
ސީރިއާގައި ހާލުގައިޖެހިފައިތިބި ދިވެހިން ގެނައުމަށް ސަރުކާރަށް ގޮވާލައިފި
Nazim MNP
ސީރިއާގެ ރެފިއުޖީ ކޭމްޕުތަކުގައި ޙާލުގައި ޖެހިފައިވާ ތިބި ދިވެހިންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވާ މީހުންގެ މައްސަލައަށް އަވަސް ޙައްލެއް ގެނެސްދެއްވުމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)އިން ސަރުކާރަށް ގޮވާލައިފި އެވެ.

އެމްއެންޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސީރިއާގެ ރެފިއުޖީ ކޭމްޕުތަކުގައި ދިވެހިންގެ ތެރެއިން ބަޔަކު އުޅެންޖެހި، އެފަރާތްތަކަށް ރާއްޖެ ނާދެވި ގިނަދުވަސްތަކެއް ވެފައިވާތީ އެ ޕާޓީން އެފަރާތްތަކާ އެފަރާތްތަކުގެ ޢާއިލާތައް ތަޙައްމަލު ކުރަމުންދާ ހިތާމައިގާ ބައިވެރިވެ، ކަންބޮޑުވުން ފާޅުކޮށް، އެފަރާތްތަކުގެ ކެކުޅުންތަކަށް އަވަސް ޙައްލެއް ގެނެސްދިނުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ.
ސީރިއާގައި ޙާލުގައި ޖެހިފައިވާ ދިވެހިންނާ ގުޅޭގޮތުން، މީގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދިވެހި ރައްޔިތުންނަށާއި ސީރިއާގައި އުޅެންޖެހިފައިވާ ޢާއިލާތަކަށް ޔަޤީންކަން ދެއްވަމުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ އެފަދަ ފަރާތްތައް ބޭތިއްބުމަށް ހަދާ ޚާއްޞަ މަރުކަޒު ކުރިއަށް އޮތް ދެ މަސްދުވަހުގެ ތެރޭގައި ނިންމާ، އެ ފަރާތްތައް ރާއްޖެ ގެނެވޭނެ ކަމަށް ވިދާޅުވެފަ އެވެ.
އެމްއެންޕީން ބުނީ ރައީސްގެ މިވާހަކަފުޅަށް ޢަމަލީ ސިފަ ގެނައުމުގެ އެއްވެސް ކަމެއް ސަރުކާރުން ކުރިއަށް ނުގެންދަވާ ކަމަށާއި، މަދަދަށް އެދި ފޮނުވާ އާދޭސްތަކަށް ވެސް އެކަށީގެންވާ ޖަވާބެއް ނުދެއްވާ ކަމަށް، ސީރިއާގެ ރެފިއުޖީ ކޭމްޕުތަކުގައި އުޅެންޖެހިފައިވާ ފަރާތްތަކުގެ ޢާއިލާއިން މައުލޫމާތުދީފައިވާ ކަމަށެވެ.
"މިމައްސަލަ އަކީ ޤައުމީ މައްސަލައެއް ކަމަށް 2019 ވަނަ އަހަރު ނިންމަވައިގެން ސަރުކާރުން މަސައްކަތް ކުރައްވަން ފައްޓަވާފައިވާތީ މި ޕާޓީއިން ދެކޭގޮތުގައި މި މައްސަލަ މިހާރުވާންވާނީ ޙައްލުކުރެވިފައި." އެމްއެންޕީން ބުނެ އެވެ.
މީގެ އިތުރުން ހަނގުރާމަވެރި ސަރަޙައްދުތަކުން އަންނަ ދިވެހިން ބޭތިއްބުމަށް އ.ދ.ގެ ހިލޭއެހީ ދަށުން ބިނާކުރި ސެންޓަރުގެ މަސައްކަތްވެސް މިދިޔަ އަހަރު ނިމިފައިވާއިރު ސީރިއާގައި ރެފިއުޖީންނަށް ވެފައިވާ ދިވެހިން ރާއްޖެ އައުމުގައި ސަރުކާރުން މަދަދުވެރި ނުވެ، އެއް މުއައްސަސާއިން އަނެއް މުއައްސަސާގެ ބޮލުގައި މިކަމުގެ ޒިންމާ އަޅުވައި، މި ފަދަ މޭރުންތަކުން، އެފަރާތްތަކަށް ޖަވާބުދީ، މިކަމުގެ ޒިންމާއިން މުއައްސަސާތައް ރެކެން މަސައްކަތްކުރަމުންދާ ކަމަށް އެއާޢިލާތަކުން ދެކޭ ކަމަށް އެ ބަޔާނުގައިވެ އެވެ.
މި މައްސަލައަކީ ޚާއްޞަ ކަމެއްގެ ގޮތުގައި ދެކިގެން ސީރިއާގައި ތިބި ދިވެހި ދަރިން ރާއްޖެ ގެންނަން ސަރުކާރުން ކުރާ މަސައްކަތާބެހޭ ޞައްޙަ މަޢުލޫމާތު ހޯދަން ރައީސަށް ސިޓީއެއް ފޮނުވާފައިވާ ކަމުގައިވެސް ބަޔާނުގައިވެ އެވެ.