logoEN
ޕީއެންސީ 2
ކޯވިޑް19: ފަރުވާގެ ގޮތުގައި ވެކްސިން އުފެއްދުމާއި އެ މަސައްކަތްކުރާ ގޮތާއި އޭގެ ޔަގީންކަން

ކޯވިޑް19: ފަރުވާގެ ގޮތުގައި ވެކްސިން އުފެއްދުމާއި އެ މަސައްކަތްކުރާ ގޮތާއި އޭގެ ޔަގީންކަން

އަޙްމަދު ޖަމީލު

logo

2/12/2021, 4:33:38 PM

RNA-COVID-vaccine-lg_0

އިންސާނުންގެ ނޭވާލާ ނިޒާމަށް ޖެހޭ އާ ބައްޔެއް ޗައިނާއިން ފެނިގެން އުޅޭކަމުގެ ޚަބަރުތައް އެންމެ ފުރަތަމަ ފެތުރެން ފެށީ 2019 ވަނަ އަހަރުގެ ފަހުކޮޅުއެވެ. އެދުވަހުން ފެށިގެން ސައިންސްވެރިން ދިޔައީ މި ބައްޔާއި ބެހޭގޮތުން ދިރާސާތައް ކޮށް ހޯދުންތައް ހޯދަމުންނެވެ. އެގޮތުން މި ބަލި ފެތުރެނީ "ކޮރޯނާވައިރަހެއްގެ" ސަބަބުން ކަމަށާއި އެ ވައިރަހަށް 2019-ނޮވެލް ކޮރޯނާ ވައިރަސް ގެ ނަން ދެވިފައިވާކަން ސައިންސްވެރިން ހާމަކުރެއްވިއެވެ. އަދި ފަހުން މި ބައްޔަށް ކޯވިޑް-19 ގެ ނަން ދެވުނެވެ. މި ބަލި ފެތުރެމުން ދިޔަ މިންވަރާއި ބަލީގެ އަސަރު އިންސާނުންނަށް ކުރަމުންދިޔަ މިންވަރަށް ރިޢާޔަތްކޮށް، މިއީ މުޅި ދުނިޔޭގެ ޢާންމު ސިއްޙަތަށް އޮތް ނުރައްކަލެއް ކަމަށް ބަޔާންކޮށް، ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ، ޑަބްލިއު.އެޗް.އޯ އިން 2020 ޖެނުއަރީ 30 ގައި ޕަބްލިކް ހެލްތް އެމަރޖެންސީ އޮފް އިންޓަރނޭޝަނަލް ކޮންސަރން އިޢުލާންކުރިއެވެ. އަދި 2020 މާރޗް 11ގައި މި ބަލި ޕެންޑެމިކެއްގެ ގޮތުގައި ދަރަޖަ ކުރެވުނެވެ.

ޝަރީ 2024

އޭރުއްސުރެން ސައިންސްވެރިންނާއި މަޝްހޫރު އެތައް ޢިލްމީ މަރުކަޒުތަކަކުން މި ބައްޔަށް ފަރުވާއެއް ހޯދުމުގެ ދިރާސާތައް މެދުކެނޑުމެއްނެތި ވަރަށް ހަލުވިމިނެއްގައި ކުރިއަށް ގެންދިޔައެވެ. އެފަދަ ދިރާސާތަކުގެ ނަތީޖާއެއްގެ ގޮތުން ކޯވިޑް19 އިން ދިފާޢުވުމަށް ބޭނުންކުރެވިދާނެ ވެކްސިންތަކެއް މިހާރު ދުނިޔޭގެ އެކި ގައުމުތަކުގައި ވަނީ އުފައްދާފައެވެ. މިވަގުތުވެސް އިންސާނުން ބޭނުންކޮށްގެން ޓެސްޓްކުރެވެމުންދާ 67 ވެކްސިނެއްގެ ކްލިނިކަލް ޓްރައަލްތައް ކުރިއަށްދާއިރު އޭގެތެރެއިން 20 ވެކްސިނެއްގެ މަސައްކަތްތައް އުޅެނީ އެންމެ ފަހު މަރުހަލާގައެވެ. އަދި އިތުރު 80 އަށްވުރެ ގިނަ ވެކްސިންތަކުގެ ޕްރި-ކްލިނިކަލް ތަހުލީލުތައް މިހާރުވެސް ކުރިއަށް އެބަދެއެވެ.

ވެކްސިންތަކަކީ ޢާންމުގޮތެއްގައި ވަރަށްގިނަ އަހަރުތަކެއްގެ ދިރާސާތަކަކަށްފަހު ބޭނުންކުރުމުގެ ހުއްދަ ދެވޭ އެއްޗެއް ނަމަވެސް މި ފަހަރު ވެކްސިންތައް އުފައްދައި އެ ބޭނުންކުރުމުގެ ހުއްދަ ދެވިގެން މިދަނީ ވަރަށް ވެސް ކުރު މުއްދަތެއްގެ ތެރޭގައެވެ. މިއީ އާ ޓެކްނޮލެޖީތަކާއި އީޖާދުތަކުގެ އިތުރުން ފާއިތުވެ ދިޔަ އަހަރުތަކުގައި ކުރެވުނު ދިރާސާތަކުގެ ނަތީއްޖާއެވެ. މިކަމާއި ބެހޭގޮތުން ޕްރޮފެސަރ ހަސަން އުގައިލް ވިދާޅުވެފައި ވަނީ، މަދު ދުވަސްކޮޅެއްގެ ތެރޭގައި ކޯވިޑް19ގެ ވެކްސިނެއް އުފެއްދުމަކީ މި ފަހުގެ ތާރީޚެއްގައި ކުރެވުނު އެންމެ ވަރުގަދަ އެއް މަސައްކަތް ކަމަށެވެ. އަދި މިއީ ސައިންސްގެ ދާއިރާއަށް ލިބުނު ކާމިޔާބީއެއްގެ ގޮތުގައި ޕްރޮފެސަރ އުގައިލް ވަނީ ސިފަކުރައްވާފައެވެ. މިއީ ކިތަންމެ ކުރު މުއްދަތެއްގެ ތެރޭގައި އުފެއްދިފައިވާ ވެކްސިންތަކެއް ނަމަވެސް މިއިން ކޮންމެ ވެކްސިނަކީ ވެސް ފުރިހަމަ ކުރަންޖެހޭ ތަހުލީލުތަކާއި ހިފަހައްޓަންޖެހޭ އުސޫލުތައް ހިފަހައްޓައި ވެކްސިން އުފެއްދުމުގެ މަރުހަލާތައް ނިންމާފައިވާ ވެކްސިންތަކެކެވެ.

ވެކްސިން މަސައްކަތް ކުރާ ގޮތް

އިންސާނާގެ ދިފާޢީ ނިޒާމަކީ ވަރަށް ފުރިހަމަ ނިޒާމެކެވެ. އިންސާނާއަށް ކުރިމަތިވެދާނެ ނުރައްކަލަކުން އޭނާ ސަލާމަތްކުރުމަށް ހަށިގަނޑުގެ ހުރިހާ ގުނަވަނެއްހެން މަސައްކަތްކުރެއެވެ. ހަށިގަނޑަށް އެއްވެސް ޖަރާސީމެއް ވަދެއްޖެ ނަމަ އެކަން އިންސާނާގެ ދިފާޢީ ނިޒާމުން ދެނެގަނެ، އެ ޖަރާސީމެއް ނައްތާލައެވެ. މިގޮތަށް ޖަރާސީމް ނައްތާލެވުމުން އިންސާނާގެ ހަށިގަނޑުގައި އެ ޖަރާސީމާއި ބެހޭ މަޢުލޫމާތު ރައްކާކުރެވެއެވެ. "މެމޮރީ ސެލްސް" ގެ ގޮތުގައި އެ މަޢުލޫމާތު ރައްކާ ކުރުމުގެ ބޭނުމަކީ ދެވަނަ ފަހަރަށް އެ ޖަރާސީމު، ނުވަތަ އެއާ ވައްތަރު ޖަރާސީމެއް ހަށިގަނޑަށް ވަދެއްޖެ ނަމަ އެއިން ހަށިގަނޑު ދިފާޢު ކުރުން އަވަސް ކުރުމެވެ. ގިނަފަހަރަށް ބަލިވާކަން އިހުސާސް ވެސް ނުކުރެވެނީސް އެ ޖަރާސީމެއް ނައްތާލެވެއެވެ.

ވެކްސިން ވެސް މަސައްކަތް ކުރަނީ މިގޮތަށް "މެމޮރީ ސެލްސް" ތަކެއް ހަށިގަނޑުގައި އުފައްދައި ދީގެންނެވެ. ވެކްސިންގައި އެކުލެވެނީ ބަލި ޖައްސާ ޖަރާސީމުގެ ބައެއް ނުވަތަ އޭގެ ބާރުކުޑަ ވައްތަރެކެވެ. ވެކްސިން ޖެހުމުން ޢާންމު އުސޫލުން އިންސާނާގެ ދިފާޢީ ނިޒާމު މަސައްކަތްކޮށް އެ ޖަރާސީމު ނައްތާލުމަށް ބޭނުންވާ އެންޓިބޮޑީސް ހަށިގަނޑުގައި އުފައްދައެވެ. އަދި އެ މަޢުލާމާތު "މެމޮރީ ސެލްސް" ތަކުގައި ރައްކާ ކުރެވުމުން އަސްލު ބަލިޖައްސާ ޖަރާސީމު ހަށިގަނޑަށް ވާސިލް ވިޔަސް އޭގެ އަސަރު ނުފޯރަނީސް ނައްތާލެވެއެވެ.

ވެކްސިން އުފެއްދުން

ޢާންމުގޮތެއްގައި ވެކްސިންތައް އުފައްދާފައި ހުންނަނީ ބަލި ޖައްސާ ވައިރަސް ނުވަތަ ބެކްޓީރިއާގެ ބާރު ދަށްކޮށްގެން، ނުވަތަ އޭގެ ބައެއް ބޭނުންކޮށްގެންނެވެ. މީގެ އިތުރުން އެހެން ބައެއް ކެމިކަލްތައް ވެސް ވެކްސިންގައި އެކުލެވިގެންވެއެވެ. މިގޮތަށް ބޭނުންކުރެވޭ ކޮންމެ ކެމިކަލްއަކީ ވެސް އުފެއްދުމުގެ މަރުހަލާގައި ވަކިވަކިން ޓެސްޓްކުރެވޭ މާއްދާތަކެކެވެ. ޢާންމު ގޮތެއްގައި ބޭނުންކުރެވޭ މިފަދަ ކެމިކަލް މާއްދާތަކުގެ ބޭނުމަކީ ވެކްސިން ގިނަ ދުވަހަށް ބެހެއްޓުމާއި، ވެކްސިންގައި އިތުރު ކެމިކަލް ރިއެކްޝަންތައް ހިނގައިދިޔުން ހުއްޓުވުމާއި، ވެކްސިންގެ ބާރު ވަރުގަދަކުރުމެވެ. ވެކްސިންގައި އެކުލެވޭނެ މާއްދާތައް ދެނެގަތުމަށްފަހު ނުވަތަ ވެކްސިންގެ ފޯމިއުލާ ދެނެގަތުމަށްފަހު ދެން ފެށެނީ ވެކްސިންގެ ޕްރި ކްލިނިކަލް ޓްރައަލްއެވެ. މި މަރުހަލާގައި ޖަނަވާރުތަކުގައި ވެކްސިން ޓެސްޓްކޮށް ދިފާޢީ ނިޒާމުގައި ވެކްސިން މަސައްކަތް ކުރެވޭތޯ ދެނެގަނެވެއެވެ. ވެކްސިން މަސައްކަތް ކުރާ ކަން ކަށަވަރުވުމުން ދެން އިންސާނުންގެ ގައިގައި ވެކްސިން ޓެސްޓް ކުރުމުގެ ކްލިނިކަލް ޓަރައަލްތައް ފެށެއެވެ. މިގޮތުން ފުރަތަމަ ފޭސް ގައި ވެކްސިން ދެވެނީ ވެކްސިން ޓެސްޓްކުރުމަށް ވޮލަންޓިއާ ކުރާ، ޒުވާން، ސިއްޙަތު ސަލާމަތުން ތިބޭ މަދު ބަޔަކަށެވެ. އެ ފޭސްގެ ޓްރައަލްތައް ކާމިޔާބުކުރެވި ވެކްސިންގެ ރައްކާތެރިކަން ކަށަވަރުކުރެވުމާއެކު ދެވަނަ ފޭސް ގެ ޓަރައަލްތައް ފެށެއެވެ. ދެވަނަ ފޭސް ގައި ވޮލަންޓިއާ ކުރާ ގިނަ ބަޔަކަށް ވެކްސިން ދެވެއެވެ. އަދި ދެވަނަ ފޭސް ގައި ވެކްސިން ދެވެނީ އެއް ޖިންސެއްގެ އެއް ޢުމުރުފުރައެއްގެ ބަޔަކަށެވެ. ދެވަނަ ފޭސްގައި ވެސް ވެކްސިންގެ ރައްކާތެރިކަން އިތުރަށް ޔަގީންކުރުމަށް ފަހު ތިންވަނަ ފޭސް ގެ ޓްރައަލްތައް ފެށެއެވެ. މި ފޭސް ގައި އެތައްހާސް ބަޔަކަށް ވެކްސިން ދެވި ޓެސްޓްކުރެވެއެވެ. ދެވަނަ އަދި ތިންވަނަ ފޭސްގައި ވެކްސިން ޓެސްޓުކުރެވޭއިރު ވެކްސިން އާ ވައްތަރު އެހެން މާއްދާއެއް ނުވަތަ ޕްލެސީބޯއެއް ބައެއް މީހުންނަށް ދެވެއެވެ. މީގެ ބޭނުމަކީ އެ ވެކްސިން އިން ބަލިޖެހުމުން ދުރުކޮށްދޭ މިންވަރު ޔަގީންކުރުމާއި، ވެކްސިން ޖެހުމަށްފަހު ދިފާޢީ ނިޒާމަށް އަންނަ ބަދަލުތަކަކީ ހަމައެކަނި ވެކްސިންގެ ސަބަބުން އަންނަ ބަދަލުތަކެއްތޯ ކަށަވަރު ކުރުމެވެ. އަދި އެންމެފަހު ދެ ފޭސްގައި ވެކްސިން އަދި ޕްލެސީބޯ އެއް ދެވޭއިރު އެކަން ކުރިއަށްދާނީ އެ މަޢުލޫމާތު ވެކްސިންގެ މަސައްކަތް ކުރާ ސައިންސްވެރިންނަށް އަދި ބައިވެރިވާ ވޮލަންޓިއަރުންނަށް ވެސް ނޭގޭނެހެން ބްލައަންޑް ޓްރައަލް އެއްގެ ގޮތުގައެވެ. ވެކްސިން ޓްރައަލްގެ ތިން ފޭސް ވެސް ކާމިޔާބު ކަމާއެކު ނިންމާލެވުމުން ވެކްސިންގެ ރައްކާތެރިކަމާއި، އަސަރުކުރާ މިންވަރު ޔަގީންކުރުމަށް ކްލިނިކަލް ޓްރައަލްތަކުގެ ނަތީޖާތައް އިތުރަށް ރިވިއުކުރެވެއެވެ.

ވެކްސިންގެ ކާމިޔާބުކަން ކަށަވަރުކުރެވި އެ މަޢުލޫމާތު ޢާންމުކުރެވުމާއެކު އެ މަޢުލޫމާތު ތަކަށް ރިޢާޔަތްކޮށް ކޮންމެ ގައުމަކުން ވެސް އެ ގައުމެއްގައި ވެކްސިން ބޭނުންކުރުމުގެ ހުއްދަ ދިނުމާއި މެދު ގޮތެއް ނިންމައެވެ. ރާއްޖޭގައި މި ހުއްދަ ދެނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިތީންނެވެ.

