ޒަމާންތަކެއްވީ ބޮލި ވަޅެއް ރިނބުދޫ އިން ފެނިއްޖެ

ޒަމާންތަކެއްވީ ބޮލި ވަޅެއް ރިނބުދޫ އިން ފެނިއްޖެއެވެ.

މި ބޮލިވަޅު ރިނބުދޫ އިން ފެނިފައިވަނީ އެރަށުގެ ފެނާއި ނަރުދަމާ އެޅުމުގެ މަސައްކަތަށް ކޮންނަމުންދިޔައިރުއެވެ.

މިކަމާ ގުޅޭ ގޮތުން މިނިސްޓަރ އޮފް އާރްޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ކުރެއްވި ޓުވީޓެއްގައި ވަނީ، އެ ބޮލިވަޅު ފެނުނުކަމުގެ މައުލޫމާތު ރިނބުދޫ ކައުންސިލުން އެމިނިސްްޓްރީއާ ހިއްސާކޮށްދެއްވި ކަމަށްޓަކައި ޝުކުރު ދަންނަވާފައެވެ.

އަދި މިކަމުގައި މިނިސްޓްރީގެ ލަފަޔާ އެއްގޮތަށް ކައުންސިލުން އަމަލުކޮށްދެއްވުމަށް މިނިސްޓަރ ވަނީ އިލްތިމާސްކުރައްވާފައެވެ.

ބޮއްޔަކީ ކުރީ ޒަމާނުގައި ފައިސާގެ ގޮތުގައި ދިވެހިރާއްޖޭގައި ބޭނުން ކުރި އެއްޗެކެވެ.  އެހެން ނަމަވެސް ފައިސާގެ ގޮތުގައި އެންމެ ފުރަތަމަ ބޮލި ބޭނުންކޮށްްފައިވަނީ ދިވެހިރާއްޖޭގައި ނުވަތަ ދުނިޔޭގެ ކޮން ގައުމެއްގައި ކަމެއް އެނގޭކަށް ނެތެވެ.

ތާރީޚު ލިޔުއްވާ އެކި ލިޔުންތެރިން ވިދާޅުވެފައިވާ ގޮތުގައި، އެވޭލާ ޒަމާނުގައި މިވައްތަރުގެ ބޮލި ލިބެނީ ހަމައެކަނި އިންޑިޔާ ކަނޑުގައި އޮންނަ މި ޖަޒީރާތަކުންނެވެ. ލަކްޝަދީބުން ވެސް އިހުޒަމާނުގައި މިފަދަ ބޮލި ހޮވާފައިވާ ކަމަށް ބައެއް މީހުން ބުނެ އެވެ.

ދިވެހިރާއްޖެ އާއި ލަކްޝަދީބާއި، މިއީ އުފެދިފައިވާ ގޮތުން، ކަނޑުގެ އަޑީގައި ދެމިފައިވާ އެއް ފަރުބަދަފައްޗެއްގެ މަތީގައި ގާތުގައި އުފެދިފައިވާ ޖަޒީރާތަކެއްގެ ދެ ބައެކެވެ. އެހެންކަމާ އެކު، ލަކްޝަދީބުން ވެސް މިފަދަ ބޮލި އިހުގެ އިންޑިޔާ މީހުން ހޯދާއުޅުނުކަމަށް ވެދާނެ އެވެ.

ރާއްޖޭގެ ބައެއް އާސާރީ ސަރަޙައްދުގައި، އިހުގެ ދީނީ ބިނާތަކުގެ ތެރޭގައި، އެހެން ޤައުމުތަކުގައި ރަނާއި ރިހީން ހަދާފައި ހުންނަ ތަކެތި ވަޅުލާފައި ހުންނަ ފަދައިން ބޮލި ވަޅުލާފައި ހުރުމުން، ބޮއްޔަކީ ހަމަ އެފަދަ އަގުހުރި ތަކެތި ކަމަށް އެޒަމާނުގެ މީހުން ޤަބޫލުކުރިކަން ދޭހަވެ އެވެ.

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް