ނިއުޔޯކުގެ ރޮޗެސްޓަރ ސިޓީގެ ފުލުހުން 9 އަހަރުގެ ކުއްޖަކު ބިޑިއަޅުވައި ޕެޕަރ ސްޕްރޭ ޖަހައިފިއެވެ.
މިހާދިސާ ހިނގާފައިވަނީ އާއިލީ މައްސަލައެއް ރިޕޯޓުކޮށްގެން ފުލުހުން ގޮސްގެންނެވެ. ރިޕޯޓު ކޮށްފައިވަނީ 9 އަހަރުގެ އަންހެން ކުއްޖާއަކީ ދަންޖެހިގެން މަރުވާން މަސައްކަތް ކުރާ ކުއްޖެއް ކަމަށާއި އެ ކުއްޖާ އުޅެނީ އެކުއްޖާގެ މަންމަވެސް މަރާލަން ކަމުގައެވެ.
އެއާއެކު ފުލުހުން ގޮސް އެ ކުއްޖާ ހުއްޓުވޭތޯ މަސައްކަތް ކުރިއެވެ. އަދި ފުލުހުންނަށް އެއްބާރުލުން ދޭން ދެކޮޅުހެދުމުން ބިޑި އަޅުވާތަންވެސް ފުލުހުންގެ ގައިގައި ހަރުކޮށްފައިހުރި ކެމެރާއިން ފެނެއެވެ. ފުލުހުންގެ އަމުރުތަކާ ދެކޮޅުހަދައި ކާރަށް އަރަންވެސް ދެކޮޅުހަދައި ދާން މަސައްކަތް ކުރުމުން އެންމެފަހުން ފުލުހުން އެ ކުއްޖާގެ މޫނަށް ޕެޕަރ ސްޕްރޭ ޖަހައެވެ. އެވަގުތު އެ ކުއްޖާވެސް ވަރަށް ބާރަށް ހަޅޭލަވާ އޭނާގެ ބައްޕައަށް ގޮވާތަންވެސް ވީޑިއޯއިން ފެނުނެވެ.
މިއާއެކު އެ ސިޓީގެ ޑެޕިއުޓީ ޕޮލިސް ޗީފް ވަނީ ނިއުސް ކޮންފަރެންސެއްވެސް ބާއްވާފައެވެ. އޭނާ ވަނީ މި ހާދިސާ ހިނގައިދިޔަކަން ކަށަވަރުކޮށްދީފައެވެ. އަދި ބުނެފައިވަނީ އެ ކުއްޖާ ވަނީ ވަގުތުން އެ ސިޓީގެ ޖެނެރަލް ހޮސްޕިޓަލަށް ގެންގޮސްފައި ކަމަށެވެ.
އޭނާ އިތުރަށް ބުނެފައިވަނީ މި ހާދިސާއަކީ އޭނާއަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި 9 އަހަރުގެ ކުއްޖެއްގެ މޫނަށް ޕެޕަރ ސްޕްރޭ ޖެހުމަކީ 'އޯކޭ' ކަމެއް ނޫން ކަމުގައެވެ. އަދި އެކަހަލަ ކަންތައް ތަކުރާރު ނުކުރުމަށް މަސައްކަތް ކުރާނެކަމަށްވެސް އޭނާ ބުނެފައިވެއެވެ.
އެ ސިޓީގެ މޭޔަރުވެސް ވަނީ ހިނގައިދިޔަ ހާދިސާ އާ މެދު ނުރުހުން ފާޅުކޮށްފައެވެ.