ތަރުހީބު ބޮޑުވެ ވެކްސިން ޖެހުމަށް ކިޔޫ ސިސްޓަމް ގާއިމުކޮށްފި

ކޮވިޑް ވެކްސިން ޕްރޮގްރާމު ސޯޝަލް ސެންޓަރުގައި :- ފޮޓޯ | ސަން އޮންލައިން

ކޮވިޑް ވެކްސިން ޖަހަން ދާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާތީ ކިއު ނަންބަރު ނަގައިގެން ވެކްސިން ޖެހޭނެ ގޮތް ސޯޝަލް ސެންޓަރުގައި ހަމަޖައްސައިފި އެވެ.

ކޮވިޑް ވެކްސިން ޖެހުމަށް ތަރުހީބު ބޮޑުވަމުންދިޔުމާއި ގުޅިގެން ސޯޝަލް ސެންޓަރުގައި ކިޔޫ ސިސްޓަމް ގާއިމުކޮށްފައިވާ ކަން އިއުލާންކޮށްފައިވަނީ ރޭ ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ރަފީގް އެވެ. އެގޮތުން ޑރ ނަޒްލާ ވިދާޅުވިގޮތުގައި ގިނަ ބަޔަކު ވެކްސިން ޖަހަންދަނީ ސޯޝަލް ސެންޓަރަށް ކަމަށްވާތީ އެ ސެންޓަރުގައި ކަމަށް ވުމާއި އެކު ވެކްސިން ޖެހުމަށް ދާ ފަރާތްތަށް ވަކި ތަރުތީބެއްގެ ތެރެއިން ވެކްސިން ޖެހުމަށް މިއަދުން ފަށައިގެން ކިއޫ ސިސްޓަމް ބޭނުންކުރާނެ ކަމަށެވެ.

ވެކްސިން ޖެހުމުގެ ކަންކަން ފެނިގެން ދަނީ ވަރަށް އުފާވެރިކޮށް ކަމަށާއި  ވަރަށް ގިނަ ބަޔަކު ވެކްސިން ޖަހަން ރެޖިސްޓާކޮށް، ވެކްސިން ޖެހުމަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް ޑރ ނަޒްލާ ވިދާޅުވިއެވެ. އަދި މި މަހުގެ ފުރަތަމަ ދުވަހު ރާއްޖޭގައި ކޮވިޑް ވެކްސިން ދޭން ފުރަތަމަ ފެށީ ޕޯޓަލްގައި ރެޖިސްޓާކޮށްގެން، އެޕޮއިންޓްމަންޓް އުސޫލުން ކަމުގައި ވީ ނަމަވެސް ރެޖިސްޓާނުކޮށް ވެކްސިނޭޝަން ސެންޓަރުތަކަށް ދާ މީހުންގެ އަދަދު އިތުރުވަމުން އަންނާތީ، އަދި ވީހާވެސް ގިނަ ބަޔަކަށް ފުރުސަތު ދިނުމުގެ ގޮތުން އެފަރާތްތަކަށް ވެސް ވެކްސިން ދެމުން އަންނަ ކަމަށް ވެސް ވިދާޅުވިއެވެ.

ވެކްސިން ޖަހަންދާއިރު ސަމާލުވާންވީ ކަންކަން

  • އައިޑީކާޑް ނުވަތަ ޕާސްޕޯޓް ގެންދިޔުން
  • ބަލީގެ އެއްވެސް އަލާމާތެއް ނެތުން އަދި ކަރަންޓީނުގައި ހުރި މީހަކަށް ނުވުން
  • ގަޔަށް ދޫ، ފަސޭހައިން ކޮނޑު ދެއްކޭނެ ހެދުމެއް ލުން
  • ވެކްސިން ޖަހަންދާއިރު ރަނގަޅަށް ކައިގެން ހުރުން
  • ވެކްސިން ޖަހަންދާއިރު އަމިއްލަ ފެންފުޅިއެއް ގެންދިޔުން
  • ވެކްސިން ޖަހަންދާއިރު، އެކުގައި ގެންދެވޭނީ އެންމެ މީހެއް
  • ބޭނުންކުރަމުންދާ ބޭހެއް ވާނަމަ ބޭހުގެ މައުލޫމާތު ގެންދިޔުން

ކޮވިޑް-19 އިން ދިފާއުވުމަށް ރާއްޖެއިން ވެކްސިން ޖެހި މީހުންގެ އަދަދު އިއްޔެއާއި ހަމައަށް ވަނީ  9752 އަށް އަރާފައިއެވެ. ރާއްޖޭގައި މިހާތަނަށް ޖަހަމުން ދަނީ އިންޑިއާއިން ހަދިޔާ ކުރި އޮކްސްފޯޑް-އެސްޓްރާޒެކެނާ ކޮވިޝީލްޑް ވެކްސިނެވެ. އިންޑިއާއިން ހަދިޔާކޮށްފައި ވަނީ ކޮވިޝީލްޑް ވެކްސިންގެ 100،000 ޑޯޒް އެވެ. ކޮންމެ މީހަކަށް އޭގެ ދެ ޑޯޒް ދޭން ޖެހޭނެތީ އޭގެއިން ވެކްސިން ޖެހޭނީ 50،000 މީހުންނަށެވެ. އަދި ސަރުކާރުން ވަނީ 700،000 ޑޯޒް ގަތުމަށް އެސްޓްރާޒެނެކާއާއެކު އެއްބަސްވުމެއް ހަދާފަ އެވެ.

ޗައިނާއިންވެސް ވަނީ ރާއްޖެއަށް ވެކްސިން ހަދިޔާ ކުރަން ނިންމާފަ އެވެ. އެގައުމުން ހަދިޔާ ކުރަން ނިންމާފައި ވަނީ ސައިނޯފާމް ވެކްސިންގެ 100،000 ޑޯޒް އެވެ. މި ވެކްސިނަކީ ވެސް ދެޑޯޒް ޖަހަން ޖެހޭ ވެކްސިންއެކެވެ.

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް