ހުވަދު އަތޮޅުގައި ފުރަތަމަ ހުޅުވުނު އެއާޕޯޓް، ގދ ކާޑެއްދޫ އެއާޕޯޓް އާރޯކުރުމުގެ ޙާއްސަ ހަރަކާތެއް ބޭއްވުމަށް ކާޑެއްދޫ އެއާޕޯޓުގެ މެނޭޖްމެންޓުން ނިންމައިފި އެވެ.
ކާޑެއްދޫ އެއާޕޯޓު އާރޯކުރުމުގެ ޚާއްސަ ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ މަހުގެ 30 ވާ ހޮނިހިރު ދުވަހުއެވެ. އަދި މި ހަރަކާތް ފެށުމަށް ހަމަޖެހިފައިވަނީ އެދުވަހުގެ ހެނދުނު 8:30 އިން މެންދުރު 12:00 އަށެވެ.
ކާޑެއްދޫ އެއަރޕޯޓު އާރޯކުރުމަށް ހިންގޭ ފުރަތަމަ ޙަރަކާތުގައި ބައިވެރިވުމުގެ ދައުވަތު ދީފައިވަނީ އެއާޕޯޓާއި އެންމެ ކައިރީގައިވާ ތިންރަށް ކަމުގައިވާ މަޑަވެލި، ހޯޑެއްދޫ އަދި ތިނަދޫގެ ރައްޔިތުންނަށެވެ. އެގޮތުން މުއައްސަސާތައް ތަމްސީލު ވާހެން މިރަށްރަށުގެ ރައްޔިތުން ގުޅިގެން މަސައްކަތުގައި ބައިވެރިވުމަށް ކާޑެއްދޫ އެއާޕޯޓުގެ މެނޭޖްމަންޓުން ވަނީ ދައުވަތު ދީފައިއެވެ.
ކާޑެއްދޫ އާރޯކުރުމަށް ކާޑެއްދޫ އެއާޕޯޓުގެ މެނޭޖްމަންޓުން ފެށުމަށް ހަމަޖެހިފައިވާ މި ހަރަކާތަކީ އެތަނުގެ މިހާރުގެ ޙާލަތު ރަގަޅު ކުރުމުގެ މަޤްސަދުގައި ފަށާފައިވާ ހަރަކާތެއްކަމަށް އެއެއާޕޯޓުގެ މެނޭޖްމެންޓުން މައުލޫމާތު ދެއެވެ.
ކާޑެއްދޫ އެއާޕޯޓް ރަސްމީކޮށް ހުޅުވައިފައިވަނީ 10 ޑިސެމްބަރ 1993 ގައެވެ. އެއާޕޯޓް ރަސްމީކޮށް ހުޅުވައިދެއްވީ އޭރުގެ ރައީސުލްޖުމްހުރިއްޔާ އަލް އުޘްތާޛް މައުމޫން އަބްދުލްޤައްޔޫމް އެވެެ.