logoEN
cocacola
މީހުންގެ އުނި ސިފަތަކުގެ ވާހަކަ ނުދައްކާ އަމިއްލަ ނަފުސު އިޞްލާޙު ކުރޭ - ޚުޠުބާ

މީހުންގެ އުނި ސިފަތަކުގެ ވާހަކަ ނުދައްކާ އަމިއްލަ ނަފުސު އިޞްލާޙު ކުރޭ - ޚުޠުބާ

އައިޝަތު އިފާޝާ

logo

11/25/2022, 1:49:38 PM

Fh1Z9k-UcAI3nsF

އިސްލާމްދީން ބާރުއަޅަނީ އެހެން މީހުންގެ ޢައިބުތައް ފޮރުވައި ވަންހަނާކުރުމަށްކަން ފާހަގަކުރައްވާ، އެހެންމީހުންގެ އުނި ސިފަތަކާއިގެން އަވަދިނެތި އުޅުމުގެ ބަދަލުގައި އަމިއްލަ ނަފުސު އިޞްލާޙުކުރެވޭތޯ މަސައްކަތްކުރުމަށް މިއަދުގެ ހުކުރު ޚުޠުބާގައި ގޮވާއްލައިފިއެވެ.

ގޮސިޔާ

ރާއްޖޭގެ މިސްކިތްތަކުގައި މިއަދު ދިން ހުކުރު ޚުޠުބާ ޚާއްސަކޮށްފައިވަނީ "އަމިއްލަ ނަފުސު އިޞްލާޙުކުރަން އިސްކަންދިނުން" މި މަޢުޞޫއަށެވެ.

މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވީ، އިސްލާމްދީނަކީ އިންސާނާ މާތްކުރައްވާ އޭނާގެ ނަފުސު ރައްކާތެރިކުރެއްވި ދީންކަމަށެވެ. އަދި އިންސާނާގެ ކަރާމާތަށް އުނިކަން ލިބިދާނެ ކަންކަމުން އޭނާގެ ނަފުސު ސަލާމަތްކޮށް ރައްކާތެރިކުރުމަށް އިސްލާމްދީން ބާރު އަޅުއްވާފައިވާކަމަށެވެ. ވަކިން ޚާއްސަކޮށް އެއްވެސް ޙައްޤަކާނުލާ ތިމާގެ މުސްލިމް އަޚާގެ ނަފުސުގެ ކަރާމަތާއި، ޢިއްޒަތް ނަގައިނުލުމަށް އިސްލާމްދީން ވަރަށް ބޮޑަށް ބާރުއަޅާފައިވާކަން ފާހަގަކުރެއްވިއެވެ.

އެހެން މީހުންގެ ކުށްތަކާއި، ޢައިބުތަކާއި، އުނި ސިފަތައް ހޯދައި ކަޝްފުކުރުން އިސްލާމްދީނުގައި މަނާކުރައްވާފައިވާކަމަށް ޚުޠުބާގައި ވިދާޅުވިއެވެ. އަދި އެއީ އިންސާނާގެ ދުނިޔެއާއި އާޚިރަތް ފަސާދަކުރާ ބަލިމަޑުކަމެއްކަމަށްވެސް ޚުޠުބާގައި ވިދާޅުވިއެވެ.

"މިއަދުގެ ޙާލަތަށް ބަލާއިރު، ބައެއް މީހުންގެ މަސައްކަތަކީ އަބަދުމެ، މީސްތަކުންގެ އުނި ސިފަތައް ހޯދައި، ސޯޝަލް މީޑިއާގައި އެކަންކަން ހާމަކުރުން. ބައެއް ފަހަރަށް އެމީހުން މީސްތަކުންނަށް މަލާމާތްކުރަނީ މީހުންގެ ޙާލަތާއި ސިފައާއި ބެހޭގޮތުން. އަނެއްބައި ފަހަރަށް މަލާމާތްކޮށް ނެތިމޮށެނީ މީހުންގެ ޙަސަބާއި ނަސަބާއި ބެހޭގޮތުން. އެފަދަ މީހުން ދެކޭގޮތުގައި އެމީހުންނަކީ އެއްވެސް އުނި ސިފައެއް ނެތް ފުރިހަމަ ބައެއް. އެހެން މީހުންނަކީ އުނިބައެއް" ޚުޠުބާގައި ވިދާޅުވިއެވެ.

މިއަދުގެ ހުކުރު ޙުޠުބާގައި ވަނީ އެހެންމީހުންގެ ޢައުރަތައް ކަޝްފުކުރުމާ ދުރުހެލިވުމަށް ގޮވާލައްވާފައެވެ. އަދި އެހެން މީހުންނަށް މުޞީބަތެއް ކުރިމަތިވުމުން އެކަމާ އުފާނުކުރުމަށްވެސް ނަސޭޙަތްތެރިވެފައެވެ.

އަނިޔާވެރިކަމަކީ ތަފާތު ސިފަސިފައިގައިވާ ކަމެއްކަން ފާހަގަކުރައްވަމުން މީގެ ތެރޭގައި ޢަމަލުންކުރާ އަނިޔާއާއި، ބަހުން ކުރާ އަނިޔާއާއި، ނަފްސާނީގޮތުން ކުރާ އަނިޔާއާއި، މީހުންގެ ޙައްޤުތަކަށް އަރައިގަތުން ހިމެނޭކަން ޚުޠުބާގައި ފާހަގަކުރެއްވިއެވެ. އަދި މީހުންނަށް ފުރައްސާކުރުމަކީ އެމީހުންގެ ނަފްސަށް ދެވޭ އަނިޔާއެއްކަމަށް ވިދާޅުވިއެވެ. އެކަކު އަނެކަކަށް މަލާމާތްނުކުރުމަށް މާތް ﷲ އަމުރު ކުރައްވާފައިވަނީ ފުރައްސާރަކުރި މީހާއަށްވުރެ ފުރައްސާރަ ކުރެވުނު މީހާގެ ހެޔޮކަން ބޮޑުވެދާނެތީކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.

"ﷲގެ އަޅުތަކުންނޭވެ، އެހެންމީހުންގެ އުނި ސިފަތަކާއިގެން އަވަދިނެތި އުޅުމުގެ ބަދަލުގައި އަމިއްލަ ނަފުސު އިޞްލާޙުކުރެވޭތޯ މަސައްކަތްކުރޭ. އަހުރެމެންގެ ކޮންމެ މީހެއްގެ ކިބައިގައިވެސް އުނި ސިފަތައް ހުންނާނެ. ޢައިބުތައް ހުންނާނެ. އެންމެންނަށްވެސް ކުށްކުރެވޭނެ. އިސްކަންދޭންވީ އަމިއްލަ ނަފުސު އިޞްލާޙުކުރުމަށް. އިސްލާމްދީން އަންގަވަނީ އެހެން މީހުންގެ ޢައިބުތައް ފޮރުވައި ވަންހަނާކުރުމަށް" ޚުޠުބާގައި ވިދާޅުވިއެވެ.

މިއަދުގެ ހުކުރު ޚުޠުބާގައި މުޖުތަމަޢުގައި އެއްބައިވަންތަކަމާއި، އެކުވެރިކަން ޤާއިމުކުރުމުގައި ދުލަކީ ވަރަށް ވަރުގަދަ ވަސީލަތެއްކަމަށް ވިދާޅުވިއެވެ. ދުލުން ގޯނާކުރުމާއި ދުރުހެލިވުމުގެ މާނައަކީ ނެތިމޮށުމާއި، މަލާމާތްކުރުމާއި ފުރައްސާކުރުމާއި، ދެބައޮޑުވުންފަދަ ކަންކަމުން ދުރުހެލިވުންކަމަށް ޚުޠުބާގައި ވިދާޅުވިއެވެ. އަދި ތިމާގެ ދުލުން އެހެންމީހުންގެ ޙައްޤުތަކަށް އަރައިގަތުމާ ދުރުހެލިވުމާއި، މީސްތަކުންގެ ޙައްޤުތައް ނިގުޅައިގަތުމުން އެއްކިބާވެ، އެހެން މީހުންނަށް އަނިޔާވެރިވުމުގައި ތިމާގެ ދުލުން އެއްވެސް މީހަކަށް އެހީތެރިނުވުންކަންވެސް ފާހަގަކުރެއްވިއެވެ.

އިސްލާމްދީން ގޮވައިލަނީ ބަސްބުނުމުގައި ޢަދުލުވެރިވުމަށްކަން ފާހަގަކުރައްވާ، އެހެން މީހުންނަށް ކުރިމަތިވާ ބަލިމަޑުކަމާއި ތަދުމަޑުކަމާމެދު އުފާނުކުރުމަށް މިއަދު ޚުޠުބާގައި ވަނީ ގޮވާލައްވާފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