ޗައިނާގެ "ކޮރޯނާވެކް" ވެކްސިން ބޭނުންކުރުމުގެ ހުއްދަ ދީފި

ކޮވިޑްގެ ބަލިމަޑުކަމާއި ދެކޮޅަށް ޗައިނާއިން އުފެއްދި ދެވަނަ ވެކްސިން "ކޮރޯނާވެކް" ބޭނުންކުރުމުގެ ހުއްދަ އެގައުމުގެ ބޭހާއި ވެކްސިން ކޮންޓްރޯލްކުރުމާބެހޭ އިދާރާއިން ދީފިއެވެ.

ޗައިނާއިން ހުއްދަދިން މި ވެކްސިން އުފައްދާފައިވާ ޗައިނާގެ ކުންފުޏެއް ކަމުގައިވާ "ސިނަވޮކް ބައޮޓެކް" އިންނެވެ. އެކުންފުންޏާއި ހަވާލާދީ ޗައިނާގެ ނޫސްތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި "ކޮރޯނާވެކް" ވެކްސިންގެ ކްލިނިކަލް ތަޖްރިބާގެ ތިންމަރުހަލާ ކާމިޔާބުކަމާއެކު ވަނީ ފުރިހަމަކޮށްފައިއެވެ. އެއާއިއެކު ޗައިނާގެ ބޭހާއި ވެކްސިން ކޮންޓްރޯލްކުރުމާބެހޭ އިދާރާއިން އެވެކްސިން އިމަޖެންސީ ހާލަތްތަކުގައި ބޭނުންކުރުމުގެ ހުއްދަ ދީފައިވާކަމަށް ވަނީ ރިޕޯޓްކޮށްފައިއެވެ.

ޗައިނާގެ ސިއްހަތާ ބެހޭ ވުޒާރާއިން ވަނީ މިހާލަތަކީ އާންމު ސިއްހަތާބެހޭ އިމަޖެންސީ ހާލަތެއްކަން ކަނޑައަޅާފައެވެ.

ސިނަވޮކް ބައޮޓެކްގެ "ކޮރޯނާވެކް" ވެކްސިން ގެ ބައެއް ޓަރައިލް ތަކުން ވެކްސިން ބޭނުންކުރުމުން ކޮވިޑް ނުޖެހޭނެކަމުގެ ޔަގީންކަން 78 އިންސައްތައިން 50 އިންސައްތައަށް ވަނީ ދީފައިއެވެ. މިއާއި އެކު މިއީ ކްރޯނާވައިރަސް ފެށިގެން އައިކަމަށް ބުނާ ޗައިނާގައި މި ވެކްސިން ދޭން ފެށި 2 ވަނަ ވެކްސިންއެވެ. ޗައިނާއިން އެންމެ ފުރަތަމަ އުފައްދައި ބާޒާރަށް ނެރެފައިވަނީ "ސިނޮފާމް" ވެކްސިންއެވެ. އެވެކްސިންވަނީ ޗައިނާގައާއި ދުނިޔޭގެ އެކިގައުމުތަކުގައި ބޭނުންކުރަން ފަށާފައެވެ. "ސިނޮފާމް" ވެކްސިން ބޭނުންކުރުމުން ކޮވިޑް ނުޖެހޭނެކަމުގެ ޔަގީންކަން 79 އިންސައްތައަށް އޮންނަ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކޮރޯނާވެކް ވެކްސިން ޗައިނާގެ އިތުރުން އެމެރިކާ ބައްރުގެ ޤައުމުތަކުގައި ވެސް ވަނީ ދީފައިއެވެ. އަދި އޭޝިއާ ބައްރުގައި އިންޑޮނޭޝިއާ އާއި ތުރުކީގައިވެސް މި ވެކްސިން އަންނަނީ ބޭނުން ކުރަމުން ކަމަށް ބައެއް މީޑިއާ ރިޕޯޓުތަށް ބުނެއެވެ.

ޗައިނާއިން ދެވަނަ ވެކްސިންއެއް ބާޒާރަށް ނެރެފައިވާއިރު މިއީ ކޮވިޑް-19 އާ ދެކޮޅަށް ބޭނުންކުރުމުގެ ހުއްދަ (ވެކްސިން އުފައްދާފައިވާ ގައުމުތަކުގެ ކަމާބެހޭ އިދާރާތަކުން) ލިބުނު 8 ވަނަ ވެކްސިން އެވެ.

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް