
agt
ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހުރިއްޔާ ޑރ މުޙައްމަދު ވަހީދު ހަސަން މަނިކުގެ ދެކަނބަލުން ކޮވިޑް ވެކްސިން ޖައްސަވައިފި އެވެ.

ރައީސް ވަހީދު މިރޭ ކުރެއްވި ޓުވީޓެއްގައި ވަނީ ވެކްސިން ޖައްސަވަން އެންނެވި ފޮޓޯއެއް ވެސް އާންމު ކުރައްވާފައިއެވެ. އަދި ކޮވިޑް ބަލިމަޑުކަމުން އިންސާނީ އުންމަތް ސަލާމަތްކުރުމަށް ވެކްސިން ޖެއްސެވުމަށް ވަނީ މި ޓުވީޓުގައ އިލްތިމާސްކުރައްވާފައިއެވެ.
ރައީސް ވަހީދުގެ އިތުރުން އަނބިކަނބަލުން އިލްހާމް ހުސެއިން ވެސް ވަނީ މިއަދު ކޮވިޑް ވެކްސިން ޖައްސަވާފައިއެވެ.
ރައީސް ވަހީދު ވެކްސިން ޖެއްސެވުމަށް ނަސޭހަތްތެރިވެ، ކޮވިޝީލްޑް ވެކްސިން ޖެއްސެވިއިރު، އިދިކޮޅުން ވަނީ ކޮވިޝީލްޑް ވެކްސިން ޖެހުމާއި ދެކޮޅަށް މުޒާހަރާ ކޮށްފައެވެ. ޑރ. ވަހީދަކީ އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރެވެ.
ރާއްޖޭގައި ދޭން ފަށާފައި ވަނީ އިންޑިއާއިން ހިލޭ ހަދިޔާކޮށްފައިވާ ވެކްސިނުގެ 100،000 ޑޯޒް އެވެ. ކޮންމެ މީހަކަށް އޭގެ ދެ ޑޯޒް ދޭން ޖެހޭނެތީ އޭގެއިން ވެކްސިން ޖެހޭނީ 50،000 މީހުންނަށެވެ.
އިންޑީއާއިން ރާއްޖެއަށް ހަދިޔާކޮށްފައިވަނީ އޮކްސްފޯޑް-އެސްޓްރާޒެނެކާ ކޮވިޑް-19 "ކޮވިޝީލްޑް" ވެކްސިނެވެ.
ސަރުކާރުން ވަނީ އިތުރު 700،000 ޑޯޒް ގަންނަން އެސްޓްރާޒެނެކާއާއެކު އެއްބަސްވުމެއް އެކުލަވާލާފަ އެވެ. އެ އެއްބަސްވުމުގެ ދަށުން ގެންނަ ވެކްސިން އަންނަ މާޗު މަހު ލިބޭނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވަނީ ވިދާޅުވެފަ އެވެ. އަދި ޑަބްލިއުއެޗްއޯގެ ކޮވެކް ފެސިލިޓީގެ ދަށުން ރާއްޖެއަށް ލިބޭ ވެކްސިން މި މަސްތެރޭ ލިބޭނެ ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.