
ޚާއްސަ ހާލަތްތަކުގައި ދެވޭ ވެކްސިނެއްގެ ގޮތުގައި ކޮވިޝީލްޑަށް ހުއްދަ ދީފި
_116615786_mediaitem116615784
ޚާއްސަ ހާލަތްތަކުގައި ދިނުމަށް ރާއްޖޭގައި "ކޮވިޝީލްޑް" ވެކްސިނަށް ހުއްދަ ދީފިއެވެ.

މިކަން ހާމަކޮށް ހެލްތް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން އެ ވެކްސިން ދިނުމަށް ހުއްދަ ދީފައިވަނީ މި މަހުގެ 26 ވަނަ ދުވަހު ކަމަށެވެ. މިއީ ދާދި ފަހުން އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި އޮކްސްފޯޑުގެ އެސްޓްރާޒެނެކާއިން ތަރައްގީކޮށް، އިންޑިއާގެ ސީރަމް އިންސްޓިއުޓުން އުފައްދާފައިވާ ވެކްސިނެވެ.
މި ވެކްސިން ފުރަތަމަ ދޭން ފަށާނީ ރާއްޖޭގެ ސިއްހީ މަސައްކަތްތެރިންނާއި ފްރަންޓްލައިން މީހުންނާއި ބޮޑެތި ބަލިތަކަށް ފަރުވާ ކުރާ މީހުންނަށެވެ.
ދިވެހިރާއްޖޭގައި މި ވެކްސިން ބޭނުންކުރުމުގެ ހުއްދަ އޮތޯރިޓީން ދީފައިވަނީ، މި ކަމުގައި ބަލަންޖެހޭ ޓެކްނިކަލްކަންކަން ފުރިހަމައަށް ބަލައި ދިރާސާކުރުމަށްފަހު، އޮތޯރިޓީއަށް ފަންނީ ލަފާދޭ ޓެކްނިކަލް ބޯރޑު ކަމުގައިވާ ނޭޝަނަލް ފާރމަސޫޓިކަލް ބޯޑުގެ ލަފަޔާ މަޝްވަރާއާއި އެކުގައިވެސް ހުއްދަދީފައިވާކަން ހާމަކޮށް ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
އެ ބަޔާނުގައި އިތުރަށް ބުނީ "ކޮވިޝީލްޑް" އަކީ، އިނގިރޭސިވިލާތުގެ އޮކްސްފަރޑް ޔުނިވަރސިޓީއާއި އެސްޓްރާޒެނެކާ ގުޅިގެން ތައްޔާރުކޮށްފައިވާ އޮކްސްފޮރޑް-އެސްޓްރާޒެނެކާ ވެކްސިން، އެސް.އައި.އައި. އިން މެނުފެކްޗަރކޮށް ބާޒާރަށް ނެރެފައިވާ ބްރޭންޑްނަމެއް ކަމަށެވެ. އޮކްސްފޮރޑް-އެސްޓްރާޒެނެކާ ވެކްސިންއަކީ އިނގިރޭސިވިލާތުގެ ބްރިޓިޝް މެޑިސިންސް އެންޑް ހެލްތުކެއަރ ޕްރޮޑަކްޓްސް ރެގިއުލޭޓަރީ އެޖެންސީ 2020 ޑިސެންބަރު 30 ވަނަ ދުވަހު ހުއްދަކޮށްފައިވާ ވެކްސިންއެކެވެ.
އިތުރަށް ބަޔާނުގައި ބުނެފައިވަނީ ކޮމިޝީލްޑް ބްރޭންޑްގެ ވެކްސިންއަށް ހުއްދަ ދޫކޮށްފައި ވަނީ ކޯވިޑް-19 ގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް އުމުރުން 18 (އަށާރަ) އަހަރުން މަތީގެ މީހުންނަށް ބޭނުންކުރުމަށް ކަމަށެވެ. އަދި މި ވެކްސިން މާބަނޑު މީހުން ބޭނުންކުރުމުގެ ހުއްދަދެވިފައިނުވާނެކަމަށެވެ.
އެމް.އެފް.ޑީ.އޭ.އާއި މިނިސްޓްރީ އޮފް ހެލްތް އަދި ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) ގުޅިގެން މި ވެކްސިން މީހުންނަށް ދިނުމަށްފަހު ކުރިމަތިވެދާނެ ކަންކަންގާތުން މޮނިޓަރކުރަމުން ގެންދާނެކަމަށް ބަޔާނުގައިވެއެވެ. އަދި މި ވެކްސިންއަކީ ދިވެހިރާއްޖޭގައި ކޮވިޑް-19 ގެ ބަލިމަޑުކަމުގެ މި ޙާލަތުގައި ބޭނުންކުރުމުގެ ހުއްދަދީފައިވާ ފުރަތަމަ ވެކްސިންއެވެ. ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިޔު.އެޗް.އޯ) އިން އަދި ބައިނަލްއަޤްވާމީ އުސޫލުތަކުގެ ދަށުން ހެލްތް އެމަރޖެންސީ ޙާލަތުގައި ބޭނުންކުރުމަށް އައު ވެކްސިންތަކަށް ހުއްދަ ދޫކުރެވޭ މިންގަނޑުތަކަށް ދިވެހިރާއްޖޭގައި ކޮމިޝީލްޑް ބްރޭންޑްގެ ވެކްސިންއަށް ހުއްދަ ދިނުމުގައި ފުރިހަމައަށް ރިޢާޔަތްކޮށްފައިވާނެކަމަށް ބަޔާނުގައިވެއެވެ.