
C601B053-9D32-448C-ADA9-9DF86D4087F1
އެޑިޓަރުގެ ނޯޓު: މި ލިޔުމަކީ އަދުނާން ހަލީމް، ގާފުގެ ކޮލަމަށް ލިޔެފައިވާ ލިޔުމެެކެވެ.

މީގެ 59 އަހަރުކުރިން 1962 ވަނަ އަހަރު ފެބްރުއަރީ މަހުން 4 ވަނަ ދުވަހު ދިވެހި ދައުލަތުގެ ބޮޑުވަޒީރު އިބްރާހީމް ނާޞިރު ހަވަރުތިނަދޫ އަށް ބަޑިޖަހައި މީހުން މަރައި މީހުން ރަށުންބާލައި ރަށް ފަޅުކޮށް ރަށުގެ ގެދޮރާއި އޮޑިދޯނިފަރުގައި ހުޅުޖަހާ އަންދާލި ބިރުވެރި ޙާދިސާގެ ވާހަކަ އަޅުގަނޑުވެސް އަޑުއެހީ ވާހަކައެއްގެ ގޮތުގައެވެ. އެއީ އަޅުގަނޑު ކުޑަކަމުން އެދުވަހުގެ ކަންކަން ފެނި އަޑުއިވިފައި ނެތީމައެވެ.
މަންމަ ކިޔައިދެއްވި ގޮތުގައި މަންމަގެ އަޅުގަނޑަށްވުރެ ދޮށްޓަށް ތިބި ތިން ކުދިން އެކުދިންގެ ބޮޑުބޭބެ ގެންދަވައިފިއެވެ. މަންމަ މަސައްކަތް ކުރެއްވީ އަޅުގަނޑު ގޮވައިގެން ހަވަރުތިނަދޫއިން ބޭރުވެވޭތޯއެވެ.
ނަމަވެސް އެހީތެރިވާނޭ ފިރިހެނަކު ނެތުމާއި، އެއްވެސް މީހަކަށް އަނެކާއަށް އެހީވުމަށްވުރެ ދުވަހުގެ ބިރުވެރިކަމާއި ނުރައްކާ ބޮޑުކަމުން ހަވަރުތިނަދޫއިން ބޭރުވެވޭނޭ ގޮތެއް ނުފެނުނެވެ.
އެހެންވެ ގޮތް ހުސްވެގެން މަންމަ އަޅުގަނޑުއުރާލައިގެން މާވައްދިހަރެޔަށް ނުކުމެއްޖެއެވެ. މިމަންޒަރު ބޮޑުވަޒީރު އަރިހުގައި ހުންނެވި (މ. ލަކްްސްލިން) އަންނަބީލު މުޙައްމަދު ޢިމާދުއްދީން އަށް ފެނިވަޑައިގެން މަންމަ ގާތަށް ވަޑައިގެން ޙާލުބައްލަވައި ކަންކަން ސާފުކުރެއްވިއެވެ.
ޢިމާދުއްދީނަކީ ހަވަރުތިނަދޫގައި ހުންނެވި އިރު އަޅުގަނޑުގެ ބައްޕަގެ ރައްޓެއްސެއްކަމުން ގެއަށްވެސް ވަޑައިގަންނަވާ ވަރަށް ހިތްޕުޅުހެޔޮ ބޭފުޅެކެވެ.
އެހެންކަމާއެކު މަންމަގެ ޙާލާއި ކުރިމަތިވެފައިވާ މުޞީބާތުގެ ވާހަކަ ދެންނެވީމައި ބޮޑުވަޒީރު އަރިހަށް ވަޑައިގެން މިވާހަކަ ދަންނަވައިފިއެވެ. ކުޑައިރުކޮޅަކުން ޢިމާދުއްދީން ވަޑައިގެން ވިދާޅުވީ ދެވޭނެގޮތެއް ހަމަޖެހެންދެން ހަވަރުތިނަދޫގައި ތިބުމަށް ބޮޑުވަޒީރު ހުއްދަ ދެއްވައިފި ކަމަށާއި، އެކަމަކު މިރެއާއި މާދަމާ ތިބެންވާނީ ސިފައިންގެ ބެލެހެއްޓުމުގެ ދަށުގައި ކަމަށެވެ.
އެހެންވީމާ އެހިސާބުން ސިފައިން އަޅުގަނޑުމެންނާ ޙަވާލުވެއްޖެއެވެ. އިރު އޮއްސުމާއެކު ތިނަދޫގައި އެއްކޮށް އަލިފާންޖަހައި ތަންތަނާއި އޮޑިދޯނިފަހަރު އަންދަން ފަށައިފިއެވެ. ސިފައިން ބޭނުންކުރި ތަންތަނާއި މިސްކިތްތައް ފިޔަވައި މުޅިރަށް އަންދާލައިފިއެވެ. އަޅުގަނޑުމެން ތިބީ އަލިފާނުގެ މެދުަގައެވެ. ވަށައިގެން ތަންތަން އަދަނީއެވެ. (ވިލިނގިލީ އިހުގެ މީހުން ބުނުއްވީ ތިނަދޫ ރޯކޮށް އަދަމުން ދިޔައިރު އުދަރެސް މަތިން ވިލިނގިއްޔަށް އަލިފެނުނު ކަމުގައެވެ.)
މަންމަ ބުނުއްވި ގޮތުގައި ފައުޒީބޭގެ ބައްޕަ މާމެންދޫ އާދަމް ތަކުރުފާނަށް ޚަބަރު ލިބިލައްވައިގެން އަޅުގަނޑުމެން ބަލައި ދުރުވީ ދެހަފްތާވީ ފަހުންނެވެ. ދެން މާމެންދޫ އަށް ގެންދަވައި އަޅުގަނޑުމެންނަށް ރައްކާތެރިކަމާއި ހިޔާވަހިކަން ދެއްވައިފިއެވެ.
ނާޞިރު ތިނަދޫއަށް މިހެން މިހެދީ ކީއްވެހެއްޔެވެ؟ ތެދެކެވެ. ތިނަދޫގެ ގިނަބަޔަކު ސަރުކާރާދެކޮޅުވިއެވެ. ސުވާދީބު ދައުލަތުގެ ދިދަ ތިނަދޫގައި ނެގިއެވެ. ސުވާދީބާ ދެކޮޅުމީހުނަށް އަނިޔާ ކުރިއެވެ. އަޅުގަނޑުގެ ބައްޕަ އައްޑޫއަށް ފޮނުވީމައި އައްޑޫއަށް ނުދުރުވެ މާލެއަށް ދުރުވާން ދަތުރުކުރެއްވުމާ ގުޅިގެން ސުވާދީބުގެ ތިނަދޫ މީހުން އަޅުގަނޑުމެންގެ ގެ ތަޅާލިއެވެ. އަޅުގަނޑުމެން ގޭތެރޭގައި ތިއްބައި ގެ ބޮލަށް ވައްޓާލިއެވެ.
އެކަމަކު އިބްރާހީމް ނާޞިރު ދިވެހި ދައުލަތުން ތިނަދޫއާމެދު ތިނަދޫގެ ރައްޔިތުންނާމެދު ޢަމަލުކުރި އިންސާނިއްޔަތުކަމެއްނެތް ދަށުދަރަޖައިގެ ޢަމަލަކީ ބަލައިގަނެވޭނެ ޢަމަލެއްނޫނެވެ.
ވާހަކަ ދައްކައިގެން ޙިކުމަތްތެރިކަން ކުރިއަށް ނެރެގެން މައްސަލަ ޙައްލުކުރަން ނޭގުނީއެވެ. އަނިޔާވެރިކަމާއެކު ހަތިޔާރު ނެތް ބައެއްގެ ގަޔަށް ބޮލަށް ބަޑިޖަހައި މީހުން މަރައި، ގެދޮރާއި އޮޑިދޯނިފަހަރު އަންދައި ރަށެއް ފަޅުކޮށް ޖީލެއްގެ މީހުން ނައްތާލައި އެތައް ޖީލެއް ނަފްސާނީ ބިރުވެރިކަމަކަށް ވައްޓާލައި އެތައްބައެއްގެ ތަޢުލީމުން މަޙްރޫމުކޮށް މުއްސަނދިކަން ފޭރި އަދި އިންސާނިއްޔަތާ ޚިލާފު އެތަކެއް ފާޙިޝު ކަމެއްކުރީ އިންސާނެއްގެ ސިފަނެތީމާނޫން ދެން އެހެން ކޮން ސިފައެއް ހުރެގެން ހެއްޔެވެ. އާދޭހެވެ! އިބްރާހީމް ނާޞިރަކީ ޣާޒީއެއްނޫނެވެ.