
ޗައިނާގެ ކުރީގެ ރައީސްގެ ތަޢުޒިޔާގެ ދަފްތަރުގައި ރައީސް ސޮއިކުރައްވައިފި
266099_beacadd5-a_
ޗައިނާގެ ކުރީގެ ރައީސް ޖިއަންގ ޒިމިންގެ ހަނދާނުގައި ރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީގައި ހުޅުވާފައިވާ ތަޢުޒިޔާގެ ދަފްތަރުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ސޮއިކުރައްވައިފިއެވެ.

ތައުޒިޔާގެ ދަފްތަރުގައި ރައީސުލްޖުމްހޫރިއްޔާ ލިޔުއްވި ބަޔާނުގައި، ޗައިނާގެ ކުރީގެ ރައީސް އަވަހާރަވުމުގެ ހިތާމައިގައި ޗައިނާގެ ސަރުކާރަށާއި ރައްޔިތުންނަށް ވަނީ ތަޢުޒިޔާ ވިދާޅުވެފައެވެ.
ޗައިނާގެ ކުރީގެ ރައީސް ޖިއަންގ ޒިމިންގެ ޒަޢާމަތުގައި އެޤައުމަށް ލިބިގެންދިޔަ ކުރިއެރުންތައްވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން، އެމަނިކުފާނުގެ ޒަޢާމަތުގައި، ޗައިނާއިން ބައިނަލްއަޤުވާމީ މައިދާނުގައި ހޯދާފައިވާ ކާމިޔާބީތަކަށްވެސް ރައީސުލްޖުމްހޫރިއްޔާ ތަޢުރީފްކުރެއްވިއެވެ.
ޗައިނާގެ ކުރީގެ ރައީސް ޖިއަންގ ޒިމިން އަވަހާރަވީ، ހުސްވި ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުއެވެ. އަވަހާރަވި އިރު އުމުރުފުޅަކީ، 96 އަހަރެވެ.