ގދ.ތިނަދޫ އިން ކޮވިޑް19 އަށް މީހަކު ފައްސި ވެއްޖެއެވެ.
ތިނަދޫ އިން މީހަކު ކޮވިޑް19 އަށް ފައްސިވެފައިވާކަމަށް ތިނަދޫ ގައި ހުންނަ ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ވަނީ "ގާފު" އޮންލައިން އަށް ކަށަވަރު ކޮށްދީފައެވެ.
ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ހާމަ ކުރާގޮތުގައި ފައްސިވެފައިވަނީ ހޯމް ކަރަންޓީނުގައި ހުރި މީހެއް ނޫނެވެ. އަދި ފައްސިވި މީހާއަކީ އައްޑޫ ސިޓީއިން ކޮވިޑް19އަށް ފައްސިވި ފަރާތަކާ ޑައިރެކްޓް ކޮންޓެކްޓްވި މީހެއްކަމަށްވެސް ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.
"ގާފު" އޮންލައިން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފައްސިވި މީހާ މަސައްކަތް ކުރަނީ ކާޑެއްދޫ އެއާރޕޯޓުގައެވެ. އަދި މިވަގުތު އެ މީހާ ހޯމް ކަރަންޓީނުގައި ހުރި ނަމަވެސް، އެ ރަށުގެ ގިނަ ބަޔަކާއި ބައްދަލުވެފައިވާ ކަމުގެ މައުލޫމާތު "ގާފު" އޮންލައިން އަށް ވަނީ ލިބިފައެވެ.
އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް ކަރަންޓީން އުސޫލްތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހޮސްޕިޓަލުން އިލްތިމާސްކުރެއެވެ. އަދި ރޯގާގެ އެއްވެސް އަލާމާތެއް ފާހަގަ ކުރެވޭނަމަ ތިނަދޫގައި ހުންނަ ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ހޮޓްލައިން ނަންބަރ 7934641 އާއި ހިއްސާކުރައްވަން އެ ހޮސްޕިޓަލުން އެދެއެވެ.
ތިނަދޫން ފުރައިގެން ދިޔަ 2 މީހަކު ކޮވިޑް19 އަށް ފައްސިވުމާ ގުޅިގެން އެ ރަށް މޮނިޓަރިންގ އަށް ލުމަށްފަހު މޮނިޓަރިންގ ހާލަތު އުވާލީ މި މަހު 5 ވަނަ ދުވަހުއެވެ. އަދި ރަށުގެ ހާލަތު ދެނެގަތުމަށް ރޭންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް އިއްޔެ ވަނީ ފަށާފައެވެ. އެގޮތުން ރަށުގެ އެކި ސަރަހައްދުތަކުގައި ސާމްޕަލް ނަގާނެ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.