ރާއްޖޭގައި އެންމެ ގިނަ ދުވަސްވީ މުވާސަލާތީ ކުންފުނި، ދިރާގުން ކޮންމެ އަހަރަކުވެސް ކުރިޔަށް ގެންދާ ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މި ޕްރޮގްރާމަކީ ދިރާގުގެ ސީއެސްއާރްގެ ދަށުން ޒުވާނުން ބާރުވެރިކުރުވައި ވަޒީފާގެ މާހައުލަށް ހޭލުންތެރިކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. އަދި މި ޕްރޮގްރާމުގެ ބައިވެރިންނަށް ދާއިރާގެ ހުނަރުތަށް އުނގަންނައިދީ ވަޒީފާގެ މާހައުލުގައި ތަޖުރިބާ ލިބުމުގެ ފުރުސަތު މި ޕްރޮގްރާމް މެދުވެރިކޮށް ލިބޭނެ އެވެ. އެގޮތުން، ދިރާގުގެ މާކެޓިން އާއި ސޭލްސް އަދި ހިއުމަން ރިސޯސަސް އާއި ފައިނޭންސް އާއި ނެޓްވޯކްސް އާއި ބިޒްނަސް ސޮލިއުޝަންސް އާއި އިންފޮމޭޝަން ސިސްޓަމްސް ޑިޕާޓްމަންޓުގައި މަސައްކަތް ކުރުމުގެ ފުރުސަތު މި ޕްރޮގްރާމުގެ ތެރެއިން ކޮންމެ ބައިވެރިއަކަށްވެސް ލިބޭނެ އެވެ.
މި ޕްރޮގްރާމް ދިރާގުގެ ހުރިހާ އޮފަރޭޝަން ސެންޓަރުތަކުގައި ކުރިޔަށްދާނެއެވެ. މިގޮތުން ތިނަދޫގައި ހުންނަ ދިރާގުގެ ގާފު އޮޕަރޭޝަން ސެންޓަރުގައިވެސް ކުރިޔަށް ދާނެއެވެ. އެހެންކަމުން އެ ރަށްރަށުގެ މީހުންނަށްވެސް މި ޕްރޮގްރާމުގައި ބައިވެރިވެވޭނެ އެވެ.
ދިރާގުގެ މި ޕްރޮގްރާމުގައި ބައިވެރިވެވޭނީ 18-30 އަހަރުގެ މީހުންނަށެވެ. މީގެ ތެރެއިން އޭލެވެލް ނިންމައިފައިވާ ވަޒީފާގެ ތަޖުރިބާ ނުލިބޭ މީހުންނަށް ހާއްސަ އިސްކަމެއް ދޭނެ ކަމަށް ދިރާގުން މައުލޫމާތު ދެއެވެ.
މި ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ސީވީ އާއި ބޭނުންވާ އިތުރު ޑޮކިއުމަންޓުތައް މި މަހުގެ 10 ވަނަ ދުވަހުގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް ހުށަހަޅަން ޖެހޭނެ އެވެ.