
UYC_9807
ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައެއްގައި ބިދޭސީއަކަށް 10 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްޔެ އިއްވައިފި އެވެ.

މި މައްސަލައިގައި މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރި ހިންގުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ މޮހައްމަދު ބޮކުލް ހޮސައިންގެ މައްޗަށެވެ.
އޭނާގެ މައްޗަށް މި ދަޢުވާ އުފުލީ 2020 ވަނަ އަހަރު ޑިސެމްބަރުމަހު 16 ވަނަ ދުވަހުގެރޭ މާލޭ ކެނެރީގޯޅި-ހަވީރީ ހިނގުމުގައި ހުރި ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ މުޙައްމަދު ބައްކު ޢަލީގެ ދަތްދޮޅިއާއި ބޮލާއި މޭމައްޗާއި ވާތް ފަރާތު ކިހިލިފަތް ދޮށުން ފެށިގެން ވާތް ފަރާތު ބޮނބިފަޅިއަށް ވަޅިން ހަމަލާދިން މައްސަލައިގައެވެ.
ހަމަލާ ދިނުމުން ބައްކުއަށް ލިބުނު ޒަޚަމްތަކަށް އައިޖީއެމްއެޗުގައިި ފަރުވާދީފައިވާއިރު ކަނދުރާ ދަށުން އާދަޔާ ޚިލާފަށް ބޮޑުކޮށް ޒަޚަމްވެފައިހުރި ކަމަށް ފުލުހަކު ކޯޓުގައިި ހެކި ބަސްދީފައިވެއެވެ.
މި މައްސަލައިގައި ބޮކުލް ދަޢުވާއަށް އިންކާރުކުރި ނަމަވެސް ހުށަހެޅުނު ހެއްކާއި ޤަރީނާއަށް ރިޢާޔަތް ކޮށް ގާޒީ ޙުސައިން ފާއިޒް ރަޝާދު ކަނޑައެޅުއްވީ ބޮކުލްގެ މައްޗަށް ކުށް ސާބިތުވާ ކަމަށެވެ.