logoEN
cocacola
ދުނިޔޭގައި ދިރިއުޅުމަށް އެންމެ އުފާވެރި ޤައުމުތަކަކީ ކޮބާ؟

ދުނިޔޭގައި ދިރިއުޅުމަށް އެންމެ އުފާވެރި ޤައުމުތަކަކީ ކޮބާ؟

ގާފު އެޑިޓޯރިއަލް

logo

1/30/2021, 12:00:34 PM

dd

އުފާވެރިކަމަކީ އެއްވެސް ބަޔަކަށް މިނެކިރުމަށް ފަސޭހަނޫން ދަތި އުނދަގޫ ކަމެކެވެ. ނަމަވެސް ޔުނައިޓެޑް ނޭޝަންސް ނުވަތަ އެކުވެރި ދައުލަތް (އދ) އިން އުފާވެރިކަން މިނެކިރުމަށް އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ.

ގޮސިޔާ

އ.ދ ގެ ސަސްޓެއިނަބްލް ޑިވެލޮޕްމަންޓް ސޮލިއުޝަންސް ނެޓްވޯކުން ކޮންމެ އަހަރަކު ޝާޢިއު ކުރާ "ވޯލްޑް ހެޕިނެސް ރިޕޯރޓް" އިން އުފާވެރިކަމާއި ތަރައްޤީއާއި އޮންނަ ގުޅުމާއި ބެހޭގޮތުން ދިރާސާތަކެއް ކުރެވި، ހޯދުންތައް އާންމު ކުރެއެވެ. މިދިރާސާގައި އ.ދ ގެ ބައިވެރިވެފައިވާ 1000 އެއްހާ މެމްބަރު ސްޓޭޓްތަކުގެ ދިރިއުޅުމުގެ ފެންވަރު 0 ން 10 ދެމެދުގެ ސްކޭލްއަކުން ޕޮއިންޓް ދީގެން ނަތީއްޖާ ތަހުލީލު ކުރެވެއެވެ. ދިރިއުޅުމުގެ ފެންވަރު ވަޒަންކުރުމަށް ޕޮއިޓް ދެވޭ މިންގަނޑުގެ ތެރޭގައި 6 ދާއިރާއެއް އެކުލެވެއެވެ. އެ ދާއިރާތަކަކީ، ބޮލަކަށް ޖެހޭ އާމްދަނީގެ ނިސްބަތް، އެވްރެޖް ގޮތެއްގައި މީހުން ދިރިއުޅެވޭ އުމުރު، އިޖުތިމާއީ އެހީތެރިކަން، އިތުބާރާއި، ކަރޮޕްޝަން، ދިރިއުޅުމުގެ ނިންމުންތަށް ނިންމުމަށް އޮންނަ މިނިވަންކަން އަދި އޯގާތެރިކަން ހިމެނެއެވެ. އ.ދ އިން ނެރެފައިވާ "ވޯލްޑް ހެޕިނަސް ރިޕޯޓް 2020" ވަރަށް ފަހުން ނެރެފައިވާއިރު، މި ރިޕޯޓްގައި ދުނިޔޭގެ ދިރިއުޅެން އުފާވެރި ގިނަ ޤައުމުތަކުގެ މަޢުލޫމާތު ހިމަނާފައިވެއެވެ. ނަމަވެސް މިލިޔުމުގައި އަލި އަޅުވާފައި މިވަނީ މިހުރިހާ ޤައުމުތަކުގެ ތެރެއިން ދުނިޔޭގައި ދިރިއުޅުމަށް އެންމެ އުފާވެރި 10 ޤައުމަށެވެ.

ލަކްސެމްބާރގް

undefined

ދުނިޔޭގައި ދިރިއުޅުމަށް އުފާވެރި ޤައުމުތަކުގެ ލިސްޓުގައި 14 ވަނައިގައި ފާއިތުވީ އަހަރު އޮތް މިޤައުމު، ކެނެޑާ އަދި އޮސްޓްރޭލޮއާ ފަދަ ޤައުމުތައް ފަހަތަށް ޖައްސާލައި މިއަހަރު މިވަނީ ގަދަ 10 އަށް އަރާފައެވެ. އާބާދީގައި 600,000 ހިމެނޭ މި ކުޑަ ޤައުމުގައި މުވައްޒަފުންނަށް ބޮޑު މުސާރައެއް ދިނުމުގެ އިތުރުން، ވަޒީފާއިން މުސްކުޅިކުރާ މުވައްޒަފުން ހަރުދަނާ އިޖުތިމާޢީ ރައްކާތެރިކަމުގެ ނިޒާމެއްގެ ތެރެއިން އެހީތެރިކަން ފޯރުކޮށްދެއެވެ. ފައިސާއަކީ ދިރިއުޅުމުގެ ހުރިހާ އުފަލެއް ނޫންކަމަށް ކިޔުންތެރިން ގޮތް ނިންމުމުގެ ކުރިން، ފާހަގަކޮށްލަން ބޭނުންވަނީ، ލަކްސެމްބާރގެ ގެ ރައްޔިތުންނަށް ފެންވަރު ރަނގަޅު ސިއްޙީ ނިޒާމެއް ދައުލަތުން ރައްޔިތުންނަށް ފޯރުކޮށްދީފައި ވުމުގެ އިތުރުން، މަސައްކަތުގެ ވަގުތާއި އެއްވަރަށް، ޗުއްޓީ ވަގުތު ހަމަހަމަ ކޮށްފައި ވާކަމެވެ.

އޮސްޓްރިއާ

undefined

ދުނިޔޭގައި ދިރިއުޅުމަށް އުފާވެރި ޤައުމުތަކުގެ ލިސްޓުގެ 9 ވަނަ އޮސްޓްރިއާ ހޯދާފައިވަނީ އެވްރެޖް ކޮށް ރައްޔިތުންގެ މަރުވާ އުމުރުފުރާ އަދި އާބާދީގެ ނިސްބަތުން ބޮލަކަށްޖެހޭ އާމްދަނީ މިދެބައިން އެންމެ މަތީ މާކްސް ލިބިގެންނެވެ. ދިރިއުޅުމަށް އުފާވެރި ޤައުމުތަކުގެ ލިސްޓުގެ ކުރިޔަށް ޖެހުން ގުޅިފައިވަނީ ސައިކަލު ބުރުޖަހަން ދިޔުމާއޭ ބުނެވިދާނެވެ. އޮސްޓްރިއާގެ ރީތިކަން ދެކިލުމަށް، އެންމެ މަޝްހޫރު އަދި ގިނަމީހުން ގަޔާވާ ކަމަކަށް ވެފައިވަނީ ސައިކަލް ބުރު ޖެހުމެވެ.

ނިއުޒިލެންޑް

undefined

އޮސްޓްރޭލިޔާ އާއި ވާދަކޮށް އަދި ދުނިޔޭގެ ދިރިއުޅުމަށް އުފާވެރި ޤައުމުތަކުގެ ލިސްޓުގެ ގަދަ 10 ން އަވައްޓެރި އޮސްޓްރޭލިޔާ ވަކިކޮށް މިލިސްޓުގެ 8 ވަނަ ނިއުޒިލެންޑް ވަނީ ހޯދާފައެވެ. ނިއުޒިލެންޑްގެ ޓްރެވެލް މެގަޒިން އެއް ކަމުގައިވާ "ކޮންޑި ނާސްޓް ޓްރެވެލާ ރީޑާރސް" އިން ބުނާގޮތުން އަހަރަކަށްވުރެ އަހަރެއް މެހެމާނުންނަށް މަރުޙަބާ ކިޔުމަށް އެރުވޭ ނިއުޒިލޭންޑްގެ ކިވީ ބުއިން ގިނަބަޔަކަށް އުފާވެރިކަން ގެނެސްދެއެވެ. ނަމެސް އދ. ގެ ދިރާސާއިން ހާމަވާ ގޮތުގައި ދިރިއުޅުމަށް އުފާވެރި ޤައުމެއްގެ ގޮތުގައި ނިއުޒިލޭންޑް ހިމެނިގެން ދިޔުމާއި ގުޅިފައިވަނީ، ނިއުޒިލެންޑުގެ މަޝްހޫރު ކިވީ ބުއިން އެކަނިއެއް ނޫނެވެ. މީގެ ތެރޭގައި ނިއުޒިލޭންޑުގެ ޤުދުރަތީ ރީތިކަމާއި ހިތްގައިމުކަމުގެ އިތުރުން، ނިއުޒިލެންޑުގެ ރީތި ހިތްގައިމު ދޮންވެލި ތުނޑިތަކާއި، ވައިން ޔާޑް ހިމެނެއެވެ.

ސްވީޑެން

undefined

ފާއިތުވި އަހަރެކޭ އެއްފަދައިން މިއަހަރުވެސް ސްވީޑެން މި ލިސްޓުގެ ފަޚުރުވެރި 7 ވަނައިގައި ފައި ހަމަކޮށް އެމަޤާމް ވަނީ ވިދިވދިގެން ދެފަހަރު ދަމަހައްޓާފައެވެ. އާބާދީގެ ނިސްބަތުން ބޮލަކަށް ޖެހޭ އާމްދަނީގެ އިންސައްތަ ބޮޑު އަދަދަކުން އިތުރުވެ، އަވައްތެރި ޤައުމުތަކަށް އާމްދަނީގެ ބައެއް ބަހާފައި ވެއެވެ. މުޖުތަމަޢުގައި ހަމަ ހަމަކަން ދެމެހެއްޓުމުގެ ޤަބޫލުކުރުންތައް ތަޢުލީމީ މަންހަޖުގެ ތެރެއިން ނާސަރީ ތަޢުލީމުން ފެށިގެން ކުދިންގެ ކިބައިގައި ހަރުލެއްވުމުގެ މަސައްކަތް ސްވީޑެންގައި ކުރެވެއެވެ. ލިބޭ ކޮންމެ ދަރިޔަކަށް ދެމަފިރިންނަށް ބަހައިގެން ނުވަތަ އެކަކަށް ނެނގޭ 16 މަސްދުވަހުގެ ޗުއްޓީ މުސާރައާއު ހުރިހާ އިނާޔަތްތަށް ލިބޭގޮތަށް ސްވީޑެންގައި ލިބުން ފާހަގަކޮށްލެވެއެވެ. މިއީ މިފަދަ ލިސްޓަކަށް ސްވީޑެން އިތުރުވެގެންދާ ސަބަބެއްވެސް މެއެވެ. ސްވީޑެން ވަޒީފާ އަދާކުރާ އަންހެނުންނަށް ޚާއްސަކޮށްގެން، ފްރީ ޑޭ ކެއަރ، ނުވަތަ އަގަކާ ނުލައި ދުވާލު ކުޑަކުދީން ބެލެހެއްޓުމުގެ ޚިދުމަތްވެސް ފާހަގަކޮށްލެވެއެވެ. މިއީވެސް ދިރިއުޅެން އުފާވެރި ޤައުމަކަށް ސްވީޑެން ވެގެންދާ އެއް ސަބަބެވެ. މަސައްކަތް ކުރަންޖެހޭ ވަގުތާއި، ޗުއްޓީ ވަގުތާއި އެއްވަރުވުމަކީ ކުރާމަސައްކަތުގެ ފެންވަރު ރަނގަޅުވެ، މަސައްކަތްކުރާ މުވައްޒަފުންގެ މޫނަށް ހިނިތުންވުން ގެނުވައި، އެންމެން ހެޔޮދުޢާ ލިބިގެންދާ ކަމެކެވެ.

ނެދަލޭންޑްސް

undefined

ނެދަލޭންޑްސްގެ ނަން ދުނިޔޭގައި ދިރިއުޅުމަށް އެންމެ އުފާވެރި ޤައުމުތަކުގެ ލިސްޓުން 2005 ން 2020 އާ ހަމަޔަށް އެއްވެސް އަހަރެއްގައި އުނިވެގެން ނުދެއެވެ. ފާހަގަވެގެން ގޮސްފައިވާގޮތުން ނެދަލޭންޑްސްގައި އުފާވެރިކަން ހަނގު އުމުރުގައި ފެއްޓިގެން އާދެއެވެ. 2013 ގައި ޔުނިސެފުން ކޮށްފައިވާ ދިރާސާއަކުން ދައްކާގޮތުގައި ތަޢުލީމާއި، ސިއްޙަތާއި އަދި ރައްކާތެރިކަމަށް ބަލާއިރު މުޅި ދުނިޔޭން އެންމެ އުފާވެރި ކުޑަކުދިން ދިރިއުޅެމުން އަންނަނީ ނެދަލޭންޑްސްގައެވެ.

ނޯވޭ

undefined

2017 ވަނަ އަހަރު ދިރިއުޅުމަށް އުފާވެރި ޤައުމުތަކުގެ ލިސްޓުގެ ފަޚުރުވެރި 1 ވަނަ ހާޞިލްކޮށްފައިވާ ނޯވޭ، އަހަރަކަށް ވުރެ އަހަރެއް ވަނީ ފަހަތަށް ޖެހިފައެވެ. އަދި މިއަހަރު ނޯވޭ ހިމެނިފައިވަނީ މިލިސްޓުގެ ފަސްވަނައިގައެވެ. ނަމަވެސް މާބޮޑު ޝަކުވާއެއް މިކަމުގައި އެކުލެވިފައި ނުވެއެވެ. ޤުދުރަތީ ވަޞީލަތްތަކުން ޤައުމަށް ލިބިގެންދާ އާމްދަނީ އިން، ރައްޔިތުންގެ އަސާސީ ބޭނުންތައް ފުއްދުމަށް ހަރުދަނާ ނިޒާމެއް ސަރުކާރުން ޤާއިމްކޮށްފައިވެއެވެ. ރައްޔިތުންގެ އަސާސީ ބޭނުންތަކާއި، އިޖުތިމާއީ ކަންކަން ފުދިފައި ވުމުން، ސަރުކާރަށް ރައްޔިތުން އޮންނަ އިތުބާރު ބޮޑުވެ، ރައްޔިތުންނަށް އުފާވެރިކަން ގެނުވައިފައި ވެއެވެ.

އައިސްލޭންޑް

undefined

ޤައުމަށް ދިމާވާ ކޮންމެ ކަމެއްގައި އެހީތެރިކަން ދޭން ތައްޔާރަށް ތިބޭ ޒިންމާދާރު ރައްޔިތުނަތަކެއް ދިރިއުޅޭ ޤައުމަކަށް އައިސްލޭންޑް ވުމަކީ މިފަދަ ލިސްޓާކުން އެޤައުމަށް ޖާގަ ލިބިގެންދާ އެއް ސަބަބެވެ. ޤައުމުގެ އެއްބައިވަންތަކަމަކީ މިޤައުމުގެ އެންމެ ބޮޑު ބާރުވެސްމެއެވެ. ސޯޝަލް ރިލޭޝަން ޝިޕްސް ނުވަތަ ދޭދޭ ފަރުދުންގެ ގުޅުން އެންމެ ރަނގަޅު ޤައުމުތަކުގެ ތެރޭގައި އައިސްލޭންޑް ހިމެނިގެން ދެއެވެ. ސިއްހީ ދާއިރާއިން ބޮޑެތި ކުރިއެރުންތަކެއް އައިސްލޭންޑުން ހޯދާފައިވުމުގެ އިތުރުން، ދުނިޔޭގެ ނިސްބަތުން މަރުވާ މީހުންގެ އިންސައްތަ ދަށް ޤައުމުތަކުގެ ތެރޭގައި އައިސްލޭންޑް ހިމެނެއެވެ. ސުލްހަވެރި ރައްޔިތުންތަކެއް އަމަން އޮމާންކަމުގައި ދިރިއުޅޭ މިޤައުމުގައި އަސްކަރިއްޔާއެއް ނޯވެއެވެ. އެއްވެސް ރައްޔިތެއްގެ ފަރާތުން އަނެކަކަށް އުދަނގުލެއް ނުތަނަވަސްކަމެއް ކުރިމަތި ނުވެއެވެ. ކުޑަ ކުދިންނަށް އެއްވެސް ބިރުވެރިކަމެއް މިޤައުމުގައި ނެތުމުން، މިނިވަންކަމާއެކު އެކަނި ތަންތަނަށް ފުނުވަން މައިންބަފައިން ޖެހިލުމެއް ނުވެއެވެ.

