
ގާސިމް މަރާލިކަމަށް އަދުހަމްގެ މައްޗަށް ކުށް ސާބިތުވާކަމަށް ހުކުމްކޮށްފި
l_2020_02_11_122115_q3n2rzto9muf6xghljdyp8ki5e4b7vcsw1a_EN_
ޓެކްސީ ޑްރައިވަރު ޤާސިމް ޙަސަން މަރާލި މައްސަލާގައި ދައުވާލިބޭ އަދުހަމް މުޙައްމަދުގެ މައްޗަށް ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހު އަދުހަމް، ޤާސިމަށް ވަޅިއަކުން ހަމަލާދީ މަރާލާފައިވަނީ ދަތުރެއްކުރުމަށް ކަމަށް ބުނެ ޓެކްސީއަށް އެރުމަށްފަހު ފޭރެން ކުރި މަސައްކަތް ނާކާމިޔާބުވުމުންނެވެ. މި މައްސަލާގައި ދައުވާ ލިބޭ ޅ. ހިންނަވަރު ބޮޑުހިޔާގޭ އަދުހަމް މުޙައްމަދު ވަނީ ކުށަށް ޢިއުތިރާފުވުމަށްފަހު ފަހުން ބޭއްވި ޝަރީއަތްތަކުގައި ޤާސިމަށް ހަމަލާދިނީ މަސްތުގެ ހަލާތުގައިހުރެ ގަސްތުގައި ނޫންކަމަށް ބުނެފައެވެ.
މިމައްސަލާގައި ހުކުމް އިއްވަމުން ޤާސީ ނަދީމް ވިދާޅުވީ، ޤާސިމް ޙަސަން މަރާލި ސަރަޙައްދުން ފެނުނު ވަޅިން، މި މައްސަލާގައި ދައުވާލިބޭ އަދުހަމް މުޙައްމަދުގެ ޑީ.އެން.އޭ ފެނިފައިވާތީ ވަޅި ހެރިކަމާއިމެދު އެއްވެސް ޝައްކެތް ނެތްމިންވަރަށް ޔަޤީންވާ ކަމަށެވެ. އަދި ވަޅީގެ މައްސަލާގައި އަދުހަމް އެކިފަހަރު އެކި ގޮތަށް ވާހަކަ ދެއްކިޔަސް، ވަޅި ހެރިކަމަށް އޭނާ އެއްބަސްވެފައިވާކަމަށެވެ.
ޤާސިމް މަރާލުމުގައި އަދުހަމް ޤާސިމްގެ ކަރަށް ވަޅި ހަރާފައިވަނީ ގަސްތުގައި މީހަކު މަރާލުމުގެ ނިޔަތުގައި ނޫންކަމަށް ބުނި ނަމަވެސް އޭނާގެ އަމަލުތަކުންނާއި ވަޅިހެރުމަށްފަހު، ކުށުގެ ވެށިން ފިލުމަށް ކުރި މަސައްކަތުންވެސް މިއީ އޭނާ ގަސްތުގައި ކޮށްފައިވާ ކަމެއްކަން ހާމަވާކަމަށެވެ. އޭނާހުރީ މަސްތުގެ ހާލަތުގައި ކަމަށް ބުނި ނަމަވެސް އޭނާ އެވަގުތު ހުރީ އޭނާ ކުރި ޢަމަލުގެ ނަތީޖާ ނުވިސްނޭ ހާލަތުގައި ނޫންކަމަށްވެސް އަދުހަމަށް ހުކުމް އިއްވަމުން ޤާޒީ ވިދާޅުވިއެވެ.
އަދި ހަމަ މިއާއިއެކު ޤާސިމްގެ މަރާއި ގުޅިގެން ހެދި މެޑިކަލް ރިޕޯޓާއި، އަދި ލީގަލް ރިޕޯޓާއިމެދުވެސް އަދުހަމް ސުވާލު އުފައްދާފައިނުވާކަން ގާޒީ ފާހަގަކުރެއްވިއެވެ. ކޮންމެ މީހަކީވެސް ދިރިހުރުމުގެ ޙައްޤު ލިބިގެންވާ މީހަކަށްވާއިރު އެއްވެސް މީހެއްގެ ލޭހުއްދަކޮށް މަރާލުމަކީ އެއްވެސް މީހަކަށް ލިބިގެންވާ ޙައްޤެއް ނޫންކަމަށްވެސް ޤާޒީ ވިދާޅުވިއެވެ.
އަދުހަމްގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައެޅިޔަސް، އޭނާގެ އަބަދު ކަނޑައަޅާނީ ޤާސިމްގެ ވާރިސުންގެ ބަހެއް ހޯދުމަށްފަހުއެވެ. ޝަރީއަތުގައި ދެން އޮންނާނީ ވާރިސުންގެ ބަސް ނެގުމެވެ. ޤާސިމްގެ ވާރިސުންގެ ގޮތުގައި ފަސް މީހަކު އެބަތިއްބެވެ.