ނައިބު ރައީސް ފައިސަލް ވެސް ކޮވިޑް ވެކްސިން ޖައްސަވައިފި

ރާއްޖޭގެ ރައިސުލްޖުމްހުރިއްޔާގެ ނައިބު ފައިސަލް ނަސީމް ވެސް ކޮވިޑް ވެކްސިން ޖައްސަވައިފި އެވެ.

ނައިބު ރައީސް ފައިސަލް ކޮވިޝީލްޑް ވެކްސިން ޖެއްސެވީ ސެނަހިޔާ ހޮސްޕިޓަލަށް ވަޑައިގެންނެވެ. އަދި ވެކްސިން ޖެއްސެވުމަށްފަހު ނައިބު ރައީސް ވަނީ ހުރިހާ ރައްޔިތުންވެސް ވެކްސިން ޖެހުމުގައި ބައިވެރިވެ، ވެކްސިން ޖެހުމަށް އެދިވަޑައިގެންފަ އެވެ.

ނައިބު ރައީސްގެ އިތުރުން ރާއްޖޭގެ ރައީސުލްޖުމްހުރިއްޔާ އިބްރާހިމް ސޯލިހް ވެސް ވަނީ ކޮވިޝީލްޑް ވެކްސިން ޖައްސަވާފައިއެވެ. ރައީސް ސޯލިހް ވެކްސިން ޖެއްސެވީ "ކޮވިޑް-19 ދިފާޢު" ކެމްޕޭން ރަސްމީގޮތުން ފައްޓަވައިދެއްވުމުގެ ގޮތުން މި މަހުގެ ފުރަތަމަ ދުވަހު ސޯޝަލް ސެންޓަރުގައި އެވެ.

ކޮވިޑް-19 އިން ދިފާއުވުމަށް ރާއްޖެއިން ވެކްސިން ޖެހި މީހުންގެ އަދަދު އިއްޔެއާއި ހަމައަށް ވަނީ ޖުމުލަ 12،934 އަށް އަރާފައިއެވެ. ރާއްޖޭގައި މިހާތަނަށް ޖަހަމުން ދަނީ އިންޑިއާއިން ހަދިޔާ ކުރި އޮކްސްފޯޑް-އެސްޓްރާޒެކެނާ ކޮވިޝީލްޑް ވެކްސިނެވެ. އިންޑިއާއިން ހަދިޔާކޮށްފައި ވަނީ ކޮވިޝީލްޑް ވެކްސިންގެ 100،000 ޑޯޒް އެވެ. ކޮންމެ މީހަކަށް އޭގެ ދެ ޑޯޒް ދޭން ޖެހޭނެތީ އޭގެއިން ވެކްސިން ޖެހޭނީ 50،000 މީހުންނަށެވެ. އަދި ސަރުކާރުން ވަނީ 700،000 ޑޯޒް ގަތުމަށް އެސްޓްރާޒެނެކާއާއެކު އެއްބަސްވުމެއް ހަދާފަ އެވެ.

ޗައިނާއިންވެސް ވަނީ ރާއްޖެއަށް ވެކްސިން ހަދިޔާ ކުރަން ނިންމާފަ އެވެ. އެގައުމުން ހަދިޔާ ކުރަން ނިންމާފައި ވަނީ ސައިނޯފާމް ވެކްސިންގެ 100،000 ޑޯޒް އެވެ. މި ވެކްސިނަކީ ވެސް ދެޑޯޒް ޖަހަން ޖެހޭ ވެކްސިންއެކެވެ.

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް