![ރާއްޖެއާއި އިންޑިއާގެ ކަރަންޓު ގްރިޑު ގުޅާލުމުގެ ދިރާސާއެއް ހެދިކަމަށްބުނާ ވާހަކަ ދޮގުކޮށްފި](/_next/image?url=%2Fsikundi-content%2Fuploads%2F2023%2F01%2FWhatsApp-Image-2021-05-27-at-10.41.24-e1622097527789.png&w=3840&q=75)
ރާއްޖެއާއި އިންޑިއާގެ ކަރަންޓު ގްރިޑު ގުޅާލުމުގެ ދިރާސާއެއް ހެދިކަމަށްބުނާ ވާހަކަ ދޮގުކޮށްފި
WhatsApp-Image-2021-05-27-at-10.41.24-e1622097527789
ދިވެހިރާއްޖެއާއި އިންޑިއާގެ ކަރަންޓު ގްރިޑު ގުޅާލުމާބެހޭ ދިރާސާއެއް ހެދިކަމަށްބުނެ ބައެއް މީޑިއާތަކުން ފެތުރި ޚަބަރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީން ދޮގުކޮށްފިއެވެ.
![Wamco](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F12%2Fcommercial-300%C3%83%C2%97300.gif&w=3840&q=75)
އެމިނިސްޓްރީން މިކަން ދޮގުކޮށްފައި މިވަނީ ރާއްޖެއާއި އިންޑިއާގެ ކަރަންޓު ގްރިޑު ގުޅާލުމާބެހޭ ދިރާސާތަކެއް ކުރިކަމަށް އިންޑިއާގެ ބައެއް ނޫސްތަކާ ހަވާލާދީ ރާއްޖޭގެ ބައެއް ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ދަނޑިވަޅެއްގައެވެ.
މިކަމާ ގުޅޭގޮތުން އެންވަޔަރަންމަންޓް މިނިސްޓްރީން ވިދާޅުވީ، ކަރަންޓު އުފައްދާ ބޭނުން ކުރުމާގުޅޭ އައު ޓެކްނޯލޮޖީއާއި އެފިޝަންޓުކޮށް ކަރަންޓު އުފައްދާ ބޭނުންކުރާ ގޮތްތަކާ ބެހޭގޮތުން ދުނިޔޭގެ އެކިއެކި ޤައުމުތަކުންނާއި، ކުންފުނިތަކުން އަބަދުވެސް ހޯދުންތައް ހޯދައި އެކަންކަން ތަންފީޛުކުރުމަށް ހުށަހެޅުންތައް ހުށަހަޅަމުންދާކަމަށެވެ.
އެގޮތުން މިފަދަ ކަންކަމާ ގުޅިގެން އެކިފަރާތްތަކުން އަބަދުވެސް ރާއްޖެއަށް އެކި ހުށަހެޅުންތައް ހުށަހަޅަމުންދާކަން މިނިސްޓްރީން ފާހަގަކުރެއްވިއެވެ. ނަމަވެސް، ބަޔެއް މީޑިއާތަކުގައި ޝާއިޢުކޮށްފައިވާ "ދިވެހިރާއްޖެއާއި އިންޑިއާގެ ކަރަންޓު ގްރިޑު ގުޅާލުމާ ބެހޭ" ޚަބަރުތަކުގައި ބުނާފަދަ ދިރާސާއެއް އަދި އެފަދަ ކަމެއްކުރުމަށް "މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގ" އެއްގައިވެސް ދިވެހިރާއްޖޭގެ ފަރާތުން އަދި މިހާތަނަށް ސޮއިކޮށްފައި ނުވާނެކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ވިދާޅުވިއެވެ.
ރާއްޖެއިން އަބަދުވެސް މަސައްކަތްކުރަމުން ދަނީ ކަރަންޓު އުފައްދާ ފޯރުކޮށްދިނުމުގައި ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް ހަކަތައިގެ ރައްކާތެރިކަން އިތުރުކުރުމަށް ރާއްޖެއިން ލިބެންހުރި އިއާދަކުރަނިވި ހަކަތައިގެ ވަޞީލަތްތައް ބޭނުންކުރުމަށް ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ވިދާޅުވެއެވެ. އަދި ކުރިއަށް އޮތްތާގައިވެސް ދިވެހިރާއްޖެއިން މަސައްކަތްކުރަމުން ދާނީ މިގޮތަށްކަމުގެ ޔަޤީންކަން މިނިސްޓްރީން ވަނީ އަރުވާފައެވެ.