ކޮވިޑް-19 މިދުނިޔެއާއި ބައްދަލުކުރީ އެއްވެސް ގޮތަކަށް އިންސާނުން ބަލި މަޑުކަމަކަށް ތައްޔާރުވެގެން ތިއްބައެއްނޫނެވެ. ހިލަމެއްވެސް ނުކޮށްލައެވެ. ނަމަވެސް، ފަހުގެ ތާރީހުގައި ދުނިޔެ ދުށް އެންމެ ބޮޑު އެއް ބަލިމަޑުކަމަށް ކޮވިޑް-19ވެ، އެތަށް މިލިޔަން ބަޔަކު މިބަލީގައި ފައްސިވެ، އެތަށް މިލިއަން ބަޔަކު މިބަލީގައި ދުނިޔެ ދޫކޮށްވެސް ހިނގައްޖެއެވެ. ދުނިޔޭގެ އޮއިވަރާއި، ސާތާއި ހުރިހާ ކަމެއް ބަދަލުކޮށްލި ކަމަކަށް ހަމަޔަގީނުންވެސް ވީ ކޮވިޑް-19 ކަން ކަށަވަރެވެ.
ކޮންމެ މީހަކުވެސް ކުރީ އިންތިޒާރެވެ. ބަލިމަޑުކަން ނިމޭނެ ދުވަހަކަށެވެ. ކޮވިޑް-19 ނިމުމުގެ އަލާމާތެއް ގާތް ޒަމާނެއްގައި ފެންނަން ނެތްކަމުގައި ވިޔަސް، އޭގެ ފަރުވާއަށް އެންމެންވެސް ކެތްކުރިއެވެ. މިއަދު މުޅި ދުނިޔޭގައި އެކި ވައްތަރުގެ، އެކި ބްރޭންޑްތަކުގެ އެކި ނަންތަކުގެ ކޮވިޑް ވެކްސިން އުފައްދައި، އޭގެ އެތަކެއް ޓްރަޔަލްސްތަކާއި، ޑަބްލިއުއެޗްއޯގެ އެތަކެއް އެޕްރޫވަލްތަކެއް ލިބި، އެތަކެއް ވެކްސިން ތަކެއް ބޭނުން ކުރެވިގެން އެބަދެއެވެ. ނަމަވެސް، ހިތާމައަކީ، ކޮވިޑް-19ގެ ފަރުވާގެ ގޮތުގައި އުފައްދާފައިވާ އެކި ކަހަލަ ވެކްސިންތަށް، ޖަހަން އަދިވެސް ބައެއްމީހުން ދެކޮޅު ހަދާކަމެވެ.
ކޮވިޑް-19 ގެ ވެކްސިންއާއި މެދު އިތުބާރު ނުކުރެވެނީވެސް ކަމަަށްވެދާނެއެވެ. ނޫނީ، ބޭރުގެ އަދި އެހެން ހަބަރުތަކުން އިވޭ އަދި ފެންނަ ހަބަރުތަކާއި މެދު ވިސްނައި ގޮތް އަވަހަށް ނިންމެނީކަމަށްވެސް ވެދާނެއެވެ. މިސާލަކަށް ބަލާލަމާތޯއެވެ. ދިވެހި ރާއްޖެއަށް ގެނެވުނު ކޮވިޝީލްޑްގެ ވެކްސިނަށެވެ. ބައެއް ފަރާތްތަކުން ވެކްސިންއާއި މެދު ހިތްހަމަ ނުޖެހުން ފާޅުކުރެއެވެ. އެވެކްސިން ނުޖެހުމަށްވެސް ގޮވައެވެ. ނަމަވެސް، ވެކްސިންގެ ސަބަބުން ލިބޭ ފައިދާއާއި މެދު ވިސްނާލީ ކޮން މީހެއް ހެއްޔެވެ؟
އޮކސްފޯޑްގެ އެސްޓްރާޒެނެކާއިން ތަރއްގީކޮށް، އިންޑިޔާގެ ސީރަމް އިންސްޓިއުޓުން އުފައްދާފައިވާ ކޮވިޑް ވެކްސިނާއިބެހޭގޮތުން ޔުނިވާރސިޓީ އޮފް އޮކްސްފޯޑްގެ މާހިރުން ހެދި ދިރާސާއަކުން ސާބިިތުވާގޮތުގައި، ކޮވިޝީލްޑް ވެކްސިން ޖަހައިފިނަމަ އެކަކު ގައިން އަނެކަކު ގަޔަށް ފެތުރުން 67 އިންސައްތައާއި ހަމައަށް ހުއްޓުވެއެވެ. އަދި ހަމަ އެހެންމެ، އެވެކްސިންގެ ފުރަތަމަ ޑޯޒުދޭތާ 22 ވަނަ ދުވަހުން ފެށިގެން 90 ވަނަ ދުވަހާއި ހަމައަށް 76 އިންސައްތައާއި ހަމައަށް ރައްކާތެރިކަންް އޮތުމުގެ ފުރުސަތު އޮންނައިރު، ފުރަތަމަ ޑޯޒްދޭތާ 90 ދުވަސް ފަހުން ދެވަނަ ޑޯޒްދީފިނަމަ 82.4 އިންސައްތައާއި ހަމައަށް ރައްކާތެރިކަން އޮންނަ ކަމަށްވެސް ވެއެވެ.
ކޮންމެ އަކަސް، ކޮވިޑް ވެކްސިނަކީ މިއަދުގެ އުއްމީދެވެ. މާދަމާވެސް، އިންސާނުންނަށް އެމީހުން އަމިއްލަ ދިރިއުޅުމަށް ރުޖޫއަވެވެން އޮތީ ކޮވިޑް އިން ސަލާމަތް ވެގެން ކަމަށްވީއިރު، އެކަން އަވަހަށް ކުރަމާ ހިންގަވާށެވެ. ކޮވިޑް-19 ގެ ފަރުވާ އަވަހަށް ހޯދަމާހިންގަަވާށެވެ.