
yameen
އެމްއެމްޕީއާރުސީ މެދުވެރިކޮށް ރ. ފުއްގިރި ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން ރިޝްވަތު ނަގައި، ފައިސާ ލޯންޑާ ކުރި މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާ ތަކުގެ އަޑުއެހުމެއް މާދަމާ ކްރިމިނަލް ކޯޓުގައި ބާއްވަން ތާވަލުކޮށްފި އެވެ.

ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަލްއުސްތާޛް އާދަމް ޝަމީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުއްގިރި މައްސަލައިގެ އަޑުއެހުމެއް މާދަމާ މެންދުރުފަހު 13:00 ގައި ބާއްވަން ކްރިމިނަލް ކޯޓުން ތާވަލް ކޮށްފައިވާ ކަމަށެވެ.
ފުއްގިރި ކުއްޔަށް ދިން މައްސަލަ އާއި ގުޅިގެން ޔާމީނާއި ސަން ކޮންސްޓްރަކްޝަން ކުންފުންޏާއި ސަން އިންވެސްޓްމަންޓްގެ މައްޗަށް ވެސް މަނީ ލޯންޑްރިންގެ ދައުވާކުރެ އެވެ. އަދި މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާގެ މައްޗަށް ރިޝްވަތު ދިނުމުގައި މެދުވެރިއަކަށް ވުމުގެ ދައުވާ ވެސް ކުރެ އެވެ.
މި މައްސަލައިގެ އަޑުއެހުމެއް މާދަމާ ބާއްވާއިރު، ރައީސް ޔާމީން އަންނަނީ، ވ. އާރަށް ކުއްޔަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގެ ތެރެއިން ރިޝްވަތު ނަގައި، ފައިސާ ލޯންޑާ ކުރި ކަމަށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންނެވެ.