ދުނިޔޭގެ އެންމެ ފުރަތަމަ 'އުދުހޭ ކާރު' ޖައްސާ އެއާޕޯޓު އިނގިރޭސިވިލާތުގެ ކޮވެންޓްރީގައި އަޅަން ނިންމައިފިއެވެ.
ވަން އެއާގެ ނަމުގައި މި އަހަރު އަޅާ މި އެއާޕޯޓަށް އެ ޤައުމުގެ ސަރުކާރުން 1.2 މިލިއަން ޔޫރޯގެ އެހީއެއް ދިނުމަށް ވަނީ ނިންމާފައެވެ. އަދި ހުންޑައި އާއި ގުޅިގެން ކުރިއަށް ގެންދަން ހަމަޖެހިފައިވާ މި ޕްރޮޖެކްޓުގައި އެ ކޮމްޕެނީއިންވެސް 1.5 ބިލިއަން ޑޮލަރު ހަރަދު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ހުންޑައި އަކީ މި އެއާޕޯޓަށް ޖައްސާ 'އުދުހޭ ކާރު' ފަރުމާކޮށް އެ އުފައްފާ ފަރާތެވެ. އެ މީހުން ތައްޔާރު ކުރާނީ އީވީޓީއޯއެލް އުޅަދު ތަކެކެވެ. މިއީ އަސްލު ހަޤީގަތުގައި މަގުމަތީގައި ދުއްވޭ ކަހަލަ ކާރު ތަކެއް ނޫނެވެ. މިއީ ކަރަންޓު ހެލިކޮޕްޓަރު ތަކެކެވެ. މި އުޅަދުތައް ބޮޑަށް ސިފަވާނީ ޑްރޯންއަކާއެވެ.
އެންމެ ފުރަތަމަ މި އުޅަދުތައް އެއާޕޯޓުގައި ދުއްވަން ހަމަޖެހިފައިވަނީ ޓެސްޓު މަރުހަލާގައި ފަސިންޖަރުންނާ ނުލައެވެ. މި އުޅަދުތަކަކީ ފަސިންޖަރުންގެ އިތުރުން ކާގޯވެސް އަރުވައިގެން ދުއްވޭގޮތަށް ފަރުމާކުރާ އުޅަދުތަކެކެވެ.
މި މަޝްރޫޢަކީ ދުނިޔޭގެ ތަރައްޤީ މުޅިން އެހެން ހަރުފަތަކަށް ގެންގޮސްދޭނެ މަޝްރޫޢެކެވެ. ދުނިޔޭގައި އަދި އަލަށް އަޅާ މި އެއާޕޯޓު އެޅިގެންދާނީ މި އަހަރުގެ ނޮވެމްބަރު މަހުގައި ކަމަށް މި މަޝްރޫޢުގައި ހަރަކާތްތެރިވާ ފަރާތްތަކުން ބުނެއެވެ.