ސްވިޒަލޭންޑް

undefined

ސްވިޒަލޭންޑް މިލިސްޓްގައި ފާއިތުވީ އަހަރަށްވުރެ 3 ޖާގަ މައްޗަށް މިއަހަރު ވަނީ ޖެހިފައެވެ. ސްވިޒް ޗޮކްލެޓަކީ ހުރިހާ އުމުރެއްގެ އަދި ހުރިހާ ނަސްލެއްގެ މީހުންނަށް އުފާވެރިކަން ގެނެސްދޭ އެއްޗެކެވެ. ނަމަވެސް މިލިސްޓުން ސްވިޒަލޭޑް ޖާގަ ލިބިފައިވަނީ މި ސަބަބާ ހުރެއެއް ނޫނެވެ. ސިއްޙީ ގޮތުން ބަލާއިރު، ސްވިޒަލޭންޑަކީ ކުރިއަރާފައިވާ ނަމޫނާ ޤައުމެކެވެ. ޔޫރަޕްގެ ޤައުމުތަކަށް ބަލާއިރު އޮބޭސިޓީ ނުވަތަ އިސްކޮޅާއި ބަރުދަނަށް ބަލާއިރު ފަލަ މީހުންގެ އިންސައްތަ އެންމެ ދަށް ޤައުމަކަށް ސްވިޒަލޭންޑް ވެގެންދެއެވެ. ސާފުތާހިރު ކަމަށް ނަން މަޝްހޫރު ޤައުމަކަށް ސްވިޒަލޭންޑް ވެފައި ވެއެވެ. އަދި މީގެ އިތުރުން ސްވިޒަލޭންޑުގެ ގިނަ ކަންކަން ނިންމުމަށް ރައްޔިތުންގެ ބަސް ހޯދައެވެ. ރައްޔިތުންނާއި، ޤައުމުގެ ތަރައްޤީއާއި ގުޅުން އޮންނަ ގިނަ ކަންކަން ނިންމަނީ ރައްޔިތުންގެ ވޯޓުންނެވެ.

ޑެންމާކް

undefined

ވޯލްޑް ހެޕިނެސް ރިޕޯޓް ބުނާގޮތުން އިޖުތިމާޢީ ގުޅުމާއި، މުޖުތަމަޢުގެ ހަމަހަމަކަމާއި ވަނީ އުފާވެރިކަމާއި ވަނީ ގުޅިފައެވެ. ޑެންމާކުގެ ރައްޔިތުންގެ ދިރިއުޅުމުން މިދެކަންވެސް ފެނިގެން ދެއެވެ. އިޖުތިމާއީ ގުޅުން ރަނގަޅު ރައްޔިތުންތަކެއް ދިރިއުޅޭ ހަމަހަމަކަމަށް ލޯބިކުރާ ރައްޔިތުންތަކެއް ދިރިއުޅޭ ޤައުމަކަށް ޑެންމާކު ވެއެވެ. ދުނިޔޭގެ އެންމެ ގިނައިން ޓެކްސް ދައްކަންޖެހޭ ޤައުމުތަކުގެ ތެރޭގައި ޑެންމާކު ހިމެނެއެވެ. މުސާރަވެރިންގެ މުސާރައިގެ ދެބައިކުޅަ އެއްބައި، އަދި ތިންބައިކުޅަ އެއްބައި ވެސް ޓެކްސްގެ ގޮތުގައި ބައެއްފަހަރު ދަށްކަންޖެހެއެވެ. ނަމަވެސް މިއީ ރައްޔިތުން އުފަލުން ކުރާ، ދައްކަން ބޭނުންވެގެން ރުހުމާއެކު ދައްކާ އެއްޗަކަށް ޓެކްސް ވެފައިވެއެވެ. ސަބަބަކީ އޭގެ ބަދަލުގައި ރައްޔިތުންނަށް ލިބިގެންދާ މަންފާ ރައްޔިތުންނަށް ފެނެއެވެ. ސިއްޙީ ޚިދުމަތާއި، ބޭސްފަރުވާ، ދަރިންގެ ތަޢުލީމާއި އަދި ކޮލެޖް ޔުނިވާސިޓީތަކުގެ ފީ ދައްކަނީ ސަރުކާރުން، ރައްޔިތުން ދައްކާ ޓެކްސް އިން ނެވެ. މީގެ އިތުރުންވެސް ޔުނިވާސިޓީތަކުގައި ކިޔާވާ، ފައިސާގެ އެހީތެރިކަން ބޭނުންވާ ދަރިވަރުން އެފަދަ އެހީތެރިކަންވެސް މިފައިސާއިން ފޯރުކޮށްދެވެއެވެ. ވަޒީފާ އަދާކުރާ އަންހެން މުވައްޒަފުންގެ ކުދިން ބެލުމުގެ ޚިދުމަތް ކުދިން ބަލަހައްޓާ ތަންތަނު ހިލޭ ފޯރުކޮށްދިނުމުގެ އިތުރުން، މުސްކުޅި އުމުރު ފުރައިގެ އިސްރަށްވެހިން، ދުވާލު ގަޑީގައި، ހިލޭ ބަލަހައްޓާ ތަންތަން ޤާއިމްކުރެވިފައިވެއެވެ.

