ރޭގަނޑުގެ ވަގުތުތަކުގައިވެސް ގެ ހުސްކޮށްފައި ގެއިން ބޭރަށްދާނަމަ، ދިއުމުގެ ކުރިން ގޭގެ ހުރިހާ ކުޑަދޮރުތަކާއި ބެލްކަނިދޮރު، ފެންލައިޓު އަދި ވައިގޮޅި ފަދަ ތަންތަންވެސް ވައްކަންކުރުމަށް މަގުފަހިނުވާނޭހެން ރަނގަޅަށް ތަޅުލުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ފޯނު، ލެޕްޓޮޕް، ޓެބްލެޓް، އައިޕެޑް، ވޮލެޓް، އަތުކުރީގަޑި އަދި ފައިސާއާއި އެހެނިހެން ތަކެތިވެސް ވައްކަންކުރުމަށް މަގުފަހިވާގޮތަށް ގޭތެރޭގައި ނުބެހެއްޓުމަށްވެސް ވަނީ އިލްތިމާސްކުރައްވާފައެވެ.
އޭގެ އިތުރުން، ދުވާލާއި ރޭގަނޑުގެ ވަގުތުތަކުގައިވެސް މަގުމަތީގައި ހިނގާބިނގާވެ އުޅުމުގައި، ފޭރުމުގެ އަމަލެއް ހިންގުމަށް މަގުފަހި ނުވާނޭހެން ތިމާ ގެންގުޅޭ ތަކެއްޗަށް ރައްކާތެރިވުމަށާއި އަޅުކަންކުރުމަށް މިސްކިތުގައި ހޭދަކުރާ ވަގުތުތަކުގައިވެސް ފޯނު، ވޮލެޓު އަދި ދަބަސްފަދަ ތަކެއްޗަށް ސަމާލުވެ ރައްކާތެރިކުރުމަށް އިލްތިމާސްކުރައްވާފައިވެއެވެ. އަދި އޮފީސްތަކާއި ފިހާރަތައްވެސް ބަންދުކޮށްފައިދާއިރު ދޮރުތައް ރަނގަޅަށް ތަޅުލުމަށާއި ފިހާރަތެރޭގައި ފައިސާ ނުބެހެއްޓުމަށްވެސް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.
މި އަހަރުގެ ރަމަޟާންމަހު ވައްކަމުގެ މައްސަލަތައް މަދުކުރުމަށް ކޮންމެ ފަރުދަކުވެސް ތިމާގެ އަމިއްލަ މުދަލަށް ރައްކާތެރިވުމަށް މަސައްކަތްކުރުމަށް ފުލުހުންވަނީ އެދިލައްވާފައެވެ. އަދި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަދި މުޖުތަމައުގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ފުލުހުން ކުރަމުންދާ މަސައްކަތުގައި އެއްބާރުލުން ދެއްވުމަށްވެސް ވަނީ އެދިލައްވާފައެވެ.