logoEN
ކޮކާކޯލާ
ގދ. ނަޑެއްލާގައި އުޅުނު މަގުއްދޫ ކުއްޖާ އިނގޭތަ؟

ގދ. ނަޑެއްލާގައި އުޅުނު މަގުއްދޫ ކުއްޖާ އިނގޭތަ؟

ff

ކުރީ ޒަމާނުގައި ގދ. ނަޑެއްލާގައި މަޝްހޫރު ފަންޑިތަވެރިއެއް އުޅުނެވެ. މިއީ އެދުވަސްވަރު މުޅި ހުވަދުއަތޮޅަށް މަޝްހޫރު ނަން ހިނގާ ފަންޑިތަވެރިއެކެވެ. މި ފަންޑިތަ ވެރިޔާ މުޅި ހުވަދުއަތޮޅަށް މަޝްހޫރުވެފައި ވަނީ ގެދޮރު އަލިކަލޭފާނުގެ ނަމުންނެވެ.

އަބުޅޯ

މިކަލޭފާނަކީ މުޖައްރިބު ފަންޑިތަ ހަދާ މޮޅު މީހެކެވެ. ފަންޑިތައިގެ ކުރި ހޯދާފައި ވުމުގެ އިތުރުން، މިކަލޭފާނު ޖިންނިވެސް ގެންގުޅެއެވެ. އެދުވަސްވަރު ނަޑައްލާގައި އާދަޔާ ޚިލާފު ގިނަ އަދަދަކަށް މީހުން މަރުވަމުން ދިޔައެވެ. މިމައްސަލައަށް ހައްލެއް ހޯދުމަށް ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން އަލިކަލޭފާނާއި ބައްދަލުކޮށް، މިކަންބޮޑުވުން ހިއްސާ ކުރެއެވެ.

އެރަށު ރައްޔިތުންގެ މިކަންބޮޑުވުމުގެ ވާހަކަ އަޑުއިވުމުން، މިކަން ދިމާވާ ސަބަބެއް ބަލައި އޮޅުންފިލުވައިގެން އައުމަށް އަލިކަލޭފާނު އޭނާ ގެންގުޅޭ ޖިންނިއަށް އަމުރު ކުރެއެވެ. މަދު ސިކުންތު ކޮޅެއްގެ ތެރޭގައި ކަން ހިގަން މެދުވެރިވި ސަބަބު ބެލުމަށްފަހު ޖިންނި ޚަބަރު ދިނެވެ. އަދި މިއީ ނަޑެއްލާ ކައިރީގައި އޮންނަ ކަޅެހިގިއްލާ ކިޔާ ފަޅުރަށުގައި ހުންނަ މައި ފުރޭތަ ކުރާ ކަމެއްގެ ގޮތުގައި މަޢުލޫމާތު ދިނެވެ.

ކުރިން މަޢުލޫމާތު ލިބިފައިވާ ގޮތުގައި ކަޅެހިގިއްލާއަކީ ކުރިން ވަރަށް ބޮޑު އާބާދީއެއް ދިރިއުޅުނު ރަށެކެވެ. މިފުރޭތަ އެރަށަށް އަރައި އެރަށު މީހުން މަރަމުންގޮސް، މުޅިރަށް އެއްކޮށް ފަޅުވީއެވެ. ޖިންނި މަޢުލޫމާތު ދިންގޮތުން، މިފުރޭތައިގެ މިސްރާބު ދެން ހުރީ ނަޑައްލާ އަށެވެ. ޖިންނީގެ ވާހަކަ އަޑުއެހުމަށްފަހު، ކަޅެހިގިއްލާގެ މައިފުރޭތައިގެ އުދަނގޫ ނަޑެއްލާގެ މީހުންނަށް ނުފޯރާނެގޮތެއް ހެދުމަށް ގެދޮރޮ އަލިކަލޭފާނު ގެންގުޅޭ ޖިންނިއަށް އަމުރު ކުރިއެވެ.

ގެދޮރު އަލިކަލޭފާނުގެ އަމުރާއި އެއްގޮތަށް އަމަލުކުރުމަށް ޖިންނި ތައްޔާރު ވިއެވެ. އެރޭ ދިޔަވަރު ހިކުމުން ފަރުމަތީގައި ޖަހާފައިހުރި ތިލޯޓެއްގެ ކައިރީގައި މިޖިންނި ހުއްޓެވެ. ދަންވަރު ފުރޭތައަރައިގެން އައިސް ތިލޯއްޓާއި ހަމަވުމުން ޖިންނި އެފުރޭތައިގެ ގައިގާ ބެއްދިއެވެ. ޖިންނިއާއި ފުރޭތަ ފަރުމައްޗަށް ވެއްޓިގެން ފަރުމަތީގައި އޮޅުލަމުން ދިޔައެވެ. އެތާގެ ފަޅުމަތީގައި އެރަށު މީހުން މާލޫދުހަރުގެ އަޅަން ތޮށަލިވިއަން މޫދު އަޅާފައިވާ ފަންތައް ހިފަހައްޓަން ޖަހާފައި ހުރި ކަޑަތަކެއް ހުރިއެވެ.

ޖިންނި މިކަޑަތަކުގެ މައްޗަށް ފުރޭތަ ވައްޓާލައި ހިފެހެއްޓިއެވެ. މިހިސާބަށް ދިއުމުން ޖިންނި ކައިރިން ފުރޭތަ އެހިއެވެ. "މަށަށް ކީއްކުރަންހޭ ކަލޭ ތިއުޅެނީ" ޖަވާބުގައި ޖިންނި ބުންޏެވެ. "ކަލޭ މިރަށުގެ މީހުނަށް އުދަގޫކުރާތީ މިއުޅެނީ ގެދޮރުކަލޭގެފާނު އަމުރަށް ކަލޭ މަރާލާށެވެ." ދެންފުރޭތަ ވަރަށް ބިރުގެންފައި ދުވަހަކުވެސް ނަޑެއްލާއަށް ނާރާނެ ކަމަށް ވަޢުދުވިއެވެ. ޖިންނި މިކަން ޤަބޫލުކޮށް ފުރޭތަ ދޫކޮށްލިއެވެ. އޭގެފަހުން ދުވަހަކުވެސް އެފުރޭތަ ނަޑެއްލާ އަކަށް ނާރައެވެ. ފުރޭތަ ނަޑެއްލާއަށް ނޭރިކަމުގައި ވިޔަސް، ނަޑެއްލާއިން މީހުން މަރުވާ ދުވަސްވަރެއްނަމަ، ގޮނާނިގިއްޔާއި ކަޅަހިގިއްޔާ ދެރަށް ދޭތެރެއިން ރޭގަނޑު އައްޔެއް ފެނެއެވެ. މިކަން އެގިގެން ޖިންނި އެކަލޭގެފާނަށް މިކަން އެންގިއެވެ. އަލިކަލޭގެފާނު އައިރުޅިން ގޭދޮށުވަޅުގައި ވަށްކޮށް ހަދާފައިހުރި ގަލެއްގެމަތީގައި ޖިންނި ބޭންދިއެވެ. މިއީ އެދުރު ޖިންނިއެއްކަމަށް ބުނެވެއެވެ.

ދުވަސް ކޮޅެއްފަހުން ނަޑެއްލާ ދޮންރައިވެރިޔާ ނަޑެއްލާއިން ފުރައިގެން ގައްދުއަށް ދިޔަދަތުރުގައި ވިއްސާރަވެގެން މަގުއްދޫގައި މަޑުކުރިއެވެ. އެރަށަށް ދިޔައިރު އެރަށުމީހުން ރަށުން ފައިބަމުން ގޮސް ރަށުން މީހުން ހުސްވަނީއެވެ. ނަޑެއްލާ ދޮންރައިވެރިޔާ އަވަހަށް އެރަށުން ފުރަން އުޅެނިކޮށް އަތިރިމަތީގައި ހުރި އަންހެން ކުއްޖަކު ދޮންރާވެރިޔާގާތު އޭނާގެންގޮސްދޭން ބުނުމުން ދޮންރައިވެރިޔާ އެކުއްޖާ ގޮވައިގެން ފުރައިފިއެވެ. މިދަތުރު ނިންމާ ރަށަށްދަމުން ދޮންރާވެރިޔާ ދިޔައީ މިކުއްޖާ ގޮވައިގެން އޭނާގެ ރަށަށެވެ. މިކުއްޖާ ހުންނަނީ ދޮންރާވެރިޔާގެ ގޭގައެވެ. މިކުއްޖާއަށް އެރަށު މީހުން މަގުއްދޫ ކުއްޖާއޭ ކިޔާއުޅެއެވެ.

ދޮންރާވެރިޔާ ރާއަރާފައި ގެންނަ ހުރިހާ ރާތަކެއް ކައްކަނީ މިކުއްޖާ އާއި ޙަވާލު ކޮށްގެންނެވެ. ނަމަވެސް ރާ ކެއްކުމުގެ ކަންކަން މުޅިން ރަގަޅަކަށް ކުރިއަށް ނުދެއެވެ. ކޮންމެ ރެއަކު ރާ ތަރާފަތް ހޫނުވަމުން އޭގައި ހުންނަ އަކިރިތައް ހެލެން ފަށާއިރަށް މަގުއްދޫ ކުއްޖާ ބަދިގެއިން ނުކުމެގެން ފިލައެވެ. މިހެންވާކަން ދޮންރާވެރިޔާ އަންހެނުން ފާތުމައަށް އެގިގެން އެއްރޭ ރާ ކަޢްކަން އުދިގަޑީގައި ފާތުމާ ބަދިގެއަށް ދިޔައެވެ. ބަދިގެ ތެރޭގައި ހުއްޓާ ތަރާފަތަށް ހޫނުވެ އަކިރިތައް ހެލެން ފެށިވަގުތު މަގުއްދޫ ކުއްޖާ ނުކުންނަން ދިމާކުރުމުން ރުޅިއައިސްގެން ރާ ދަނޑިގަޑުން އެކުއްޖާގެ ބޮލުގައި ތަޅައިގެންފިއެވެ. ގަތް ބިރުން އެކުއްޖާ ނިކުމެގެން ދުވެފިލީއެވެ. އެދުވަހަށްފަހު އެރަށުގެ އެއްވެސް މީހަކަށް މަގުއްދޫ ކުއްޖާ ނުފެނެއެވެ. އޭގެ ފަހުން ރޭގަނޑުވުމުން ރަށުތެރެއިން ކުޑަކުދިން ރޯއަޑު އިވޭކަމަށް ވެއެވެ. ގެތަކުގެ ބިތު ބުޑުން ޓައްކަޑާ އަޑުވެސް އިވެއެވެ. އަދި ކުޑަކުދިންގައިގައި ކަސް އެޅުންފަދަ ތަފާތު ކަންކަންވެސް އެދުވަސްވަރު ގިނަވެފައި ވިއެވެ.

ލަފާކުރެވޭގޮތުގައި ދޮންރާވެރިޔާ ގެންގުޅުނު މަގުއްދޫ ކުއްޖާއަކީ ހަންޑި ކުއްޖެކެވެ. އެއްޗަކަށް ގާއަޅައި ތެޅުވުމުން ހަންޑި ބިރުގަނެއެވެ. ހަންޑި ވަރަށް ގިނައިން އިންސާނުންނަށް ބަދަލުވެގެން އިންސާނުންގެ ސޫރައިގައި އުޅޭ ވާހަކަ ތަފާތު ފޯކުލޯރު ވާހަކަތަކުން އަޑު އިވެއެވެ. ޓައްކަޑާ އަޑަކީ ހަންޑި ހިގާއިރު، ދެފައިގައި ހުންނަ ކަށި އެކަތި އަނެކައްޗަށް ޖެހޭ އަޑުކަމަށް ފޯކުލޯރު ވާހަކަތަކުން އެނގެއެވެ.

ޖިންނިން އިންސާނުންނަށް ވެގެން، އިންސާނުންގެ ތެރޭގައި އުޅޭ ވާހަކަތަކާއި، ޖިންނި ޝައިޠާނުން އިންސާނުންނާއި ކައިވެނިކޮށްގެން ދަރިން ހޯދާ ވާހަކަ ފޯކުލޯރު ވާހަކަ ތަކުން އިވެއެވެ. ނަމަވެސް މިއީ ކިހާވަރެއްގެ ހަޤީޤަތެއް އެކުލެވޭ ކަމެއްކަން މިހާތަނަށް ހޯދިފައި ނުވެއެވެ.

ނޯޓް: މިއީ ނ.ތ.ހަސަންދީދީ ލިޔުއްވާފައިވާ "ކުރީގެ ހުވަދު އަތޮޅު" ގައި މަގުއްދޫ ކުއްޖާގެ ވާހަކަ، މިސުރުޚީގައި، ލިޔުއްވާފައިވާ ވާހަކައިގެ ނަކަލައެކެވެ. މި ލިޔުމުގައި ބަސްތައް އަތުރާފައިހުރި ގޮތް މާނަ ފުށޫނާރާގޮތަށް އަމިއްލަ އިބާރާތަށް ބަދަލުކޮށް، ކޮންމެވެސް ވަރަކަށް މިހާރު ބޭނުންކުރާ ގޮތަށް ބަދަލު ކުރެވިފައިވާނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