
margao-india-1 copy
އިންޑިއާގައި އުމުރުން 36 އަހަރުގެ ފިރިހެނަކު މަރުވެގެން ވަޅުލިތާ 8 މަސް ފަހުން ދިރިހުއްޓާ ފެނިއްޖެއެވެ.

އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކޮށްްފައިވާ ގޮތުގައި، މިދިޔަ ޖޫން މަހުގެ 7 ވަނަ ދުވަހު އެގައުމުގެ މެޕަޔޫރަށް ނިސްބަތްވާ އުމުރުން 26 އަހަރުގެ ދީޕަކް ބާލަކްރިޝްނަން ކަނޑި ގެއްލިގެންް ފުލުހުންނަށް ރިޕޯޓުކުރުމާއި ގުޅިގެން ފުލުހުން އޭނާ ހޯދުމުގެ މަސައްކަތް ކުރަން ފެށިއެވެ.
އަދި އެމަހުގެ 17 ވަނަ ދުވަހު ކެރެލާގެ ގޮނޑުދޮށުން މަރުވެފައިވާ މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށާއި، އެއީ ދީޕަކްގެ ހަށިގަނޑު ކަމަށް ބެލެވުނެވެ.
އެހެން ކަމުން އާއިލާއާ ހަށިގަނޑު ހަވާލުކުރުމުން އާއިލާއިން ވަނީ އޭނާގެ ޖަނާޒާ ކުރިއަށް ގޮސް ހަށިގަނޑު އަންދާލާފައެވެ.
އަދި އޭގެ ކުޑަދުވަސްކޮޅެއް ފަހުން ކެރެލާގެ ފުލުހުންނަށް ވަނީ އެހަށިގަނޑަކީ ދީޕަކްގެ ހަށިގަނޑު ނޫންކަން އެނގިފައެވެ. އެގޮތުން އެއީ އިރުޝާދު ނަމަކަށްް ކިޔާ މީހެއްގެ ހަށިގަނޑު ކަމަށް ކެރެލާ ފުލުހުންްނަށްް ވަނީ އެނގިފައެވެ.
އެގޮތުން ޑީއެންއޭއިން އެއީ ދީޕަކްގެ ހަށިގަނޑު ނޫންކަން ކަށަވަރުވުމާއެކު އެމައްސަލަ ވަނީ ކްރައިމް ޑިޕާޓްމަންޓަށް ހަވާލުކޮށް އަނެއްކާވެސްް ދީޕަކް ހޯދުމުގެ މަސައްކަތް ކުރަން ފަށާފައެވެ.
އަދި އެތައް މަހެއް ވަންދެން ދީޕަކް ހޯދުމަށް ކުރި މަސައްކަތް ނާކާމިޔާބުވެފައިވަނިކޮށް މިދިޔަ އަންގާރަ ދުވަހު ފުލުހުންނަށް ވަނީ ދީޕަކްއާ ގުޅޭ މައުލޫމާތުތަކެއް ލިބިފައެެވެ. އެގޮތުން މަރްގާއޯ ޓައުންގެ ކުރީގެ ރޭލު ސްޓޭޝަނެއްްގެ ކައިރީގައި ހުރި އެކޮމޮޑޭޝަން ބްލޮކްތަކެއް ބަލައި ފާސްކުރި އިރު ދީޕަކްގެ އައިޑީކާޑު ނަންބަރު ވަނީ ފެނިފައެވެ.
އެހިސާބުން އޭނާ ހޯދައި އޭނާ ހައްޔަަރުކޮށްގެން ވަނީ ކެރެލާ ފުލުހުންގެ ބެލުމުގެ ދަށަށްް ބަދަލުކޮށްފައެވެ.
އޭނާ ވަނީ އޭނާ އެދޭތެރޭ އުޅުނު ތަންތަނުގެ މައުލޫމާތާއި ކުރި މަސައްކަތްްތައް ފުލުހުންނަށް ކިޔައިދީފައެވެ. އެގޮތުން ޖައިޕޫރު، ދިއްލީ އަދި ޕަންޖާބު ފަދަ ތަންތަނަށްް އޭނާ ދަތުރުކުރިއެވެ. އޭގެ ފަހުން ގޮއާގެ ބޮގްމަލޯގައި މަސައްކަތެއް ކޮށް، ފަހުން އެ މަސައްކަތުގެ އޮޕަރޭޝަން މަރްގާއޯގެ ހޮޓަލަކަށް ބަދަލުކުރިއެވެ.
އަދި އޭނާގެ މަރުގެ ވާހަކަ އާއި އޭނާގެ ޖަނާޒާގެ ވާހަކަ އޭނާ ކައިރީ ބުނުމުން އޭނާ ވަނީ އޭނާއަށް އެކަމުގެ މައުލޫމާތު އެނގިފައިނުވާކަމަށް ބުނެފައެވެ.