ޑަބްލިއު.އެޗް.އޯ އިން ވެކްސިން ލިސްޓު ކުރުން

ވެކްސިން އުފައްދާ ގައުމެއްގެ ވެކްސިން ބޭނުންކުރުމުގެ ހުއްދަ ދޭ އިދާރާއަކުން އެ ހުއްދަ ދިނުމުން އެ ވެކްސިނެއް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ ޕްރި-ކޮލިފިކޭޝަން ލިސްޓް ގައި ނުވަތަ އެމްރޖެންސީ ޔޫސް ލިސްޓިންގ ގައި ހިމެނުމަށް އެދި ވެކްސިން އުފައްދާ ފަރާތުން ޑަބްލިއު.އެޗް.އޯ އަށް ހުށަހެޅޭނެއެވެ. މިގޮތަށް ހުށަހެޅޭ ހުށަހެޅުންތަކާއި މެދު ގޮތެއް ނިންމަނީ އެ ޖަމިއްޔާގެ ފަންނީ ޓީމަކުން ބެލުމަށްފަހުއެވެ. ގިނަބަޔަކަށް ހީވެފައި އޮންނަ ގޮތާއި ޚިލާފަށް މިއީ ޑަބްލިއު.އެޗް.އޯ އިން އެއްވެސް ވެކްސިނެއް ބޭނުންކުރުމުގެ ހުއްދަ ދިނުމާއި ނުދިނުމެއް ނޫނެވެ.

ޕްރި-ކޮލިފިކޭޝަން ލިސްޓް އާއި އެމަރޖެންސީ ޔޫސް ލިސްޓިންގ އަކީ އދ ގެ ތަފާތު ގުނަންތައް ކަމުގައިވާ ޔޫ.އެން.ޑީ.ޕީ، ޔުނިސެފް ފަދަ އޭޖެންސީތަކުންނާއި މެންބަރު ގައުމުތަކުން ވެކްސިން ގަނެ ފޯރުކޮށްދޭން ބޭނުންވެއްޖެ ހިނދެއްގައި އެކަމަށް ފަސޭހަކުރުމުގެ ގޮތުން އެކުލަވާލެވޭ "ރިކޮމެންޑެޑް ވެކްސިންސް" ލިސްޓެކެވެ. މި ލިސްޓުގައި ހިމެނިފައި އޮތަސް ވަކިވަކި ގައުމުތަކުން ވެކްސިން ބޭނުންކުރުމާއި މެދު ގޮތް ނިންމަނީ ވެކްސިންގެ ކްލިނިކަލް ޓްރައަލް ތަކުގައި ލިބޭ އެއްކުރެވޭ މަޢުލޫމާތުގެ މައްޗަށް ބިނާކޮށެވެ.

ކޯވިޑް-19 ވެކްސިން

މިއީ ދުނިޔޭގެ ތާރީޚުގައި ވެސް މިހާ ކުރުމުއްދަތެއްގެ ތެރޭގައި ވެކްސިނެއް އުފައްދައި ބޭނުންކުރަން ފެށުނު ފުރަތަމަ ފަހަރު ނަމަވެސް މި ވެކްސިންތަކަކީ ވެސް ވެކްސިން އުފެއްދުމުގެ ހުރިހާ މަރުހަލާތަކެއް ފުރިހަމަކޮށް އޭގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ފަހު ބާޒާރަށް ނެރޭ ވެކްސިން ތަކެކެވެ. މިވަގުތު ކޮވިޑް 19ގެ ވެކްސިންތަކުގެ ތެރެއިން 12 ވެކްސިނެއް މި ރޭހުގެ އެންމެ ކުރީގައި އުޅޭއިރު މީގެ ތެރެއިން ގިނަ ވެކްސިންތައް ދުނިޔޭގެ އެކި ގައުމުތަކުގައި މިހާރު ދަނީ ބޭނުންކުރެވެމުންނެވެ.

