މިއަހަރުގެ ފުރަތަމަ މަސް ނިމުނު އިރު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 92،000 އިން މައްޗަށް އަރާފައިވާކަމަށް ޓުއަރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިއަދު އެ މުޒާރާއިން އާންމު ކުރި ތަފާތް ހިސާބުތަށް ދައްކާގޮތުން ނަމަ މި ނިމިދިޔަ ޖެނުއަރީ މަހުގެ 31 ގެ ނިޔަލަށް 92،103 ފަތުރުވެރިން ރާއްޖެއަށް ވަނީ ޒިޔާރަތްކޮށްފައެވެ. އެހެން ނަމަވެސް މިއީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ރާއްޖެ ޒިޔާރާތް ކުރި ފަތުރުވެރިންނަށް ވުރެ 800 އެއްހާ ފަތުރުވެރިންގެ މަދުވުމެކެވެ. މިދިޔަ އަހަރުގެ ޑިސެމްބަރ މަހު ރާއްޖެ ޒިޔާރާތްކޮށްފައިވާ ފަތުރުވެރިންގެ އަދަދަކީ 93،823 އެވެ.
ޖެނުއަރީ މަސް ނިމުނު އިރު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރޭގައި އެންމެ ގިނައީ ރަޝިއާ ފަތުރުވެރިން ކަމަށް ޓުއަރިޒަމް މިިނިސްޓްރީގެ ތަފާސްހިސާބުތަކުން ވަނީ ދައްކާފައެވެ. އެގޮތުން ޖެނުއަރީ މަހު ރަޝިޔާއިން ރާއްޖެ އައި ފަތުރުވެރިންގެ އަދަދަކީ 20،973 އެވެ. އަދި ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރާތްކުރި އިންޑިއާއިން މަސް ނިމުނު އިރު 19،135 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ.
މިދިޔަ އަހަރު ވެގެންދިޔައީ ރާއްޖޭގެ ފަތުރުވެރިކަމަށް ކަޅު އަހަރަކަށެވެ. ކޮވިޑް-19 އާއި ގުޅިގެން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 555،494 އަށް ދަށްވެފައެވެ. އެހެންނަމަވެސް ބޯޑަރުތަށް ހުޅުވާލައި މިއަހަރު ނިމުމުގެ ކުރިން 1.5 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށް ސަރުކާރުން ވަނީ އަމާޒުހިފާފައެވެ.