
l_2018_03_12_105859_pzylowqfbns2a6k83xhctm1d4g57jvrie9u_EN_
އިދިކޮޅު ކޯލިޝަންގެ ވަގުތީ ލީޑަރު އަދި ޕީއެންސީގެ ރައީސް ރައީސް އަބްދުއްރަހީމް އަބްދުﷲ ( އަދުރޭ ) ގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް މާދަމާއަށް ތާވަލްކޮށްފި އެވެ.

އަދުރޭގެ މައްޗަށް ކުރަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ހުކުމް ކުރަން އޮތް ދުވަހު، އެ ސަރަހައްދުގައި ހަޑިހުތުރި ބަހުން ވާހަކަ ދައްކައިގެން ކުރާ ދައުވާ ތަކެކެވެ. އަބްދުއްރަހީމާއި ދެކޮޅަށް ދައުވާ ކޮށްފައިވަނީ އޮކްޓޫބަރު މަހުގެ ތެރޭގަ އެވެ. އަދުރޭގެ މައްޗަށް ދައުވާކުރަނީ ގާނޫނުލްއުގޫބާތުގެ 615 ވަނަ މާއްދާގެ ތިންވަނަ ނަންބަރުގެ ދަށުން، ހަޑިހުތުރު އެއްޗެހި ކިޔުމާއި، ހަޑިހުތުރު ބަސް ބޭނުން ކުރުމުގެ ދައުވާއެވެ.
މި މައްސަލައިގެ އިތުރުން ފުލުހުން ދަނީ އަދުރޭގެ މިޒާތުގެ އިތުރު މައްސަލައެއްވެސް ބަލަމުންނެވެ. އެގޮތުން މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި އަދުރޭ ފުލުހުންގެ އިދާރާއަށް ހާޒިރުކުރުމުން، ފުލުހުންގެ އިދާރާގެ ބޭރުގައި ހުރެގެން ހަޑި ހުތުރު ބަސްތައް ބޭނުންކުރި މައްސަލަވެސް ފުލުހުން އަންނަނީ ބަލަމުންނެވެ.
އަދުރޭއަކީ ކުރީގެ ރައީސް ޔާމީން ޖަލަށް ލުމާއި ގުޅިގެން މިވަގުތު އިދިކޮޅު ކޯލިޝަންގެ ވަގުތީ ލީޑަރެވެ. އަދުރޭ ވަނީ މީގެ ދެތިން ދުވަސްކުރިން މާލޭގައި ވެކްސިން ޖެހުމާއި ދެކޮޅަށް ކުރި މުޒާހަރާ އަކާއި ގުޅިގެން ހައްޔަރުކޮށްފައި އެވެ. އެހެން ނަމަވެސް ކްރިމިނަލް ކޯޓުން ވަނީ އަދުރޭ ދޫކޮށްލާފައިއެވެ.