
MNU JOB FESTIVAL 22 | | | 01683
'ފަހި އެމް.އެން.ޔޫ - އެޓޯލް ޓްރިޕް'ގެ ނަމުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އިން ރާއްޖޭގެ ހުރިހާ އަތޮޅުތަކަށް ދަތުރުތަކެއް ކުރުމަށް ތައްޔާރުވެއްޖެއެވެ.

އެމްއެންޔޫ އިން ރާއްޖޭގެ ހުރިހާ އަތޮޅުތަކަށް ދަތުރުތަކެއް ކުރުމަށް ނިންމާފައިވާއިރު، ހުވަދު އަތޮޅުގެ ރަށްތަކަށް ޒިޔާރަތްކުރުމަށް ނިންމާފައިވަނީ ޑިސެންބަރު މަހުގެ 17 އިން 20 އަށެވެ.
މި ދަތުރުގައި ހުވަދު އަތޮޅުގެ ޖުމްލަ 13 ރަށަކަށް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވެއެވެ. މިގޮތުން 17 ޑިސެންބަރު 2022ގައި ގއ. ކޮލަމާފުށި އަދި ގއ. ވިލިނގިލީގައި ތިނަދޫ ކެމްޕަހުގެ ޓީމް ޙަރަކާތްތެރިވާނެއެވެ. 18 ޑިސެންބަރު 2022ވަނަ ދުވަހު، ގއ.މާމެންދޫ ، ގއ. ނިލަންދޫ، ގއ. ދާންދޫ އަދި ގއ. ގެމަނަފުށީގައި މި ޙަރަކާތް ކުރިޔަށްދާނެއެވެ. އަދި 19 ޑިސެންބަރު 2022ގައި ގއ. ކަނޑުހުޅުދޫ، ގދ. ގައްދޫ އަދި ގދ. ވާދޫގައި ވެސް މި ޓީމް ޙަރަކާތްތެރިވާނެއެވެ. މީގެ އިތުރުން 20 ޑިސެންބަރު 2022ގައި ގދ. ފަރެސްމާތޮޑާ، ގދ. ރަތަފަންދޫގެ އިތުރުން ގދ. މަޑަވެލި އަދި ގދ. ހޯނޑެއްދޫގައި ވެސް މިޓީމްގެ ޙަރަކާތްތައް ކުރިއަށްދާނެއެވެ.
ރަށްރަށުގެ ސްކޫލްތަކުގެ ދަރިވަރުންނަށް ކެރިއަރ ގައިޑެންސް ސެޝަންތައް ހިންގުމުގެ އިތުރުން ކައުންސިލްތަކާ ބައްދަލުކޮށް އެމް.އެން.ޔޫ އާއި ގުޅިގެން ޤައުމު ބިނާކުރުމަށް ކުރެވިދާނެ މުހިންމު ކަންތައްތަކާމެދުގައި މިދަތުރުގައި މަޝްވަރާކުރެވޭނެ ކަމަށް އެމްއެންޔޫ އިން ބުނެއެވެ. އަދި އެމް.އެން.ޔޫގެ ފެބްރުވަރީ އިންޓޭކަށް ހުޅުވާލައިފައިވާ ކޯސްތަކުގެ މައުލޫމާތު ދިނުމުގެ އިތުރުން ކޯސްތަކަށް އެޕްލައިކުރުމަށް އެހީތެރިވެދިނުންވެސް ކުރިއަށްދާނެ ކަމަށް އެމްއެންޔޫއިން ވަނީ ބުނެފައެވެ.