ދިވެހި ލައިސެންސް ބޭރު ގައުމުތަކުގައި ބޭނުންކުރެވޭގޮތް ހެދުމަށްޓަކައި ބައިނަލްއަގުވާމީ ދެ މުއާހަދާއެއްގައި ބައިވެރިވުމުގެ މަސައްކަތް ދިވެހި ރާއްޖެއިން ފައްޓަވައިފިއެވެ.
ދިވެހިރާއްޖެއިން "ވިއެނާ ކޮންވެންޝަން އޮން ރޯޑް ޓްރެފިކް 1968″ އާއި "ވިއެނާ ކޮންވެންޝަން އޮން ރޯޑް ސައިން އެންޑް ސިގްނަލްސް 1968″ ގައި ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން ލަފާދެއްވާފައިވާތީ، އެކަމާމެދު ރައްޔިތުންގެ މަޖިލީހުގެ ލަފާފުޅަކަށް ހުށަހެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ.
ރައީސް މިކަން ނިންމެވީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އެވިއޭޝަންއިން ހުށަހަޅާފައިވާ ކަރުދާހަކަށް މިއަދު އޮންލައިންކޮށް ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މަޝްވަރާ ކުރެއްވުމަށްފަހުގައެވެ.
މި ދެ މުޢާހަދާގައި ދިވެހިރާއްޖެއިން ބައިވެރިވުމުން، މި މުއާހަދާތަކުގައި ސޮއިކޮށްފައިވާ ޤައުމުތަކުގައި، އިތުރު ލައިސެންސްއެއް ނުވަތަ ހުއްދައެއް ނެގުމަކާ ނުލައި އެގައުމެއްގެ ލައިސެންސް އަނެއް ގައުމުގައި ބޭނުންކުރުމުގެ ހުއްދަ ލިބިގެންދާނެއެވެ. ރާއްޖޭގައިވެސް، އިތުރު ލައިސެންސްއެއް ނުވަތަ ހުއްދައެއް ނެގުމަކާ ނުލައި، އެހެން ގައުމުތަކުގެ ލައިސެންސް ބޭނުންކުރެވޭނެއެވެ.
މި ދެ މުޢާހަދާގައި ބައިވެރިވުމަށް ވަޒީރުން ލަފާދެއްވާފައި ވީ ނަމަވެސް، "ވިއެނާ ކޮންވެންޝަން އޮން ރޯޑް ޓްރެފިކް 1968″ ގައި، އެއް ޤައުމުން އަނެއް ޤައުމަށް އުޅަނދުފަހަރު ބަދަލުކުރާއިރު އުޅަނދު ރަޖިސްޓްރީ ކުރުމަކާ ނުލައި ދުއްވުމުގެ ހުއްދަދިނުމަށް ބަޔާންކޮށްފައިވާ ނުކުތާއަށް އިޢުތިރާޒު ކުރުމަށް، މިއަދު ބޭއްވި ޖަލްސާގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންވަނީ ލަފާދެއްވާފައެވެ.