ސޫޗީގެ މައްޗަށް ގިނަ ދައުވާތަކެއް

ބަޤާވާތަކުން މިޔަންމާގެ ވެރިކަމުން ދުރުކޮށްފައިވާ އެޤައުމުގެ މަދަނީ ލީޑަރު އަންގް ސަން ސޫޗީ މައްޗަށް އެތައް ދައުވާއެއް ފުލުހުން ކޮށްފި އެވެ.

ބަޤާވާތަށް ފަހު ސޫކީގެ އިތުރުން އޭނާގެ އިސްވެ އުފައްދާފައިވާ ސަރުކާރުގެ އިސް ވެރިން ވަނީ ހައްޔަރުކޮށްފަ އެވެ. ސޫކީގެ ބަންދުގެ މުއްދަތު ވަނީ މި މަހުގެ 15 ވަނަ ދުވަހާ ހަމައަށް އިތުރުކޮށްފަ އެވެ. މިޔަންމާގެ ދިފާއީ ބާރުތަކުން ސޫކީ ހައްޔަރުކުރުމަށްފަހު ސޫކީ ހައްޔަރުގައި ބަހައްޓަފައިވާ ތަނެއް ހާމަކޮށްފައި ނުވެއެވެ. އެހެން ނަމަވެސް ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި އެކަމަނާ ހުންނެވީ ވެރިރަށް ނޭޕީޓޯގައި ގޭބަންދުކޮށްފަ އެވެ.

މިޔަންމާގެ ފުލުހުން ކޯޓަށް ހުށަހެޅި މައްސަލައިގައި ވަނީ ސޫޗީގެ ގެކޮޅުން ވޯކީޓޯކީތަކެއް ފެނިފައިވާ ކަމަށާއި އެއީ ގަވާއިދާ ހިލާފަށް ގައުމަށް އެތެރެކޮށް، ބޭނުންކޮށްފައިވާ ވަސީލަތްތަކެއް ކަމަށް ބުނެފަ އެވެ. އަދި އޭނާއާ ސުވާލުކޮށް، ހެކި ހޯދާ، ގާނޫނީ ލަފާ ހޯދުމަށްޓަކައި މިމަހުގެ 15އާ ޖެހެންދެން އޭނާ ހައްޔަރުކޮށްފައި ބެހެއްޓުމުގެ ހުއްދައަށް އެދިފައިވެ އެވެ.

ސޫކީގެ އިތުރުން މަގާމުން ދުރުކުރި މިއަންމާގެ ރައީސް ވިން މިންޓުގެ މައްޗަށް ވެސް ވަނީ ދައުވާކޮށްފަ އެވެ. އެގޮތުން އޭނާގެ މައްޗަށް ނެޗުރަލް ޑިޒާސްޓާ މެނޭޖްމެންޓް ގާނޫނާ ހިލާފުވުމުގެ ދައުވާ ކުރަންވަނީ ފޮނުވާފައިއެވެ. މި ގާނޫނުގެ ތެރެއިން އޭނާ ކޮވިޑުގެ ބަލިމަޑުކަމުގެ ތެރޭގައި އެއްވުންތައް ބޭއްވުން މަނާކޮށްފައި އޮތް އޮތުމާ ޚިލާފުވުމާއި އިންތިޚާބަށް ކެމްޕޭން ކުރުން ވެސް ހިމެނެ އެވެ. ރައީސް މިންޓުގެ ބަންދުގެ މުއްދަތު ވެސް ވަނީ ދެ ހަފުތާ އަށް އިތުރުކޮށްފަ އެވެ.

ބަޤާވާތަށް ފަހު މިޔަންމާގައި ވަނީ އެއް އަހަރަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، އަސްކަރިއްޔާގެ ކޮމާންޑާ އިން ޗީފް މިން އަންގް ލެއިންގް ވަނީ ވެރިކަމާ ހަވާލުވެވަޑައިގެންފަ އެވެ. އަދި ން އަންގް ލެއިންގް ވަނީ 11 މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް، ގައުމު ހިންގަން އެކުލާލައިފަ އެވެ.

މިއަންމާ ސިފައިން ބަޣާވާތްކޮށްފައި ވަނީ ނޮވެމްބަރު މަހު ބޭއްވި ޕާލަމެންޓުގެ އިންތިޚާބުގެ ނަތީޖާ ގަބޫލް ކުރަން ދެކޮޅު ހެދުމަށް ފަހު އެވެ. އެ އިންތިޚާބުން ސޫކީގެ ޕާޓީ ވަނީ ބޮޑު އަޣުލަބިއްޔަތެއް ހޯދައިފަ އެވެ.

ސޫޗީ އަކީ މިޔަންމާގައި 49 އަހަރުވަންދެން އޮތް އަސްކަރީ ވެރިކަމުގައި، 1989 އާއި 2010އަކާ ދޭތެރޭ 15 އަހަރު ގޭބަންދުގައި ހޭދަ ކުރެއްވި ބޭފުޅެކެވެ. އަދި ޑިމޮކްރަސީ ހަރަކާތުގެ ނަމޫނާއެއްގެ ގޮތުގައި މިޔަންމާގެ ރައްޔިތުންގެ މެދުގައި އޭނާ އަދިވެސް މަގުބޫލު ނަމަވެސް އެގައުމުގެ ރޮހިންގާ މުސްލިމުންނާ މެދު އަމަލު ކުރާ އަނިޔާވެރި ގޮތުގެ ސަބަބުން ބޭރު ގައުމުތަކުގައި ސޫޗީއަށް ވަނީ ފާޑު ކިޔުން އަމާޒުވެފަ އެވެ. އަދި އެ މައްސަލައިގައި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)ގައި އޭނާ އަސްކަރިއްޔާ ދިފާއު ކުރައްވާފައި ވާތީ ސޫޗީއަށް ގިނަ ބަޔެއްގެ ނުރުހުންވެސް ވަނީ އަމާޒުވެފަ އެވެ.

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް