
breaking ބްރޭކިންގް
ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި މީހަކު ނިޔާވި މައްސަލައިގައި ފުލުހުންގެ އިހުމާލެއް ވާނަމަ ފިޔަވަޅު އަޅުއްވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވީ، ކުށުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި މީހަކު ނިޔާވެފައިވާތީ އެކަން ޕްރޮފެޝަނަލް ސްޓެންޑާޑްސް އިން މިހާރު ބަލަން ފަށާފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ކަމާ ގުޅުންހުރި އެހެން މުއައްސަސާތަކުން ވެސް އެ މައްސަލަ ހާއްސަ ސަމާލުކަމެއް ދެއްވައިގެން އަވަހަށް ބެއްލެވުމަށްވެސް ދަންނަވާފައިވާ ކަމަށްވެސް އިމްރާން ވިދާޅުވި އެވެ.
އިމްރާން އިތުރަށް ވިދާޅުވީ، މި މައްސަލާގައި ފުލުހުންގެ އިހުމާލުވެފައިވާކަމަށް ތަހުގީގަށް ސާބިތުވެއްޖެ ނަމަ އެކަމާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅު އެޅުއްވުމަށް ފަސް ނުޖެހޭނެ ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް، ނޫސްތަކަށް މައުލޫމާތު ދެމުން ވިދާޅުވީ މިއަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހަކު މެޔަށް ތަދެއް އަރައި ސީޒަރ އެއް ޖެހުން ފަދަ އަލާމާތްތަކެއް ފެނުމާ ގުޅިގެން ގދ. މަޑަވެލި ހެލްތް ސެންޓަރަށް ގެންދިޔަ ކަމަށާއި، ހެލްތު ސެންޓަރަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށް އޭނާ ބެއްލެވި ޑޮކްޓަރު ވިދާޅުވެފައިވާ ކަމަށެވެ.
ގާފު ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާ ނިޔާވެފައިވަނީ ގދ. ހޯނޑެއްދޫގައި ހިންގި ޑްރަގް އޮޕަރޭޝެއްގައި ހައްޔަރަށް ގެންދިޔަ ފަހުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އޮޕަރޭޝަނުގައި ދެމީހަކު ހައްޔަރުކޮށްގެން ލޯންޗެއްގައި ކަނޑުމައްޗަށް ނުކުތުމަށްފަހު ގދ. މަޑަވެއްޔަށް އެ ލޯންޗު ދިޔައީ ހައްޔަރުކުރި މީހުންގެ ތެރެއިން އެކަކު މެޔަށް ތަދެއް އަރައިގެންނެވެ.
އިތުރު ތަފްސީލް އަންނަނީ...