
އޮސްޓްރޭލިއާގެ 5 ޑޮލަރުގެ އައު ނޫޓުތަކުގައި ޗާލްސްގެ ފޮޓޯ ނުހުންނާނެ
mwzjhgi copy
އޮސްޓްރޭލިއާގެ ފަސް ޑޮލަރުގެ އައު ނޫޓުގައި އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް ތިން ވަނަ ނުފެންނާނެ ކަމަށް އެ ގައުމުގެ މަރުކަޒީ ބޭންކުން ބުނެފި އެވެ.

ރިޒާވް ބޭންކް އޮފް އޮސްޓްރޭލިއާ (އާރްބީއޭ) އިން ބުނީ އާ ޑިޒައިނަކީ އޮސްޓްރޭލިއާގެ "ސަގާފަތާއި ތާރީޚަށް" ހާއްސަ އަހަމިއްޔަތެއް ދޭނެ ޑިޒައިނެއް ކަމަށެވެ.
ފަސް ޑޮލަރުގެ ނޫޓުގެ މިހާރުގެ ޑިޒައިނުގައި ރާނީ އެލިޒަބަތު ދެވަނައިގެ ފޮޓޯ ހުރެއެވެ. އެހެން ނަމަވެސް މި ނިންމުމާއެކު ފަސް ޑޮލަރުގެ ނޫޓުތަކުގައި ރަސްކަމުގެ އެއްވެސް ހިއްސާއެއް ނޯންނާނެއެވެ. އަދި މިދިޔަ އަހަރު ރާނީ މަރުވުމާއި ގުޅިގެން ދުސްތޫރީ ރަސްކަމެއްގެ ގޮތުގައި އޮސްޓްރޭލިއާގެ މުސްތަގުބަލާ މެދު ބަހުސްތައް ހޫނުވި އެވެ.
"ރިޒާވް ބޭންކްގެ ބޯޑުން މިގޮތަށް ނިންމީ އޮސްޓްރޭލިއާ ސަރުކާރާ މަޝްވަރާކުރުމަށްފަހު، ސަރުކާރުން މި ބަދަލަަށް ތާއީދު ކުރޭ" - ބޭންކުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
ފަސް ޑޮލަރުގެ ނޫޓު ޑިޒައިން ކުރުމުގައި ބޭންކުން އެންމެ ފުރަތަމަ އޮސްޓްރޭލިއާ މީހުންނާ މަޝްވަރާ ކުރާނެ ކަމަށާއި، އާ ނޫޓް ޑިޒައިންކޮށް ޕްރިންޓް ކުރަން ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެންކުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. އެގޮތުން މިހާރު ނެރޭ ފަސް ޑޮލަރުގެ ނޫޓު ދޫކުރަމުން ގެންދާނެ ކަމަށާއި، އާ ނޫޓު ނެރުމަށް ފަހު ވެސް ބޭނުން ކުރެވޭނެ ކަމަށް އެ ބަޔާނުގައި ވެ އެވެ.