ގއ ކޮލަމާފުށި ޒަމަނީ ބަނދަރެއް ހެދުމުގެ މަޝްރޫއު ރަސްމީކޮށް ފަށައިފި އެވެ.
މި މަޝްރޫއު ރަސްމީކޮށް ފަށްޓަވައިދެއްވީ ގއ އަތޮޅު ކައުންސިލްގެ ރައީސް އަހުމަދު ފުއާދް އަދި ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިން އެވެ. މި މަޝްރޫއު ފައްޓާފައިވަނީ އިއްޔެ އެރަށު ބަނދަރުގައި ބޭޭއްވި ޙާއްސަ ރަސްމިޔްތެއްގައި އެވެ. މި ރަސްމިއްޔާތުގައި ގއ އަތޮޅު ކައުންސިލްގެ މެމްބަރުންނާއި ކޮލަމާފުށި ރަށު ކައުންސިލްގެ މެމްބަރުންގެ އިތުރުން އެރަށުގެ މުވައްސަސާތަކުގެ އިސްވެރިންވެސް ވަނީ ބައިވެރިވަޑައިގެންފައެވެ.
ކޮލަމާފުށީގައި ޒަމާނީ ބަނދަރެއް ހެދުމަށްޓަކައި ހަވާލުކޮށްފައިވަނީ ހެވީފޯސް ޕްރައިވެޓް ލިމިޓެޑާއިއެވެ. މަސައްކަތް ފެށުމަށް ބޭނުންވާ ވެހިކަލް ތަކާއި ބައެއް ސަމާނާއި އެކު ހެވީފޯސްގެ ކޮޅުވެއްޓެއް ވަނީ އިއްޔެ އެރަށުގައި ބަނދަރުކޮށްފައިއެވެ. ކޮލަމާފުށީގައި ޒަމާނީ ބަނދަރެއް ހެނދުމުގެ މަޝްރޫއު ހެވީފޯސްއާއި ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެވެ.
ކޮލަމާފުށި ބަނދަރު މަޝްރޫއުގެ ދަށުން އެރަށުގައި 548 މީޓަރުގެ ބޭރުތޮށިލައި، 550 މީޓަރުގެ އެއްގަމު ތޮށި ލާނެއެވެ. މީގެ އިތުރުން ހަތަރު ނެރުބައްތި ބަހައްޓައި، 28 ބަނދަރު ބައްތި ހަރުކުރާނެއެވެ. މީގެ އިތުރުން 66،330 ކިޔުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނަދަރު ފުންކުރުމާއި 5،750 ކިޔުބިކް މީޓަރު ގެ ސަރަހައްދެއްގެ ނެރު ފުންކުރާނެއެވެ. އަދި 404 މީޓަރުގެ ސަރަހައްދެއްގައި ރިވެޓުމެންޓު ޖަހައި 2،750 ސްކޮޔާ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމެންޓް ގާއިމް ކުރާނެއެވެ.