ގައްދޫ ކައިރީގައި ތަރައްގީ ކުރަމުން އައި ރިސޯޓެއްގައި ހުރި ކޮޓަރިއެއްގެ ސީލިން ބޮލަށް ވެއްޓި ކުޑަކުއްޖަކަށް އައިސީޔޫގައި ފަރުވާ ދޭން ފަށައިފިއެވެ.
އެ ކުއްޖާއަށް ފަރުވާ ދެމުން އަންނަނީ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އައިސީޔޫގައެވެ. ގދ. ލޮނަދޫފުށްޓަކީ މީގެ ކުރިން ރިސޯޓެއް ތަރައްގީ ކުރުމަށް މަސައްކަތް ފަށާފައިވާ ރަށެކެވެ. ނަމަވެސް އެ ރަށުގެ މަސައްކަތް މިހާރުވަނީ ހުއްޓާލާފައެވެ. އެއަށްފަހު ރަށް އޮންނަނީ ފަޅު ރަށެއްގެ ގޮތުގައެވެ.
"ގާފު" އަށް މައުލޫމާތު ދެއްވަމުން ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެހާދިސާގައި އަނިޔާވެގެން ފަރުވާ ދެމުން އަންނަނީ ގދ. ގައްދޫއަށް ނިސްބަތްވާ 17 އަހަރުގެ ފިރިހެން ކުއްޖަކަށް ކަމަށާއި އޭނާ އޮތީ އައިސީޔޫގައި ކަމަށެވެ.
"ގެނައި އިރު މަލްޓިޕްލް ފްރެކްޗާސް ހުރި. ސީޓީ ސްކޭނާއި ޓެސްޓުތައް ކުރުމަށްފަހު އިތުރަށް ފަރުވާ ދިނުމަށް އައިސީޔޫގައި ވަނީ އެޑްމިޓް ކުރެވިފަ،" ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
"ގާފު" އަށް އެނގިފައިވާ ގޮތުގައި އެ ކުއްޖާއަށް އަނިޔާވެފައިވަނީ ގދ. ލޮނަދޫފުށީގައި ރިސޯޓު ތަރައްގީ ކުރި އިރު އެތަނުގައި އިމާރާތްކޮށްފައި ހުރި ކޮޓަރިއެއްގެ ސީލިންގ ބޮލަށް ވެއްޓިގެންނެވެ. އެރަށަށް އެކުއްޖާ ދިޔައީ ރައްޓެހިންނާ އެކު ޕިކްނިކް ހަދާލުމަށެވެ. އެކުއްޖާއަށް ލިބުނު އަނިޔާތަކުގައި ކުއްޖާގެ ފަޔާއި ބޮލަށް ބޮޑެތި އަނިޔާތަކެއް ވަނީ ވެފައެވެ.