
Screenshot 2023-03-20 at 9.17.37 PM
ރަޝިޔާ - ޔޫކްރެއިން ހަނގުރާމަ ފެށުނު ފަހުން ފުރަތަމަ ފަހަރަށް ޗައިނާގެ ރައީސް ޝީ ޖިންޕިން ރަސްމީ ދަތުރުފުޅުއްގައި ހޯމަ ދުވަހު ރަޝިއާއަށް ވަޑައިގެންފި އެވެ.

ޝީގެ މި ދަތުރުފުޅަކީ ޔޫކްރެއިންގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ރަޝިޔާ އާއި ހުޅަނގުގެ ގައުމުތަކުގެ މެދުގައި ނުތަނަވަސްކަން އުފެދިފައިވާ ދަނޑިވަޅެއްގައި ކުރައްވާ ދަތުރުފުޅެކެވެ.
ޝީ ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިންއާ ބައްދަލުކުރައްވައި، ޔޫކްރެއިންގެ މައްސަލަ ނިމުމަކަށް ގެނައުމަށް ޗައިނާއިން ހުށަހަޅާފައިވާ ހުށަހެޅުންތަކާ އެކު ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ރިޕޯޓުތަށް ބުނެއެވެ.
މި ދަތުރުފުޅާއި ދިމާކޮށް ހޯމަ ދުވަހު ދެ ލީޑަރުން ވަކިވަކިން ލިޔުންތަކެއް ޝާއިއު ކުރެއްވި އިރު، އެ އިން ކޮންމެ ލިޔުމެއްގައި ވެސް ދެ ގައުމުގެ ގުޅުންތަކުގެ މުސްތަގުބަލަށް ޓަކައި ދެ ބޭފުޅުންގެ ވިސްނުން ބަޔާންކޮށްފައިވެ އެވެ.
ޕޫޓިންއަކީ އޭނާގެ "ރަނގަޅު ދުވަސްވީ ރަހުމަތްތެރިޔާ" ކަމަށް ވިދާޅުވެ ޝީ ވަނީ ޕުޓިންއަށް ތައުރީފު ކުރައްވައި، ޔޫކްރެއިންގެ މައްސަލަ ހައްލުކުރާނެ ގޮތަކާ މެދު ޗައިނާއިން ހުށަހެޅި ހުށަހެޅުންތަކުން ދުނިޔޭގެ ވިސްނުން ދައްކުވައިދޭ ކަމަށް ވިދާޅުވެފައެވެ. ޝީގެ ދަތުރުފުޅަށް އުއްމީދު ކުރައްވާ ކަން ހާމަކުރައްވަމުން ޕޫޓިން ވިދާޅުވީ މަޝްވަރާތަކަށް ވަރަށް ބޮޑު އުއްމީދެއް އެބައޮތް ކަމަށެވެ.
ރަޝިޔާގެ ކްރެމްލިނުން ބުނީ ޕުޓިންގެ މި ދަތުރުފުޅުގައި ޔޫކްރެއިންގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅޭ ގޮތުން ރަޝިއާއިން ދެކޭ ގޮތް ސާފުކޮށްދެއްވާނެ ކަމަށެވެ. ކްރެމްލިންގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯވް ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ޔޫކްރެއިންއަށް ޗައިނާއިން ގެންގުޅޭ ސުލްހައިގެ ޕްލޭނާ ބެހޭ ގޮތުން ދެ ލީޑަރުން މަޝްވަރާ ކުރައްވާނެ ކަމަށެވެ، ނަމަވެސް އިތުރު ތަފްސީލެއް އޭނާ ނުދެއްވައެވެ.
ޗައިނާގެ ސަރުކާރުން ރަޝިއާއަށް ކުރައްވާ ދަތުރުފުޅުގައި ހާސިލް ކުރައްވާނެ ކަމަށް އުއްމީދު ކުރައްވާ ކަންތައްތަކުގެ ވަކި ތަފްސީލެއް ހާމަކޮށްފައި ނުވި ނަމަވެސް، ރަޝިއާ އާއި ޔޫކްރެއިންއާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކުގައި ނިއުޓްރަލް ޕާޓީއެއްގެ ގޮތުގައި އަދި މައްސަލަ ނިމުމަކަށް ގެނައުމަށް އެކަށީގެންވާ މެދުވެރިއެއްގެ ގޮތުގައި ޗައިނާ އިން މީގެ ކުރިން ވަނީ އަމިއްލަ އަށް ތިބުމަށް މަސައްކަތްކޮށްފަ އެވެ.
ޝީ މިއަދު ރަޝިޔާއަށް ވަޑައިގެންފައިާއިރު ޕުޓިންއާއި އެކު ރަސްމީ މަޝްވަރާތަށް ބާއްވާނެ ވަގުތެއް އަދި ހާމަކުރައްވާފައެއް ނުވެއެވެ.