އެގޮތުން ރާއްޖޭގައި މިވަގުތު ބޭނުންކުރުމުގެ ހުއްދަ ދެވިފައިވަނީ ކޮވިޝީލްޑް ވެކްސިންއަށެވެ.

ކޮވިޝީލްޑް ވެކްސިން

ކޮވިޝީލްޑް ވެކްސިންއަކީ އިނގިރޭސިވިލާތުގެ އޮކްސްފޯރޑް ޔުނިވަރސިޓީއާއި އެސްޓްރާޒްނެކާ ކުންފުނީގެ ވެކްސިން ފޯމިއުލާއަށް އިންޑިއާގެ ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ އިން ތައްޔާރު ކޮށްފައިވާ ވެކްސިނެކެވެ. ބަލިމަޑިކަމުގެ ކުރީކޮޅު އޮކްސްފޯރޑުގެ ސައިންސްވެރިން ޖެނެޓިކް އިންޖިނިއަރިންގ ގެ އެހީގައި މި ވެކްސިން އުފައްދައި އޭގެ ޓްރައަލްތައް ފަށައިގަތެވެ. އެގޮތުން 2020 އޭޕްރިލް މަހުގެ ތެރޭގައި ފުރަތަމަ ފޭސްގެ ޓްރައަލްތައް ނިންމާލައި ދެވަނަ އަތި ތިންވަނަ ފޭސްގެ ޓްރައަލްތައް ފެއްޓިއެވެ. މި ޓްރައަލްރައް އިނގިރޭސިވިލާތް, އިންޑިއާ ސައުތް އެފްރިކާ އަދި އެމެރިކާ ގައި ކުރިއަށްގެންދެވުނެވެ. 2020 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ ތެރޭގައި ޢާންމުކުރެވުނު ތިންވަނަ ފޭސްގެ ޓްރައަލްތަކުގެ ނަތީޖާތަކުން ވެކްސިންގެ ރައްކާތެރިކަމާއި އަސަރުކުރާ މިންވަރާއި ދޭތެރޭ ބޮޑު ޔަގީންކަމެއް ލިބިގެން ދިޔައެވެ. މި ވެކްސިންގެ ޓްރައަލްތަކުގައި 23 ހާހަށް ވުރެ ގިނަ މީހުން ބައިވެރިކޮށްފައިވާ ކަމަށް ސިރަމް އިންސްޓިޓިއުޓް އިން ހާމަކޮށްފައިވެއެވެ. މިއީ 2 ޑޯޒެއް ޖަހަން ޖެހޭ ވެކްސިނެކެވެ. އެންމެ ފަހުގެ ދިރާސާ ތައް ދައްކާގޮތުން ވެކްސިންގެ ދެ ޑޯޒު ޖެހުމުން (12 ހަފްތާގެ ދުރުމިނުގައި) ވެކްސިންގެ އަސަރު ކުރާ މިންވަރު ނުވަތަ އެފިކަސީއަކީ 82.4 އިންސައްތަ އެވެ. އޭގެ ކުރީގެ ދިރާސާތަކުން ވެސް މި ވެކްސިންއަކީ ނަތީޖާ ރަނގަޅު އަދި ރައްކާތެރި ވެކްސިނެއްކަން ކަށަވަރުކުރެވިފައިވެއެވެ.

