
big_mT1KOp6bkAdiLQjOWMmX18LZi
7 ރަށެއްގައި 30 އެނދުގެ ހޮސްޕިޓަލް ޢިމާރާތްކޮށްދޭނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީން ބީލަމަށް ހުޅުވާލައިފި އެވެ.

މިއީ ކުވެއިތް ފަންޑް ފޯރ ޢަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓް (ކޭ.އެފް.އޭ.އީ.ޑީ)ގެ އެހީގެ ދަށުން ސްޓްރެންތެނިންގ އޮފް ހެލްތް ސެކްޓަރ ޕްރޮޖެކްޓުގެ ތެރެއިން ތަރައްޤީކުރާ 30 އެނދުގެ ހޮސްޕިޓަލް އިމާރާތްކުރުމަށް ފިނޭންސް މިނިސްޓްރީން ބީލަމަށް ހުޅުވާލާފައިވާ 7 ރަށަކީ ހދ. ހަނިމާދޫއާއި، ށ. މިލަންދޫއާއި، ނ. ވެލިދޫއާއި، ކ. ތުލުސްދޫއާއި، އދ. މާމިގިއްޔާއި، ވ. ފެލިދޫގެ އިތުރުން ތ. ވިލުފުށްޓެވެ.
މި ރަށްރަށުގެ ހޮސްޕިޓަލްތައް ޢިމާރާތްކުރުމުގެ މަސައްކަތަށް ބިޑް ހުށަހަޅާ ފަރާތްތަކުން ބިޑް ސެކިއުރިޓީގެ ގޮތުގައި 35،000 އެމެރިކާ ޑޮލަރު ހުށަހަޅަންޖެހެއެވެ.
ފިނޭންސް މިނިސްޓްރީން ވިދާޅުވީ، މި މަސައްކަތަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންކަން ގެންދެވޭނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ އުޞޫލުން ކަމަށެވެ. އަދި މިކަމުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ކުރާ ފަރާތްތަކުގެ ޤަވާއިދާއި، މިނިސްޓްރީ އޮފް އިކޮނޮމިކް އެންޑް ޑިވެލޮޕްމަންޓުގެ ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީއަށް ބެލޭނެކަމަށެވެ.
މި ބީލަމުގައި ބައިވެރިވުމަށް 1500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭނެކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވިއެވެ. މި މަޝްރޫޢުތަކުގެ ބިޑް ހުޅުވުން އޮންނާނީ އަންނަ ޖެނުއަރީމަހުގެ 2 ވަނަ ދުވަހެވެ.