ފިންލޭންޑް

undefined

ދުނިޔޭގައި ދިރިއުޅެން އެންމެ އުފާވެރި ޤައުމުތަކުގެ ލިސްޓުން ފަޚުރުވެރި 1 ވަނަ ފިންލޭންޑް ވިދިވިދިގެން ފާއިތުވީ 3 އަހަރުވެސް ހޯދާފައިވެއެވެ. އުފާވެރިކަމަށް ބަލާއިރު މިއީ ދުނިޔޭގެ އެންމެ އުފާވެރި ޤައުމެވެ. ފިންލޭންޑް ފާހަގަވެގެން ދަނީ ދުނިޔޭގެ ނިސްބަތުން އެންމެ ވަރުގަދަ، އެންމެ ކާމިޔާބު ތަޢުލީމީ ނިޒާމް އޮންނަ ޤައުމުގެ ގޮތުގައެވެ. ސައުތުކޮރެއާ، ޖަޕާން އަދި ސިންގަޕޫރާއި ފަދަ ޤައުމުތަކުގެ ތަޢުލީމީ ނިޒާމާއި ވާދަކޮށް މިފަޚުރުވެރި ދަރަޖަ ފިންލެންޑް ވަނީ ހޯދާފައެވެ. ޤައުމުން ފަންޑްކޮށްގެން ހުރިހާ ޓީޗަރުންގެ ތަޢުލީމީ ޤާބިލްކަން މާސްޓާރސް ޑިގްރީއަށް ވަނީ ގެނެސްފައެވެ. މުޅި ތަޢުލީމީ ނިޒާމު ބައްޓަން ކުރެވިފައިވަނީ، ހަމަ ހަމަ ފުރުޞާތު ދިނުމާއިއެކު، މަދު ޓެސްޓްތަކެއް ދީގެން، އަމަލީ ތަޖުރިބާއިން ކިޔެވުމުގެ ފުރުޞަތު ހުޅުވާލުމަށެވެ. އަސާސީ ޚިދުމަތްތަކުން ރައްޔިތުންނަށް ފުރިހަމަ ފައިދާ ލިބިދިނުމުގެ އިތުރުން، ދުނިޔޭގެ ނިސްބަތުން ކޮރަޕްޝަން މަދު ޤައުމަކަށް ފިންލޭންޑް ވެފައިވެއެވެ. ފުރިހަމަ ޑިމޮކްރަސީ އޮންނަ ޤައުމަކަށް ވުމުގެ އިތުރުން، ފުރިހަމަ ރައްކާތެރިކަން ލިބިފައިވުމުގެ އިހުސާސް ރައްޔިތުންނަށް ލިއބައިދެއެވެ. އަދި މިޤައުމުގައި ފުރިހަމަ މިނިވަންކަން ރައްޔިތުންނަށް ލިބިފައި ވެއެވެ. މިއީ ފިންލޭންޑް ދުނިޔޭގައި ދިރިއުޅުމަށް އެންމެ އުފާވެރި ޤައުމަށް ވެގެންދާ ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