ނަމަވެސް މި ވެކްސިންގެ ފަހު ޓްރައަލްތަކުގެ ނަތީޖާތައް ހާމަކުރިއިރު ހުރި ފުށުއެރުންތަކެއްގެ ސަބަބުން މި ވެކްސިނާމެދު ބައެއް މީހުންގެ ސުވާލު އުފެދިފައިވެއެވެ. މިކަމާއި ގުޅިގެން އެ ފޭސްގެ ޓްރައަލްތައް އިތުރަށް ކުރިއަށް ގެންގޮސް މި ފެބްރުއަރީ މަހު ވަނީ ތަފްސީލީ ރިޕޯޓެއް ނެރެފައެވެ. އެ ރިޕޯޓުގެ ނަތީޖާތަކަށް ބަލާއިރު ކޯވިޑް-19އިން ރައްކާތެރިކުރުމުގައި ވެސް އަދި ބަލި ފެތުރުން ކުޑަ ކުރުމުގައި ވެސް މި ވެކްސިން މަސައްކަތްކުރާ ކަން ވަނީ ދެނެގަނެވިފައެވެ. ހަމައެގޮތަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ ސްޓްރެޓެޖިކް އެޑްވައިސަރީ ގްރޫޕް އޮފް އެކްސްޕާރޓްސް އޮން އިމިއުނައިޒޭޝަން އިން ވެސް ވަނީ މި ވެކްސިނަކީ 18 އަހަރުންމަތީގެ އެންމެން ވެސް ބޭނުންކުރުން ރައްކާތެރި ވެކްސިނެއް ކަމަށާއި އަދި ވައިރަހުގެ އާ ވޭރިއަންޓްތަކާއި ދެކޮޅަށް ވެސް މި ވެކްސިން މަސައްކަތް ކުރާ ކަން ހާމަކުރައްވާފައެވެ.

އެހެން ވެކްސިންތަކެކޭ ވެސް އެއްގޮތަށް ކޮވިޝީލްޑް ވެކްސިން ޖެހުމުން ވެސް ހަށިގަނޑަށް ބައެއް އަސަރުތައް ކުރުމަކީ އެކަށީގެންވާކަމެކެވެ. މިއީ ވެކްސިން މަސައްކަތް ކުރާކަން ދޭހަކޮށްދޭ ޢަލާމާތްތަކަކަށް ވިއަސް އެކި މީހުންނަށް ފެންނަ ޢަލާމާތްތައް ތަފާތެވެ. ޢާންމުގޮތެއްގައި މި ވެކްސިންގެ ސަބަބުން ކުރިމަތިވާނެ އުނދަގޫތަކަކީ؛ އިންޖެކްޝަން ޖެހިތަނުގައި ގަނޑުލައި ދުޅަވެ ތަދުވުން، ހުންއައުން، ވަރުބަލިވުން، ބޮލުގައި ރިއްސުން، މޭ ނުބައިކުރުން، ހުޅުހުޅުގައި އަދި ގައިގެ މަސްތަކުގައި ރިއްސުން ފަދަ ކަންތައްތަކެވެ.

ކޮވިޝީލްޑް ވެކްސިން ޑަބްލިއު.އެޗް.އޯ ގެ އެމަރޖެންސީ ޔޫސް ލިސްޓިންގ ގައި ހިމެނޭނެ ކަމަށް ލަފާކުރެވެނީ ފެބްރުއަރީ މެދެހެއްހާ ހިސާބުގައި ނަމަވެސް މިހާރުވެސް އެ ޖަމިއްޔާ އިން ވަނީ ކޮވެކްސް ފެސިލިޓީއަށް ބޭނުންވާ ވެކްސިން ހޯދުމަށް ސިރަމް އިންސްޓިޓިއުޓާއި އެސްޓްރާޒެނެކާއި އެކު އެއްބަސްވުންތައް ގާއިމްކޮށްފައެވެ. ރާއްޖޭގެ އިތުރުން މިވަގުތު މި ވެކްސިން ބޭނުންކުރަމުންދާ ގައުމުތަކުގެ ތެރޭގައި އަލްޖީރިއާ، އާރޖެންޓީނާ، ބަންގްލަދޭޝް، ބޫޓާން، ބްރެޒިލް، މިޞްރު، ޔޫރަޕިއަން ޔޫނިއަން، އިންޑިއާ، އީރާގް، މެކްސިކޯ، ނޭޕާލް، ޕާކިސްތާން އަދި އިނގިރޭސިވިލާތް ހިމެނެއެވެ.

މިވަގުތަށް ކޯވިޑް-19 އިން ރައްކާތެރިވެ ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް އޮތް އެންމެ ރަނަގަޅު ފަރުވާއަކީ ވެކްސިންޖެހުމެވެ. ވެކްސިން ޖައްސަވައި ރައްކާތެރިކަން ކަށަވަރުކުރައްވާށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