އޮސްޓްރޭލިޔާގެ މޫދަކަށް އެރިގެން އުޅުނު މި މީހާގެ ބޮލުގައި ކިނބޫ ދަތް އަޅަން އުޅުމުން އޭނާ ވަނީ އޭނާގެ އަތް ކިނބުލުގެ އަނގަ ތެރެއަށް ކޮށްޕައި އޭގެ އަނގައިގައި ހިފަހައްޓައި ވަރަށް ކުދި އަނިޔާތަކަކާއެކު ސަލާމަތްވެފައެވެ.
މިއާއެކު ގިނަ ބަޔަކު އޭނާ ސިފަކޮށްފައިވަނީ ވަރަށް ނަސީބުގަދަ މީހެއްގެ ގޮތުގައެވެ. އެއީ ކިނބުލެއްގެ ފަރާތުން ހަމަލާއެއް ލިބޭއިރު ބޮޑެތި އަނިޔާތަކަކާނުލައި ސަލާމަތްވުމަކީ ވަރަށް ނާދިރުކަމަކަށް ވާތީއެވެ.
44 އަހަރުގެ މި މީހާ ކިނބުލާ ކުރިމަތިލީ ކުއީންސްލޭންޑުގެ ލޭކް ޕްލެސިޑްގައި ފަތަމުން ދަނިކޮށް މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެ ކިނބޫ އޭނާގެ ބޮލުގައި ކުޑަކޮށް ދަތްވެސް އަޅާފައިވާއިރު ކިނބުލުގެ ފަރާތުން ސަލާމަތް ވާން އުޅުމުގެ ތެރޭގައި އޭނާގެ އިނގިއްޔަށް ކިނބުލުގެ ދަތް ވަދެފައިވާ ކަމަށް ޕެރެމެޑިކްސް އިން މައުލޫމާތު ދެއެވެ. އަދި އެ އިނގިލީގައި ކުޑަ ތަންކޮޅެއް ތިރީގައި ކިނބޫ ދަތް އެޅިނަމަ ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެ ކަމުގައި ބުންޏެވެ. އެއީ އެ ހިސާބަކީ ބޮޑެތި ލޭނާރުތަށް ހުންނަ ހިސާބަކަށް ވާތީއެވެ.
މި ހާދިސާއިން ސަލާމަތްވި މީހާ ބުނިގޮތުގައި އޭނާއަށް ހަމަލާދިން ކިނބުލުގެ ދިގުމިނުގައި ގާތްގަނޑަކަށް 4 ފޫޓާއި 5 ފޫޓާއި ދެމެދުގެ ދިގުމިނެއް ހުންނާނެއެވެ.
މިހާރު ކުއީންސްލޭންޑްގެ އެންވާރަމެންޓް ޑިޕާރޓްމެންޓުން ދަނީ އެ މީހާއަށް ހަމަލާދިން ކިނބޫ ހޯދައި އެ ކިނބޫ އެހެން ތަނަކަށް ބަދަލު ކުރުމުގެ މަސައްކަތްކުރަމުންނެވެ.